ޚަބަރު

ޝަރުތު ހަމަނުވާ މީހުންނަށް ޕޯޓަލް ތެރެއިން މާކްސް ބަދަލުކޮށް ފްލެޓު ދީފައި އެބަހުރި: އޭސީސީ


  • ފެލެޓުތަކާއި ގުޅިގެން 7 ހާހަށްވުރެ ގިނަ ޝަކުވާ ހުށައެޅި

  • އޭސީސީއަށް އެކަނިވެސް 300އަށްވުރެ ގިނަ ޝަކުވާ

  • ޙައްގު ނޫން މީހުންނަށް ފްލެޓު ދީފައި އެބަހުރި

ފްލެޓު ލިބޭކަމަށް ޝަރުޠު ހަމަނުވާކަމަށް ގެދޮރުވެރިޔާ ޕޯޓަލުން ދެއްކިނަމަވެސް، ސްޕަވައިޒްކުރާ މީހުން ޕޯޓަލުގެ ތެރެއިން ޕޮއިންޓުތަކަށް ބަދަލުގެނެސް ޝަރުތު ހަމަވާކަމަށް ކަނޑައަޅަފައިވާކަން ހާމަވެފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ވިދާޅުވެއްޖެއެވެ. ކުރީ ސަރުކާރު ނިމެން ކައިރިވެފައިވަނިކޮށް، އަވަސް އަރުވާލައިގެން ފްލެޓު ދޫކުރުމުގެ މަސައްކަތް ކުރިނަމަވެސް، އޭސީސީން ވަނީ އެކަން ހުއްޓުވާފައެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އެކޮމިޝަން ވަނީ ޙާޒިރުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އޭސީސީގެ ނާއިބު ރައީސް ޢަބްދުއްސަލާމް ވިދާޅުވީ، ފްލެޓްގެ ފައިނަލް ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލި ފުރުޞަތުގައި ހައުސިން މިނިސްޓްރީއަށް 7000އަށްވުރެ ގިނަ ޝަކުވާ ހުށައެޅިކަމަށެވެ. އަދި އޭސީސީއަށްވެސް 300އަށްވުރެ ގިނަ ޝަކުވާ ހުށައަޅާފައިވާކަމަށް ސަލާމް ވިދާޅުވިއެވެ.

ފްލެޓް ލިބޭކަމަށް މީހުން ހޮވުމަށް ޕޮއިންޓް ދިން ގޮތުގެ ތަފްސީލް އާއްމުކުރުމަށް އޭސީސީން މިނިސްޓްރީއަށް ފުރަތަމަ އަންގާފައިވަނީ ނޮވެމްބަރު 5ވަނަ ދުވަހުއެވެ. ނަމަވެސް އެފަހަރު ފްލެޓާއި ގުޅޭ މަސައްކަތް ހުއްޓާލުމަށް އޭސީސީން އަންގާފައެއް ނުވެއެވެ. މަޖިލީހުގެ ކޮމިޓީގައި ސަލާމް ވިދާޅުވީ، ނޮވެމްބަރު 15ވަނަ ދުވަހު ފްލެޓާއި ގުޅޭ މަސައްކަތްތައް ހުއްޓާލުމަށް އޭސީސީން އެންގީ، ފުރަތަމަ ހުށައެޅުމުގައި ހިމެނޭ ގިނަ ކަންތައްތަކެއް އިސްލާހުނުކޮށް އަދި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެ މަސައްކަތް ކުރިއަށްދާކަމަށް ޝައްކު ކުރެވިގެންކަމަށެވެ. ކޮރަޕްޝަނެއް ހިންގާ ނިމުމާއި، ހިނގަމުންދާއިރާއި އަދި އެފަދަ ކަމަކަށް ޝައްކުވާހިނދުވެސް މައްސަލަ ބެލުމުގެ ބާރު ޤާނޫނުން އެކޮމިޝަނަށް އޮންނަކަން ސަލާމް ފާހަގަކުރެއްވިއެވެ.


އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް ވިދާޅުވީ އޭސީސީން މަސައްކަތް ކުރީ، މަސައްކަތް ހުއްޓާނުލާ ކަންކަން އިސްލާހުކޮށްގެން، އެ މަސައްކަތް ކުރުމުގެ ފުރުޞަތު އެ މިނިސްޓްރީއަށް ދިނުމަށްކަމަށެވެ. ނަމަވެސް އޭސީސީން އިސްލާހުކުރުމަށް އެންގި ކަންކަމާއި ޚިލާފަށް މިނިސްޓްރީން، އެ މަސައްކަތް ކުރިއަށްގެންދެވީކަމަށްވެސް ސަލާމް ވިދާޅުވިއެވެ.

