ޚަބަރު

ބައެއް ދާއިރާތައް ކަނޑައެޅިގޮތަށް ބަދަލު ގެނެސް ދާއިމީ ރިޕޯޓު ޢާންމުކޮށްފި


ބައެއް ދާއިރާތައް ވަކިކުރާ ރޮނގު ނުވަތަ ބައުންޑްރީއަށް ބަދަލުގެނެސް، އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާގޮތުގެ ދާއިމީ ރިޕޯޓް އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށްފިއެވެ. ދާއިރާތައް ކަނޑައެޅިގޮތުގެ ދާއިމީ ރިޕޯޓް ޢާންމުކޮށްފައިމިވަނީ ޝަކުވާތަކަށް ހުޅުވާލި ފުރުޞަތުގައި ހުށައެޅި ޝަކުވާތަކަށް ރިޔާއަތްކުރުމަށްފަހުއެވެ.

ހިނގަމުންދާ 19ވަނަ ރައްޔިތުންގެ މަޖިލީހުގައި އިދާރާރީ ދާއިރާތައް ބައިކޮށްފައިވަނީ، 87 ދާއިރާއަކަށެވެ. ނަމަވެސް އާބާދީއަށް އިތުރުވުމާއިއެކު، އަލަށް އިންތިޚާބުކުރާ 20ވަނަ ރައްޔިތުންގެ މަޖިލީހަށް އިތުރު 6 ދާއިރާ އިތުރުވެއެވެ. އެހެންކަމުން 20 ވަނަ މަޖިލީހުގައި އިންތިޚާބީ 93 ދާއިރާ ހިމެނެއެވެ.

އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާގޮތުގެ ވަގުތީ ރިޕޯޓް އިލެކްޝަން ކޮމިޝަނުން ޢާންމުކުރީ ސެޕްޓެމްބަރު މަހުގެ 27ވަނަ ދުވަހުއެވެ. އެ ރިޕޯޓަށް ޝަކުވާއަށް ހުށައެޅުމަށް ހުޅުވާލި ފުރުޞަތުގައި 65 ޝަކުވާއާއި ޚިޔާލު ހުށައެޅިއެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ، ދާއިރާތައް ކަނޑައެޅުމުގެ ފައިނަލް ރިޕޯޓް ނެރެފައިވަނީ އެ ޝަކުވާތަކަށް ބެލުމަށްފަހުގައިކަމަށެވެ. މިއާއެކު އެކޮމިޝަނުން މިހާރު ވަނީ ދާއިރާތައް ކަނޑައެޅާފައިވާގޮތާއި، ޗާޓުތަކާއި، އާބަދީއާއި، އައިސްފައިވާ ބަދަލުތައް ގެޒެޓްކޮށްފައެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ، މައިގަނޑުގޮތެއްގައި ބަދަލުގެނެސްފައިވަނީ ރާއްޖޭގެ 3 ސަރަޙައްދެއްގެ އިދާރީ ދާއިރާތަކަށްކަމަށެވެ. އެއީ މާލެ ސިޓީއާއި، އައްޑޫ ސިޓީ އަދި ހުވަދު އަތޮޅު އުތުރުބުރީގެ ދާއިރާތަކަށެވެ.

ހަބީބު ވިދާޅުވީ، އައްޑޫ ސިޓީގައި ގެނެސްފައިވާ ބަދަލަކީ، ދާއިރާތަކުގެ އާބާދީ ހަމަހަމަކުރުމަށް ގެނައި ބަދަލުތައްކަމަށެވެ. އެގޮތުން، އައްޑޫ ސިޓީ ހިތަދޫ 3 ދާއިރާކަމަށްވާ، ހިތަދޫ މެދު ދާއިރާ، ހިތަދޫ އުތުރު ދާއިރާ އަދި ހިތަދޫ ދެކުނު ދާއިރާ ވަކިކުރާ ރޮނގު(ބައުންޑްރީ)އަށް ބަދަލު ގެނެސްފައިވާކަމަށެވެ. މި ބަދަލު ގެނައީ ދާއިރާތަކުގެ އާބާދީ އެއްހަމަކުރުމަށްކަމަށް ޙަބީބް ވިދާޅުވިއެވެ.

