ޚަބަރު

ދެކުނުތަނޑީގެ ޤައުމުތަކުން އިސް ސަފަށް އަރަން ޖީ77 އަދި ޗައިނާއިން ގޮވައިލައިފި


ދުނިޔޭގެ ނާރެހެއް ކަމަށް ބަލާ ތަނޑީގެ ދެކުނު ކޮޅުގައި އޮންނަ ޤައުމުތަކުން ބައިނަލްއަޤުވާމީ މަސްރަޙުގެ އިސް ސަފަށް އަރައި، މިހާރަށްވުރެ އިސް ދައުރެއް އަދާ ކުރުމަށް ގޮވައިލާ ޖީ77 އަދި ޗައިނާގެ ބައްދަލުވުން ކެރީބިޔަންގެ ޤައުމެއް ކަމުގައިވާ ކިޔުބާގެ ވެރިރަށް ހަވާނާގައި ފަށައިފިއެވެ. ޖީ77ގައި ހިމެނެނީ ތަރައްޤީވަމުން އަންނަ ޤައުމުތަކާއި ޗައިނާއެވެ.

ދުނިޔޭގެ އާބާދީގެ 80 އިންސައްތަ ތަމްސީލު ކުރާ ޖީ77 އަދި ޗައިނާގެ ބައްދަލުވުން ފަށާފައި މި ވަނީ، ބައިނަލްއަޤުވާމީ މަސްރަޙުގައި ހުޅަނގުގެ ބާރާއި ނުފޫޒު ހިންގާތީ އެ ކަމާ މެދު އޮތް ކަންބޮޑުވުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ޖީ77ގެ ބައްދަލުވުމުގެ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލަތަކުގެ ތެރޭގައި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާއި، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން ދުނިޔޭގެ އިޤުތިޞާދީ ހާލަތު ހިމެނެއެވެ.

"މިއޮތްހާ ދުވަހު އުތުރުތަނޑީގެ ޤައުމުތަކުން ދިޔައީ ބައިނަލްއަޤުވާމީ މަސްރަޙަށް ބާރާއި ނުފޫޒު ފޯރުވަމުން. ގޮތް ކިޔަމުން. ގޮތް ނިންމަމުން. އެ ޤައުމުތަކުގެ މަސްލަޙަތު ހިމާޔަތް ކުރަން ފިޔަވަޅުތައް އަޅައި، ނިންމުންތައް ނިންމަމުން. މިއަދަކީ އެ ކަން ބަދަލު ކުރަން މަސައްކަތް ފަށަން ޖެހޭ ދުވަސް. ދެކުނުތަނޑީގެ ޤައުމުތަކުން ތެދުވަންވީ ދުވަސް،" ޖީ77 ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކިޔުބާގެ ރައީސް މިގެލް ދިއާޒް-ކަނެލް ވިދާޅުވިއެވެ.

އޭނާ ސިފަ ކުރެއްވި ގޮތުގައި، އުތުރުތަނޑީގެ ޤައުމުތަކުން އެ ޤައުމުތަކުގެ އަމިއްލަ މަސްލަޙަތު ހިމާޔަތްކުރަން ނަގާފައިވާ ފިޔަވަޅުތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ ދެކުނުތަނޑީގައިވާ ތަރައްޤީވަމުން އަންނަ ޤައުމުތަކަށެވެ. އޭނާ ވިދާޅުވީ، ވިޔަފާރީގެ ދާއިރާއިން ވެސް އުތުރުތަނޑީގެ ޤައުމުތަކުން ނާއިންސާފުން އަމަލު ކުރަމުންދާ ކަމުގައެވެ. އަދި، ދުނިޔެ ހޫނުވުމުގެ މައްސަލައިގެ އެންމެ ބޮޑު ބުރައާއި ތަކުލީފު އުފުލަން ޖެހިފައި ވަނީ ދެކުނުތަނޑީގެ ޤައުމުތަކަށް ކަމުގައެވެ.

ޖީ77ގެ ބައްދަލުވުމުގައި އެފްރިކާއާއި، އޭޝިޔާގެ އިތުރުން ލެޓިން އެމެރިކާގެ 30 ޤައުމެއްގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާއިރު، މި ބައްދަލުވުމުގެ އ.ދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވެސް ބައިވެރިވެ ވަޑައިގަންނަވާ ކަން ފާހަގަ ކުރެވެއެވެ. ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގުތެރޭޝް ވިދާޅުވީ، ބައިނަލްއަޤުވާމީ މަސްރަޙުގައި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ބައިވެރިވުން އިތުރު ކުރަން ޖެހޭ ކަމުގައެވެ.

ޖީ77އަކީ 1964 ވަނަ އަހަރު 77 ޤައުމުގެ ބައިވެރިވުމާ އެކު އެކުލަވައިލާފައިވާ ގުޅުމެކެވެ. ޖީ77 އެކުލެވިގެން ވަނީ ދުނިޔޭގެ ދެކުނުތަނޑީގެ ޤައުމުތަކުގެ މައްޗަށެވެ. މި ގުޅުމުގެ މެންބަރު ޤައުމުތަކުގެ ޢަދަދު މިހާރު 134 އަށް އަރާއިރު، ހަވާނާ ސަމިޓުގައި ޗައިނާއިން ވެސް ބައިވެރިވެއެވެ. ނަމަވެސް، ޗައިނާއަކީ އެ ގުޅުމުގެ މެންބަރު ޤައުމެއްގެ ގޮތުގައި އެ ޤައުމަކުން ނުދެކެވެ. ހަވާނާ ސަމިޓުގައި ޗައިނާ ތަމްސީލު ކުރައްވަނީ އެ ޤައުމުގެ ވެރިކަން ކުރާ ކޮމިޔުނިސްޓު ޕާޓީގެ އިސް އޮފިޝަލެއް ކަމުގައިވާ ލީ ޝީއެވެ.