ދުނިޔޭގެ ވިޔަފާރި

އެމެރިކާއަށް އެތެރެކުރާ ލޮނުމެދުން ޤައުމީ ސަލާމަތަށް ނުރައްކާ އޮތްކަމަށް ބުނެފި


  • ޗައިނާއިން އެތެރެކުރާ ލޮނުމެދުން އޮތް ނުރައްކާ ބޮޑުކަމަށް ބުނޭ

  • ޗައިނާގައި ލޮނުމެދު ހައްދާއިރު އިންސާނުންގެ ނަޖިސް ބޭނުންކުރާކަމަށް ތުހުމަތުކުރޭ

  • ސައިންސްވެރިން ބުނަނީ އެއީ މައްސަލައެއް ނޫންކަމަށް

ޗައިނާއިން އެތެރެކުރާ ލޮނުމެދަކީ އެމެރިކާގެ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަމަށް އެ ޤައުމުގެ އިދިކޮޅު ޕާޓީގެ މެމްބަރަކު ތުހުމަތުކޮށްފިއެވެ.

ޗައިނާއަކީ ލޮނުމެދު އެންމެ ގިނައިން އެކްސްޕޯޓްކުރާ ޤައުމެވެ. އަދި އެމެރިކާއަކީ އެންމެ ގިނައިން ލޮނުމެދު ބޭނުންކުރާ އެއް ޤައުމެވެ. ނަމަވެސް ދެ ޤައުމުގެ މެދުގައި މި ވިޔަފާރީގައި ވަނީ ގިނަ މައްސަލަތަކެއްވެސް އުފެދިފައެވެ.

އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ޗައިނާގެ ވިޔަފާރިތަކުން ދަނީ ނުއަގުގައި އެމެރިކާގެ ބާޒާރަށް ލޮނުމެދުގެ ޝިޕްމަންޓްތައް ވައްދަމުންނެވެ. އެ މައްސަލައަށް ހައްލު ހޯދުމަށް އެމެރިކާއިން ވަނީ ނުވަދިހައިގެ އަހަރުތަކުން ފެށިގެން ޗައިނާއިން އެތެރެކުރާ ލޮނުމެދުން ނަގާ އެކި ޓެކްސްތައް ބޮޑުކޮށްފައެވެ. އޭގެ މައިގަނޑު މަޤްސަދަކީ އެހެން ފަރާތްތަކުން އެމެރިކާ ބާޒާރަށް ނެރޭ ލޮނުމެދާއި ޗައިނާގެ ލޮނުމެދުގެ އަގު އެއް ހަމައެއްގައި ހިފެހެއްޓުމެވެ.

އެމެރިކާގެ ވިޔަފާރިވެރިންނަށް ޗައިނާއިން އެތެރެކުރާ ލޮނުމެދުގެ ސަބަބުން އޮތް ވިޔަފާރީގެ ގެއްލުމުގެ އިތުރުން، އެމެެރިކާގެ ޤައުމީ ސަލާމަތަށްވެސް ޗައިނާއިން އެތެރެކުރާ ލޮނުމެދުން ނުރައްކާ އޮތްކަމަށް މިހާރު ދަނީ ތުހުމަތުކުރަމުންނެވެ.

ޗައިނާއިން އެތެރެކުރާ ލޮނުމެދަކީ ނުރައްކާ އޮތް އެއްޗެއްކަމަށް ތުހުމަތުކުރީ އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ، ސެނެޓްގައި ހިމެނޭ ރިޕަބްލިކަން ޕާޓީގެ މެމްބަރެއްކަމަށްވާ ރިކް ސްކޮޓްއެވެ. އޭނާ އެމެރިކާގެ ކޮމާސް ސެކްރެޓަރީ ނުވަތަ ވިޔަފާރިއާބެހޭ ވަޒީރަށް ފޮނުވި ސިޓީއެއްގައި ބުނީ ޗައިނާއިން އެތެރެކުރާ ލޮނުމެދަކީ ރައްކާތެރިނޫން ގޮތްތައް ބޭނުންކޮށްގެން ހައްދާ ލޮނުމެދުތަކެއްކަމަށެވެ. އެގޮތުން ޗައިނާގައި ލޮނުމެދު ހައްދާއިރު ގަސްކާނާގެ ގޮތުގައި ނަރުދާމާގެ ފެނާއި އިންސާނުންގެ ނަޖިސް ބޭނުންކުރާކަމަށް އޭނާ ވަނީ ތުހުމަތުކޮށްފައެވެ.

އެމެރިކާގެ ކޮމާސް ސެކްރެޓަރީއަށް ފޮނުވި ސިޓީގައި ސެނެޓް މެމްބަރު ވަނީ މިކަންކަން ތަހުގީޤްކޮށް، ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. އަދި ކާބޯތަކެތީގެ ރައްކާތެރިކަމަކީ އާއްމު ސިއްހަތާއި އިޤްތިޞާދުގެ އިތުރުން ޤައުމީ ސަލަމާތާއި ގުޅިފައިވާ ކަމެއްކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ޗައިނާއިން އެތެރެކުރާ ލޮނުމެދުގެ ރައްކާތެރިކަމާމެދު އެމެރިކާގެ ސެނެޓް މެމްބަރަކު ސުވާލު އުފެއްދިނަމަވެސް ކަމާއިބެހޭ ފަރާތްތަކުން އެކަން ދޮގުކުރެއެވެ. ކެނެޑާގެ ކިއުބެކްގެ މެކްގިލް ޔުނިވަރސިޓީގެ ސައިންސާއި ސޮސައިޓީއާބެހޭ އޮފީހުން ބުނީ ޗައިނާގައި ލޮނުމެދު އުފެއްދުމުގައި އިންސާނުންގެ ނަޖިސް ނުވަތަ ނަރުދަމާގެ ފެން ބޭނުންކުރާކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ފެނިފައިނުވާކަމަށެވެ.

މެކްގިލް ޔުނިވަރސިޓީން 2017 ވަނަ އަހަރު ޝާއިޢުކުރި އިލްމީ ލިޔުމެއްގައިވާ ގޮތުން ގަސްކާނާގެ ގޮތުގައި ޖަނަވާރުންގެ ނަޖިސް ބޭނުންކުރާގޮތަށް އިންސާނުންގެ ނަޖިސް ބޭނުންކުރުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. އަދި ގަސް ކާނާގެ ގޮތުގައި ދަނޑުތަކުގައި އިންސާނުންގެ ނަޖިސް ބޭނުންކުރުމަކީ އަޑުއަހަން ފަސޭހަކަމަކަށް ނުވިޔަސް، އެއީ ހީކުރާވަރުގެ ނުރައްކަލެއް އޮތްކަމެއް ނޫންކަމަށްވެސް އެ ޔުނިވަރސިޓީގެ ދިރާސާތަކުން ހޯދާފައިވެއެއެވެ.