ދެން ބަދަލު ގެނައީ މާލެ ސިޓީގެ ދާއިރާތަކަށެވެ. މާލޭގައި މައްޗަންގޮޅި އަދި މާފަންނުގެ ދާއިރާތަކުގެ ބައުންޑްރީއަށް ވަނީ ބަދަލުގެނެސްފައެވެ. އަދި މި ދެ އަވަށުގައި ހިމެނޭ ދަފްތަރުގެ މީހުން މިހާރު ހިމަނާފައިވާނީ ހުޅުމާލެ މެދު ދާއިރާ އަދި ހުޅުމާލެ އުތުރު ދާއިރާގައެވެ. މި ބަދަލާއެކީ، ހުޅުމާލޭގެ އެ ދެ ދާއިރާގައިވެސް މިހާރު ބޮޑު އިންސައްތައަކީ ދަފްތަރަށް ނިސްބަތްވާ މީހުންނެވެ.

ހުޅުމާލެ އުތުރު ދާއިރާއަކީ މިހާރު، އަލަށް މީހުން އާބާދުވެފައިވަ ފޭސް-2 ސަރަޙައްދެވެ. ހުޅުމާލެ މެދު ދާއިރާއަކީ ފޭސް-1ގެ އުތުރު ސަރަޙައްދެވެ.

ދެން ބަދަލު ގެނެސްފައިވަނީ ހުވަދުއަތޮޅު އުތުރުބުރީގެ ދާއިރާތަކަށެވެ. އާބާދީ އިތުރުވުމާއި ގުޅިގެން ވިލިނގިލި ދާއިރާގައި މިހާރު ހިމެނޭނީ ވިލިނގިލި އެކަންޏެވެ. ދާންދޫ ދާއިރާއަކީ، ދާންދޫ، ނިލަންދޫ އަދި ކޮނޑޭ ހިމެނެއެވެ. ގެމަނަފުށީ ދާއިރާގައި ހިމެނޭނީ ގެމަނަފުށީގެ އިތުރުން ދެއްވަދުއާއި ކަނޑުހުޅުދޫއެވެ. ކޮލަމާފުށީ ދާއިރާގައި ހިމެނޭނީ ކޮލަމާފުއްޓާއި މާމެންދޫއެވެ.

އިންތިޚާބީ ދާއިރާތަކުގެ ނަންތައް ކަނޑައަޅާފައިވަނީ 31 މެއި 2023 ގެ ނިޔަލަށް އާބާދީއަށް އައިސްފައިވާ ބަދަލަށް ބަލައިގެންނެވެ.

ހިނގަމުން މިދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު އަންނަ އަހަރުގެ މެއި މަހުގެ 28 އަށް ހަމަވާނެއެވެ. އިލެކްޝަން ކޮމިޝަނުން އަންނަނީ، އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، ރަމަޟާންމަހުގެ ކުރިން ބޭއްވޭތޯ މަސައްކަތް ކުރަމުންނެވެ. އެކަމާގުޅޭގޮތުން މަޖިލީހާއެކުވެސް ދަނީ މަޝްވަރާކުރަމުންނެވެ.

ޤާނޫނު ބަޔާންކުރާގޮތުން ދައުރު ހަމަވުުމުގެ 120 ދުވަހުގެ ކުރިން އިންތިޚާބު ބޭއްވުމުގެ މަސައްކަތް ފަށަންޖެހެއެވެ. އަދި 19 ވަނަ މަޖިލީހުގެ ދައުރު ހަމަވުމުގެ އެއްމަސް ކުރިން އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކުރަންޖެހެއެވެ. އެއީ އަހަރުގެ އޭޕްރީލް 28 ވަނަ ދުވަހުގެ ކުރިންނެވެ.