ޚަބަރު

ދިވެހި ޤައުމުގެ މިނިވަންކަން ޙިމާޔަތްކުރާނަން: ޑރ.މުޢިއްޒު


  • މުޢިއްޒު ވަނީ ޤައުމުގެ މިނިވަންކަމާމެދު ސުވާލުއުފައްދަވާފަ

  • 1500 ހައުސިން ގަލޮޅުގައި އަޅާނެކަމަށް ވިދާޅުވި

ދިވެހި ޤައުމުގެ މިނިވަންކަން ޔަޤީންކަމާއެކީ ހިމާޔަތްކޮށްދެއްވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މުއިއްޒު މިހެން ވިދާޅުވީ މާލޭ ގަލޮޅުގައި ޖަގަހައެއް ހުޅުވުމަށް ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ ޕީޕީއެމް ޕީއެންސީ އަބަދުވެސް އެންމެ ފުރަތަމަ އިސްކުރާނީ ޤައުމުކަމަށާ، އެކަން ފާއިތުވެދިޔަ މާޒީގައިވެސް ދައްކަވާފައިވާކަމަށެވެ. އެހެންކަމުން ރައްޔިތުން ގޮތް ނިންމާއިރު މިކަންކަމަށް ވިސްނުމަށް މުއިއްޒު އެދިވަޑައިގެންނެވެވިއެވެ. އަދި ރައްޔިތުން ބޭނުންވާ ފުރިހަމަ ތަރައްޤީއެއް ގެނެވޭނީވެސް އޭރުންކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

"މިދިވެހި ގައުމުގެ މިނިވަންކަން ހިމާޔަތްކޮށްދޭނަން އަދި އެކަން ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއްކޮށްދޭނަން، ގޮތް ނޭނގޭގޮތައް ހަދާފައި ހުންނަ އެގްރިމަންޓްތަކަކުން ފޮނުވާފައި ހުންނަ ސިޓީއަކުން ދިވެހި ގައުމުގެ ފަސްގަނޑާ ކަނޑާ ވަޔާ ޖައްވު ދުލެއް ނުކޮށްލާނަން." ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޕީއެންސީގެ ވެރިކަމެއްގައި ތަރައްޤީއަށް ކުރައްވާނެ ބައެއް މަސައްކަތްތަކަށް އަލިއަޅުއްވަލައްވަމުން މުޢިއްޒު ވިދާޅުވީ، 1500 ހައުސިން ޔުނިޓްގެ މަޝްރޫއުއެއް ގަލޮޅު ދެކުނު ދާއިރާގައި ކުރިއަށްގެންދަވާނެކަމަށެވެ. އަދި ސިނަމާލެ ފްލެޓުތައް ތަޅާލާއި އެތަނުގައި ދިރިއުޅޭ 128 އާއިލާއަށް ތަނަވަސް ބޯހިޔާވަހިކަމެއް ފޯރުކޮށްދެއްވާނެކަމަށްވެސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.