ދުނިޔޭގެ ވިޔަފާރި

ޖެހިޖެހިގެން ދެވަނަމަހު ޔޫކޭގެ އިންފްލޭޝަން ދަށަށް!


އިނގިރޭސިވިލާތުގެ އިންފްލޭޝަން ރޭޓް ވިދިވިދިގެން ދެ މަހު ދަށްވެފައިވާކަމަށް އެ ޤައުމުގެ ކަމާއިބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ކަމާއިބެހޭ ފަރާތްތަކުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އިނގިރޭސިވިލާތުގެ އިންފްލޭޝަން ރޭޓް ޖުލައިމަހު 6.8 އިންސައްތަ ވަނީ ދަށްވެފައެވެ. މިއީ އޭގެކުރީ ޖޫންމަހު އިންފްލޭޝަން ރޭޓްކަމަށްވާ 7.9 އިންސައްތައާ އަޅާ ބަލާއިރު ދަށްވުމެކެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އިންފްލޭޝަން ދަަށަށް ގޮސްފައިވަނީ ހަކަތައާއި ގުޅޭ ދާއިރާއިން އަގުތައް ކޮންޓްރޯލްކުރުމުންނާއި ކާބޯތަކެތީގެ އަގުތައް އުފުލޭ މިންވަރު ދަށްވުމުންނެވެ.

މިދިޔަ ދެ މަހުވެސް އިނގިރޭސިވިލާތުގެ އިންފްލޭޝަން ދަށަށް ދިޔަނަމަވެސް، އަދިވެސް އެ ޤަައުމުގެ އިންފްލޭޝަން ހުރީ ދުނިޔޭގެ އެހެން ޤައުމުތަކާއި އަޅާބަލާއިރު މަތީ އަދަދެއްގައެވެ. އަދި މިއީ އެ ޤައުމުގެ މަރުކަޒީ ބެންކުން އިންފްލޭޝަން ރޭޓްގެ ބެހެއްޓުމަށް އަމާޒުކޮށްފައިވާ 2 އިންސައްތައިގެ ރޭޓަށްވުރެވެސް ދަށް އަދަދެކެވެ.

އިނގިރޭސިވިލާތުގެ އިންފްލޭޝަން މަތީ ރޭޓެއްގައި ހުރި މައިގަނޑު ސަަބަބަކީ ދަތުރުފަތުރުގެ އަގުތަކާއި، ޓޫރިސްޓް ހޮޓާތަކުގެ އަދަދުތަކާއި ބައެއް ތަންތަނުގެ ކުލިތައް އުފުލެމުންދިއުމުންކަމަށް އެ ޤައުމުގެ ނެޝަނަަލް ސްޓެޓިސްޓިކްސް އޮފީހުން ބުނެއެވެ.

ހަބަރުތައް ބުނާގޮތުން އިނގިރޭސިވިލާތުގެ އިންފްލޭޝަން ރޭޓް މައްޗަށް ދިއުން ކޮންޓްރޯލްކުރުމަށް އެ ޤައުމުގެ މަރުކަޒީ ބޭންކުން ދަނީ ފިޔަވަޅުތަކެއް އެޅުމަށް މަޝްވަރާކުރަމުންނެވެ. އެގޮތުން އަންނަމަހު މަރުކަޒީ ބެންކުގެ އިންޓަރެސްޓް ރޭޓް މަތިކުރުމަށް ނިންމާފައިވާކަމަށް ހަބަރުތައް ބުނެއެވެ.