ޚަބަރު

ޕޯސްޓް މެދުވެރިކޮށް އެތެރެކުރަން އުޅުނު 480 ގްރާމްގެ މަސްތުވާތަކެތި އަތުލައިފި


  • މަސްތުވާތަކެތި ފެނުނީ ނެދަލެންޑުން ރާއްޖެ ގެނެސްފައިވާ ޕެކޭޖަކުން

  • މަސްތުވާތަކެތި އަތުލައިގަނެފައިވަނީ އޯގަސްޓް 14 ވަނަ ދުވަހު

  • މިތަކެތި ތަހުލީލުކުރިއިރު މެފެޑްރޯންއަށް ވަނީ ޕޮޒިޓިވްވެފައި

ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު 480 ގްރާމްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ.

މިތަކެތި އަތުލައިގަނެފައިވަނީ އޯގަސްޓް 14 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ނެދަލެންޑުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރަމުންދިޔައިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިތުރަށް ޗެކްކުރުމުގެ ތެރޭގައިކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ބަލާފާސްކުރެވުނު ޕެކޭޖްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯންއަށް ވަނީ ޕޮޒިޓިވްވެފައެވެ. އަދި މިތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު ޖުމްލަ 480.10 ގްރާމް ހުރިކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

މިމައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ހަވާލުކޮށްފައިކަމަށްވެސް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.