ޚަބަރު

ނިޒާމީ ވޯޓަށް އިތުރު ވަގުތުދޭން އިލެކްޝަންސް ކޮމިޝަނުން އެދިއްޖެ


  • އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގަތީ ނިޒާމީ ވޯޓަށް އިތުރު ވަގުތު ދެއްވުމަށް

  • ރަޖިސްޓްރީ އެކުލަވާލުމާއި ވޯޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅޭނެ އިންތިޒާމުތައް ހަމަޖައްސަންޖެހޭ

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަށް އާއްމުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓުގެ ކުރިން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ހުރުމުން، ވޯޓުނެގުމަށް އިތުރު ވަގުތުދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންފިއެވެ.

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް ޢާންމުންގެ ފެންނަ ނުފެންނަ ވޯޓެއް މިމަހުގެ 30ގެ ކުރިން ނެގުމަށް ގޮވާލާ މަޖިލީހުން ފާސްކުރި ގަރާރު އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުއްވިއެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޤަރާރުގައި ޤާނޫނީ ސުވާލުތަކެއް ހުރިކަމަށް ވިދާޅުވެ އެކަންކަން ސާފުކުރެއްވުމަށް އަނބުރާ މަޖިލީހަށް ފޮނުއްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ނިޒާމީ ވޯޓު ނަގާނަމަ އިލެކްޝަންސް ކޮމިޝަނުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭތީ އިތުރު ވަގުތު ދެއްވުމަށް އެދިވަޑައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވާފައެވެ. މިވޯޓާ ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުމާއި ވޯޓުލާ މީހުންގެ ރަޖިސްޓްރީ އެކުލަވާލުމާއި ވޯޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި ވޯޓާ ގުޅޭ ކަންކަމަށް ވަގުތު ބޭނުންވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

މީގެ އިތުރުން ވޯޓުގެ ކަންކަން ކުރިއަށް ގެންދިއުމަށް ވޯޓު ކަރުދާހުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ސުވާލުގެ އިބާރާތް އޮންނަންވީ ގޮތާއި ނިޒާމީ ވޯޓުގެ ގަރާރުގައި ގޮވާލާފައިވާ ކަންތަކާ އެއްކޮޅަށް ހުރި ހުއްޖަތްތަކާއި ދެކޮޅަށް ހުރި ހުއްޖަތްތަކުގެ މައުލޫމާތު ކަރުދާހެއްގެ އިތުރުން އިންތިޚާބަށް ބޭނުންވާ ބަޖެޓުގެ ކަންކަން އަވަހަށް ފާސްކޮށްދެއްވުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އެދިވަޑައިގެންފައެވެ.

2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށެވެ.

ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯޓުލުމަށް ރަޖިސްޓްރީކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.