ޚަބަރު

ޤާޒީ ޢަލީ އާދަމް ވަކިކުރުމުގެ މައްސަލަ ޖުޑީޝަރީ ކޮމެޓީއަށް


  • ޢަލި އާދަމް ވަކި ކުރުމަށް ފޮނުވާފައިވަނީ ވަރިވުމަށްއެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކުރުމުން

  • ޢަލީ އާދަމްގެ މައްސަލަ ބެލިއިރު މެސެޖުކޮށްފައިވަނީ ނުނިޔަތެއްގައި ކަން ވަނީ އެނގިފަ

  • މެއި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އޭނާ ވަނީ ސަސްޕެންޑް ކޮށްފަ

ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމް ފަނޑިޔާރު ކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ފޮނުވައިފިއެވެ.

އަލްއުސްތާޛު ޢަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށްއެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށް ހެދިކަމަށް ބުނެ ހުށަހެޅި މައްސަލަ ތަޙުޤީޤުކުރުމަށްފަހުއެވެ.

މިކަމާގުޅިގެން އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނުގައި ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމްއާ ގުޅޭގޮތުން ތަޙުޤީޤު ކުރި މައްސަލައިގައި، ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި މައްސަލަ އެކޯޓުގައި ހިނގަމުންދަނިކޮށް، އެ ޤަޟިއްޔާ ބަލަމުންދިޔަ އިސްމެޖިސްޓްރޭޓް ޢަލީ އާދަމް، ދަޢުވާގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށް، ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން ޝަރީޢަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި، ރަޙްމަތްތެރިކަން ބާއްވަން ހުށަހަޅާފައިވާކަން ތަޙުޤީޤަށް ހާމަވެފައިވާކަމަށެވެ.

އަދި ދެމަފިރިކަމުގެ ގުޅުމުގެ ޒާތީ މަޢުލޫމާތު އަހައި، މި ނޫން ވެސް ޒާތީ އެކި މެސެޖުތައްކޮށް، ކުރާ މެސެޖުތައް ޑިލީޓްކޮށްފައި ބެހެއްޓުމަށް އެދި މެޖިސްޓްރޭޓް ޢަލީ އާދަމް މުވާސަލާތު ކޮށްފައިވާކަން، ތަޙުޤީޤަށް ލިބިފައިވާ ސްކްރީންޝޮޓްތަކުންނާއި، ބަޔާންތަކުން އަދި އިސްމެޖިސްޓްރޭޓް ޢަލީ އާދަމްގެ އިޢުތިރާފުން ސާބިތުވާކަމަށެވެ.

ހަމައެހެންމެ އިސްމެޖިސްޓްރޭޓް ޢަލީ އާދަމް ކޮށްފައިވާ މެސެޖުތައް ހުރި ގޮތަށް ބަލާއިރު، އިސްމެޖިސްޓްރޭޓް ޢަލީ އާދަމް މަސައްކަތްކޮށްފައި ވަނީ ނުނިޔަތެއްގައި ނުރަނގަޅު މަޤުސަދެއް އޮވެގެން، އެ ޚަސްމު އެ ވަގުތު ހުރި ނާޒުކު ޙާލަތުގެ ނާޖާއިޒު ފައިދާ ނެގުމުގެ ގޮތުންކަން ސާބިތުވާކަމަށްވެސް ޖޭ.އެސް.ސީއިން ވިދާޅުވެއެވެ.

އަލީ އާދަމްގެ މައްސަލަ ބަލަން ފެށުމާ އެކު މިދިޔަ މެއި 25 ވަނަ ދުވަހުން ފެށިގެން އޭނާ ހުރީ ވަޒީފާއަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑްކޮށްފައެވެ.