ޚަބަރު

ޑެޕިއުޓީ ކޮމިޝަނަރު ޢަބްދުލްމަންނާނުއާއި، އަލީ ރަޝީދު މަޤާމުން ރިޓަޔަރ ކުރައްވަނީ


  • ދެ ބޭފުޅުން ރިޓަޔަރ ކުރައްވަނީ މިމަހުގެ 25 ވަނަ ދުވަހު

  • ޢަބްދުލްމަންނާން ގެންދަވަނީ، އެކްޓިން ޕޮލިސް ކޮމިޝަނަރގެ މަޤާމު އަދާކުރައްވަމުން

  • ކޮމިޝަނަރގެ މަޤާމު ހުސްވާތާ 45 ދުވަހުގެ ތެރޭގައި މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވަން ޖެހޭ

ފުލުހުންގެ ޚިދުމަތުގައި ޑެޕިއުޓީ ކޮމިޝަނަރުންގެ މަޤާމުގައި ތިއްބެވި، ޢަބްދުލްމަންނާނު ޔޫސުފާއި، ޢަލީ ރަޝީދު މަޤާމުން ރިޓަޔަރ ކުރައްވަން ނިންމަވައިފިއެވެ.

ފުލުހުން ވިދާޅުވީ، މި ދެބޭފުޅުން މަޤާމުން ރިޓަޔަރ ކުރެއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުކަމަށެވެ.

ބައެއް މިޑިއާތަކުގައި ވަނީ، އެ ދެ ބޭފުޅުން މަޤާމުން އިސްތިއުފާ ދެއްވާފައިވާކަމަށް އާއްމުކޮށްފައެވެ. މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ، އެ ދެ ބޭފުޅުން ނިންމަވާފައިވަނީ މިމަހުގެ 25 ދުވަހުން ފެށިގެން މަޤާމުން ރިޓަޔަރ ކުރެއްވުމަށްކަމަށެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލްމަންނާން ޔޫސުފް ގެންދަވަނީ، އެކްޓިން ޕޮލިސް ކޮމިޝަނަރގެ މަޤާމު އަދާކުރައްވަމުންނެވެ. މަންނާނު މި މަޤާމަށް ހަމަޖައްސަވާފައި ވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރެއްވުމާއި ގުޅިގެން، މިމަހުގެ 16 ވަނަ ދުވަހުއެވެ. އެެހެންކަމުން ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވަންދެން، ކޮމިޝަނަރގެ މަސްއޫލިއްޔަތުތައް އަދާކުރައްވަން ޖެހިވަޑައިގަންނަވައެވެ.

ޢަބްދުލްމަންނާން ޔޫސުފް ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރައްވާތާ 29 އަހަރު ވަނީ ވެފައެވެ. ޤަނޫނު ބުނާގޮތުން ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމު ހުސްވާތާ 45 ދުވަހުގެ ތެރޭގައި، އެ މަޤާމަށް ބޭފުޅަކު އައްޔަން ކުރަން ޖެހެއެވެ. މި މަޤާމަށް ބޭފުޅަކު އައްޔަންކުރައްވަނީ، ޕޮލިސް ބޯޑާއި، ހޯމް މިނިސްޓަރުގެ ލަފަޔާއެކުއެވެ.