ޚަބަރު

އިންޑިއާ ސަފީރު ފޮރިން މިނިސްޓްރީގެ އެބްސެޑަރ އެޓް ލާޖް ޑރ. ޢަލީ ނަޞީރާ ބައްދަލުކުރައްވައިފި


  • މިއީ ކުރިންވެސް ޝެޑިއުލްކުރެވިގެން ބޭއްވުނު ބައްދަލުވުމެއް

  • ދެ ޤައުމުގެ ގުޅުމާގުޅޭގޮތުން މަޝްވަރާކުރެވުނު

އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރް، ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖް ޑރ. ޢަލީ ނަޞީރު މުޙައްމަދާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައެވެ. މިއީ ކުރިންވެސް ރޭވިގެން ބޭއްވުނު ބައްދަލުކުރެއްވުމެއްކަމަށާއި، މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި އިންޑިއާގެ ގުޅުމާގުޅޭގޮތުން މަޝްވަރާކުރެވުނުކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވިދާޅުވިއެވެ. ނަމަވެސް ބައްދަލުވުމާގުޅޭ އިތުރު ތަފްޞީލެއް ފޮރިން މިނިސްޓްރީންވެސް އަދި އިންޑިއާ ހައިކޮމިޝަނުންވެސް ދެއްވާފައެއްނުވެއެވެ.

އިންޑިއާ ސަފީރު ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖާއި ބައްދަލުކުރައްވާފައި މިވަނީ އިންޑިއާގެ ބޮޑުވަޒީރާއި އިންޑިއާއަށް އިޙްތިރާމްކުޑަވާގޮތަށް ބައެއް ދިވެހިން ސޯޝަލް މީޑިއާގައި ފާޅުކޮށްފައިވާ ޚިޔާލުތަކާގުޅިގެން އެކި ފަރާތްތަކުން ކަންބޮޑުވުންފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. ސަރުކަރު މަޤާމުތަކުގައި ތިބެ އަވަށްޓެރި އިންޑިއާއަށް ކުޑައިމީސްވާގޮތަށް މީސްމީޑިއާގައި ޕޯސްޓް ކުރި ފަރާތްތައް ވަނީ ސަސްޕެންޑްކޮށްފައެވެ.