ގެދޮރުވެރިން ޕޯޓަލް ފަރުމާކޮށްފައިވަނީ ޕޯޓަލްގެ ތެރެއިން މަރކްސް ޖެނެރޭތްވާގޮތަށް ނުވަތަ ލިބޭ މަރކްސް ފަސޭހައިން އެޅޭގޮތަށެވެ. އަބްދުލްސަލާމް ވިދާޅުވީ ފޯމުތައް ޗެކުކޮށް ނިމުމުން، އޭގެ މަތީ ސުޕަވައިޒް މަރުޚަލާގައި ޕޯޓާލްގެތެރެއިން ބަޔަކު މަރކްސް ބަދަލުކުރަމުންދާކަން ތަޙުޤީޤަށް އިންގެން އެބައޮތްކަމަށެވެ. އެކަން ހާމަވަނީ، ޝަރުތު ހަމަނުވާ ބައިތަކުންވެސް، މީހުންނަށް އިތުރަށް މަރކްސް ދީފައިވާތީކަމަށެވެ.

"ބައެއް ފޯމުތައް ޕޯޓަލްއިން އޮޓޯއިން މާރކްސްއަޅާއިރު ޝަރުތު ހަމައެއް ނުވޭ. ރިވިއުގައިވެސް ހަމަނުވޭ. ނަމަވެސް ފޯމު އެޕްރޫވްކޮށް މަތީ މަރުޙަލާއަށް ދިޔައީމަ، އެހިސާބުން ސުޕަވައިޒަރަކަށް ހުންނަ މީހުން އެ މާރކްސް އެބަ ބަދަލުކުރޭ." އޭސީސީގެ ނައިބު ރައީސް ޢަބްދުލްސަލާމް ވިދާޅުވިއެވެ.

ސަލާމް ވިދާޅުވީ، މާކްސް ދިނުމުގައި އިންސާފުން އުސޫލް ގެންގުޅެފައި ނުވާކަން ފާހަގަވެފައިވާކަމަށާއި، އެގޮތުން ދަރިން ނެތް މީހުންނަށްވެސް ދަރިން ތިބިކަމަށް މާކްސް ދީފައިވާކަމަށެވެ. އަދި މާލޭގައި ދިރިއުޅޭ މީހެއް ނޫންކަން ޔަގީންވާގީންވާހިނދުވެސް މާލޭގައި އުޅޭކަމަށް ބަލައި ގަސްދުގައި މަރކްސް ދީފައި ހުރިކަމަށްވެސް ސަލާމް ވިދާޅުވިއެވެ.

ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ، ފޯމާއެކު ހުށައަޅާ ރަސްމީ ލިޔެކިޔުންތަކުގެ ޞައްޙަކަން ޕޯޓަލުން ދެނެގަނެވޭނެކަމަށެވެ. އެގޮތުން އެޕޯޓަލް މެދުވެރިކޮށް ޑިޕަރޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން، ޑީއެންއާރާއި، ތަޢުލީމާއި، ޕެންޝަން އޮފީސް އަދި ސިވިލް ސަރވިސް ކޮމިޝަންފަދަ ތަންތަނުން ފަސޭހައިން މަޢުލޫމާތު ދެނެގަނެވޭކަންވެސް ޝާމިލް ފާހަގަކުރެއްވިއެވެ.


ޝާމިލް ވިދާޅުވީ ޕޯޓަލްގައި މި ފީޗާތަށް ހުރިނަމަވެސް ޕޮއިންޓް ދިނުމުގައި ނަހަމަ އުސޫލްތަކެއް ގެންގުޅެފައިވާކަމަށެވެ. އެއީ ޕޯޓަލްގެ މައްސަލައެއް ނޫންކަމަށާއި، އެއީ ގަސްތުގައި ކޮށްފައިވާ ކަމެއްކަން ސާފުކޮށް އެނގެން އެބައޮތްކަމަށް ޝާމިލް ވިދާޅުވިއެވެ. ޝާމިލް ވިދާޅުވީ ފޯމުތަކުގެ ޕޮއިންޓް ފައިނަލްކުރުމަށް ތިއްބެވީ ދެތިން މީހުންކަމަށެވެ.

"އިންސާނުން ހިމެނޭ މަރުޙަލާގައި މައްސަލަތައް މިހުރީ. ޕޯޓަލްއަކު ނޫން. އެހެންވެ މި މައްސަލައަށް ފީނަން މަޖުބޫރުވަނީ. ނުފޫޒު ބޭނުންކޮށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލައެއް މިއީ. ސައްޙަނޫންކަން ޔަގީންވާހިނދު މާރކްސް ދީފައި އެބަހުރި." އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވިއެވެ.

ކުރީ ސަރުކާރުގައި ހައްގު ނޫން މީހުންނަށްވެސް ފްލެޓު ލިބޭކަމަށް ލިސްޓުގައި ކަނޑައަޅާފައިވާކަން ހާމަވެފައިވާއިރު، މިސަރުކާރުގެ ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު ވިދާޅުވީ ފްލެޓު ލިސްޓު ރިވިއުކުރުމަށް ނިންމަވާފައިވާކަމަށެވެ. ޑރ.ޢަލީ ހައިދަރު ވިދާޅުވެފައިވަނީ، ނާ އިންސާފުން ފްލެޓު ދީފައިވާ މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި އާ ސަރުކާރުން ބައްލަވަމުންދާކަމަށެވެ. އަދި ފްލެޓުގެ ކަންކަން ރަނގަޅަށް ބަލާ، އެންމެ ޙައްގުވެރި މީހުންންނަށް ފްލެޓް ދޭނެކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.