ދުނިޔޭގެ ވިޔަފާރި

ޖަޕާނުގެ ސީފުޑް އެތެރެކުރުން ޗައިނާ، މަކާއޯ އަދި ހޮންގކޮންގުން ހުއްޓާލައިފި


  • މިއީ ފުކްޝިމާ ނިއުކްލިއަރ ޕްލާންޓުން ރޭޑިއޯ އެކްޓިވް ފެން ކަނޑަށް ބޭރުކުރަން ނިންމުމާއި ގުޅިިގެން އެޅި ފިޔަވަޅެއް

  • ޗައިނާ، މަކާއޯ އަދި ހޮންގކޮންގަކީ ޖަޕާނުން އެންމެ ގިނައިން ސީފުޑް އެކްސްޕޯޓްކުރާ ޤައުމު

ޖަޕާނުން އެކްސްޕޯޓްކުރާ ސީފުޑްގެ ބާވަތްތައް އެތެރެކުރުން ހޮންގކޮންގ އަދި މަކާއޯއިން މަނާކުރުމަށް ނިންމި ނިންމުމާއި ގުޅިގެން ސީފުޑްގެ ވިޔަފާރިއަށް ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިވާނޭކަމަށް ޖަޕާނުގެ ކަމާއިބެހޭ ފަރާތްތަކުން ބުނެފިއެވެ.

ޖަޕާނުން އެކްސްޕޯޓްކުރާ ސީފުޑްގެ ބާވަތްތައް އެތެރެކުރުން ހޮންގކޮންގ އަދި މަކާއޯއިން މަނާކުރުމަށް ނިންމީ މީގެ 10 ވަރަކަށް އަހަރުކުރިން ގޮވި ފުކްޝިމާ ނިއުކްލިއަރ ޕްލާންޓުން ބޭރުވި ރޭޑިއޯ އެކްޓިވް ފެންތައް ކަނޑަށް ބޭރުކުރަން ނިންމުމާއި ގުޅިގެނެވެ.

2011 ވަނަ އަހަރު ފުކްޝިމާ ނިއުކްލިއަރ ޕްލާންޓަށް ބޮޑެތި ގެއްލުންތަކެއް ލިބި، ރޭޑިއޯ އެކްޓިވް ބޭރުވާން މެދުވެރިވީ، ރެކްޓަރ މިންގަނޑުން 9.0 މެގްނިޓިއުޑްގެ ބާރު މިނުގައި އައި ބިން ހެލުމަކާއި އަދި ބިން ހެލުމާއި ގުޅިގެން އުފެދުނު ސުނާމީއާ ގުޅިގެނެވެ.

10 ވަރަކަށް އަހަރަށްފަހު އެ ޕްލާންޓުގައި ހުރި 1 މިލިއަން ޓަނުގެ ރޭޑިއޯ އެކްޓިވް ފެންތައް ކަނޑަށް ބޭރުކުރަން ޖަޕާނުން މިހާރު ފަށާފައިވާއިރު، ބައެއް ޤައުމުތަކުން ވަނީ ޖަޕާނުން އެކްސްޕޯޓްކުރާ ސީފުޑްގެ ބާވަތްތައް އެތެރެކުރުން މަނާކޮށްފައެވެ. އެގޮތުން ޗައިނާއާއި، ޗައިނާގެ ދަށުގައި އޮންނަ ހޮންގކޮންގ އަދި މަކާއޯއަށް ޖަޕާނުގެ ބައެއް ސަރަހައްދުތަކުން އެކްސްޕޯޓްކުރާ ސީފުޑްގެ ބާވަތްތައް އެތެރެކުރުން ވަނީ މަނާކޮށްފައެވެ. އެގޮތުން ފުކްޝިމާއާއި ޓޯކިޔޯ ހިމެނޭހެން ޖަޕާނުގެ 10 ސަރަހައްދަކުން ސީފުޑް އެތެރެކުރުން ވަނީ މަނާކޮށްފައެވެ.

ޖަޕާނުގެ އެގްރިކަލްޗަރ، ފޮރެސްޓްރީ އެންޑް ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ ޤައުމުގެ ސީފުޑް އެތެރެކުރުން ޗައިނާއާއި، ހޮންގކޮންގ އަދި މަކާއޯއިން މަނާކުރުމާއި ގުޅިގެން ލިބޭނެ ގެއްލުން އަދަދުން ބުނެދޭން ނޭނގުނަސް، ވަރަށް ބޮޑު ގެއްލުމެއް ލިބޭނެކަމަށް އަންދާޒާކުރެވޭކަމަށެވެ.

ޖަޕާނުން ސީފުޑް އެންމެ ގިނައިން އެކްސްޕޯޓްކުރާ ޗައިނާއިން ވަނީ މިދިޔަ އަހަރު 600 މިލިއަން ޑޮލަރުގެ ސީފުޑް އިމްޕޯޓްކޮށްފައެވެ. އަދި ދެވަނައަށް އެންމެ ގިނައިން ޖަޕާނުގެ ސީފުޑް އެކްސްޕޯޓްކުރާ ހޮންގކޮންގުން ވަނީ މިދިޔަ އަހަރު 75.5 ބިލިއަން ޔެންގެ ސީފުޑް އިމްޕޯޓްކޮށްފައެވެ.

ޖަޕާނުން ޗައިނާއަށް ސީފުޑް އެކްސްޕޯޓްކުރުން މަނާކުރުމަށްފަހު ޗައިނާއިން ވަނީ ރަޝިޔާގެ 9 ކުންފުންޏަކުން އެ ޤައުމަށް ސީފުޑް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފައެވެ.

ޖަޕާނުން ސީފުޑް އިމްޕޯޓްކުރުން އަވަށްޓެރި ބައެއް ޤައުމުތަކުން މަނާކުރުމުން ޖަޕާނުގެ އޮފިޝަލުން ވިދާޅުވީ، އެ ނިންމުން ނިންމާފައިވަނީ އެއްވެސް ސައިންޓިފިކް ހެއްކެއްގެ މައްޗަށް ބިނާކޮށް ނޫންކަމަށެވެ. އަދި ރޭޑިއޯ އެކްޓިވް ފެންތައް ކަނޑަށް ބޭރުކުރިނަމަވެސް، ކަނޑުގެ ޕޮލިއުޝަން މިންވަރު ހުންނާނީ ރައްކާތެރިކަމަށް ކަނޑައަޅާ މިންވަރުގައިކަމަށާއި މިއީ އެހެން ޤައުމުތަކުންވެސް މިފަދަ ރޭޑިއޯ އެކްޓިވް ފެނާއިމެދު އަމަލުކުރާ ގޮތްކަމަށް އޭނާ ވިދާޅުވިއެވެ.

ޖަޕާނުގެ ކަމާއިބެހޭ ފަރާތްތަކުން ބުނާގޮތުން ރޭޑިއޯ އެކްޓިވް ފެން ކަނޑަށް ދޫކުރަމުންދާނީ މޮނިޓަރކުރަމުންކަމަށެވެ. އަދި އާދަޔާ ހިލާފަށް ރޭޑިއޯ އެކްޓިވް މާއްދާތައް ގިނަވާކަމުގައިވާނަމަ އެ މަސައްކަތް ހުއްޓާލާނެކަމަށްވެސް ޖަޕާނުގެ ކަމާއިބެހޭ އޮފިޝަލުން ވިދާޅުވެއެވެ.

2011 ވަނަ އަހަރު ފުކްޝިމާ ނިއުކްލިއަރ ޕްލާންޓަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ހާދިސާގައި 18 ހާހެއްހާ މީހުން މަރުވިއެވެ.