ޚަބަރު

ބާތިލް ވޯޓު ގިނަވުމުން ކަންބޮޑުވުން، މަޖިލިސް އިންތިޚާބަށް ހައްލެއް ހޯދަނީ


  • ފުރަތަމަ ބުރުގައި ބާތިލް ވޯޓުގެ ގޮތުގައި 4835 ބާތިލް ވޯޓު

  • ދެވަނަ ބުރުގައި ބާތިލް ވޯޓުގެ ގޮތުގައި 7888 ވޯޓު

  • މަޖިލިސް އިންތިޚާބަށް ބާތިލް ވޯޓުގެ މައްސަލަ ހައްލު ކުރުމަށް ދަނީ މަސައްކަތް ކުރަމުން

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށްވުރެ ދެވަނަ ބުރުގައި ބާތިލް ވޯޓު ގިނަވުމަކީ ކަންބޮޑުވުން އޮތް ކަމެއް ކަމަށާއި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ބާތިލް ވޯޓުގެ ގޮތުގައި 4835 ބާތިލް ވޯޓު ލާފައިވެއެވެ. ދެވަނަބުރުގައި އެއަދަދު ވަނީ ބޮޑު ތަނުން އިތުރުވެފައެވެ. ދެވަނަ ބުރުގައި ބާތިލް ވޯޓުގެ ގޮތުގައި 7888 ވޯޓު ލާފައިވެއެވެ. މިހާ ގިނަ ޢަދަދެއްގެ ވޯޓު ބާތިލްވުމުން ޢާންމު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރާނެކަމަށް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށްވުރެ ދެވަނަބުރުގައި އެކާވީސް ހާހަށްވުރެ ގިނަ މީހުން ވޯޓުލާފައިވާއިރު، ވޯޓުލީ މީހުންގެ އިންސައްތަވެސް %87 އަށްވުރެ މަތި ކަމަށެވެ. އެހެންނަމަވެސް، ފުރަތަމަ ބުރަށްވުރެ ދެވަނަ ބުރުގައި ބާތިލް ވޯޓު ގިނަވުމަކީ، ކޮމިޝަނުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ހަބީބް ވިދާޅުވިއެވެ.

މިކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ކޮމިޝަންގައި މަޝްވަރާކޮށް މިކަމަށް ހައްލު ހޯދޭނެ ގޮތްތަކެއް ބަލައި ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް ކޮމިޝަނުން ހައްލު ތަކެއް ހޯދާނެކަމަށް ހަބީބް ވިދާޅުވިއެވެ.

އެއް އިންތިޚާބެއްގެ ތަޖްރިބާގެ އަލީގައި، އަނެއް އިންތިޚާބެއްގައި، ވޯޓުލާ މީހުންނަށް ވީހާވެސް ފަސޭހަވާނޭހެން، ކަންތައްތައް ތަރުތީބުކޮށް އިސްލާޙް ކުރުމަށް، ކޮމިޝަނުގެ މުވައްޒަފުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށާއި، ނަމަވެސް، ބަޖެޓްގެ ތާށިކަމާހުރެ، އެންމެ ފުރިހަމައަށް، އެންމެ ބާރު ސްޕީޑްގައި ކަންތައްތައް ނުކުރެވޭ ކަމަށް ހަބީބް ވިިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ޓީމަކީ ގޮންތަކާއެކުވެސް، ނަޒާޙަތްތެރިކަން އިސްކޮށް، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ވާޖިބު އަދާކުރުމުގައި އެފަދަ ދެވަނައެއްނެތް ހުނަރުވެރި ޤާބިލް ޓީމެއްކަމަށް ހަބީބް ވިދާޅިއެވެ.

ރިޔާސީ އިންތިޚާބު 2023 ގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ، އިލެކްޝަންސް ކޮމިޝަނުން ރޭ ވަނީ، ޢާންމު ކުރައްވާފައެވެ. އަދި މިއަދު ވަގުތީ ނަތީޖާގެ ޖުމްލަ ނަތީޖާވެސް، އިޢުލާން ކުރެވިގެންދާނެއެވެ. އިންތިޚާބު ކާމިޔާބު ކުރެއްވި ޑރ. މުއިއްޒަށް 129،159 ވޯޓު ލިބިވަޑައިގެންނެވިއެވެ. މިއީ ވޯޓުލީ މީހުންގެ %54.04 ވޯޓެވެ. ރައީސް ޞާލިހަށް 109،868 ވޯޓު ލިބިވަޑައިގެންނެވިއެވެ. މިއީ ވޯޓުލީ މީހުންގެ %45.96 ވޯޓެވެ.