ދުނިޔޭގެ ވިޔަފާރި

އެމެރިކާގެ އިގްތިޞާދަށް ލަފާކުރިވަރަށްވުރެ ބޮޑު ކުރިއެރުމެއް


  • އިގްތިޞާދަށް ލިބުނު ކުރިއެރުމާއެކު ރިސެޝަންގެ ބިރު ވަނީ ކުޑަވެފައި

  • ދެވަނަ ކުއާޓަރުގައި 2.4 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވޭ

  • އިންފްލޭޝަން މައްޗަށް ދާ މިންވަރުވެސް ދަނީ މަޑުޖެހުމުން

ދެވަނަ ކުއާޓަރުގައި އެމެރިކާގެ އިގްތިޞާދަށް ލަފާކުރިވަރަށްވުރެ ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް އެގައުމުގެ ކަމާއި ބެހޭ ފަރާތްތަކުން އާއްމުކޮށްފައިވާ މާލީ ރިޕޯޓްތަކުން ދައްކައިފިއެވެ.

އެމެރިކާގެ އިގްތިޞާދަށް ކުރިއެރުން ލިބިފައި މިވަނީ، އެ ގައުމުގެ އިގްތިސާދު، ހީނަރުކަމަކަށް ގޮސްދާނެކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ކޮމާސްއިން ނެރުނު ދެވަނަ ކުއާޓަރުގެ ޖީޑީޕީ ރިޕޯޓްގައިވާގޮތުން އިގްތިސާދީ ދުވެލި ހަލުވި މައިގަނޑު ސަބަބަކީ ވަޒީފާގެ ބާޒާރަށް ލިބުނު ކުރިއެރުމާއެކު، ކޮންސިއުމާރ ސްޕެންޑިންގ ދެމެހެއްޓިފައި އޮތުމެވެ.

ރިޕޯޓްގައިވާގޮތުން ދެވަނަ ކުއާޓަރުގައި އެކި ސިނާއަތްތަކުގައި މަސައްކަތްކުރާ ކުންފުނިތަކުން އިކުއިޕްމަންޓް ހޯދުމަށް އިންވެސްޓްކޮށްފައިވާ މިންވަރުވެސް ވަނީ އިތުރުވެފައެވެ. މިއީވެސް އެމެރިކާގެ އިގްތިޞާދޫު ކުރިއެރުމަށް އެހީތެރިވި ކަމެއްކަމަށް ކޮމާސް ޑިޕާޓްމަންޓްގެ ރިޕޯޓްގައިވެއެވެ.

އެމެރިކާ އިގްތިސާދަށް ބަލާއިރު ފުރަތަމަ ކުއާޓަރުގައި އެ ގައުމުގެ އިގްތިސާދީ ކުރިއެރުން ހުރީ 2 އިންސައްތައިގައެވެ. ނަމަވެސް ދެވަނަ ކުއާޓަރުގައި އެ ގައުމުގެ އިގްތިސާދު ވަނީ 2.4 އިންސައްތަ ކުރިއަރާފައެވެ.

އެމެރިކާ ސަރުކާރުން ބަލާ މިންގަނޑުތަކުން އެ ގައުމުގެ އިންފްލޭޝަން 1.9 އިންސައްތައިގެ ރޭޓަކުން އިތުރުވިނަމަވެސް، މިއީ ފުރަތަމަ ކުއާޓަރުގައި އެ އަދަދު ހުރި 3.8 އިންސައްތައިގެ ރޭޓާއި އަޅާބަލާއިރު ދަށް އަދަދެކެވެ.

އިގްތިސާދީ ކުރިއެރުން މަޑުޖެހުން ނުވަތަ ރިސެޝަނަކަށް ގޮސްދާނެކަމުގެ ބިރުގައި އޮތް އެމެރިކާގެ އިގްތިސާދަށް ދެވަނަ ކުއާޓަރުގައި ލިބުނު ކުރިއެރުމަކީ އިންވެސްޓަރުންގެ ޔަގީންކަން އިތުރުވެ، އިގްތިސާދީ ކުރިއެރުން އިތުރަށް ހަލުވިވާން މަގުފަހިވާނެ ކަމެއްކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ކުއާޓްލީ ރިޕޯޓްގައިވާގޮތުން އެމެރިކާގެ ޑޮމެސްޓިކް މާކެޓްގައި މުދަލާއި ހިދުމަތަށް ރަނގަޅު ޑިމާންޑެއް އެބައޮތެވެ. އަދި އުފުލެމުންދާ އިންފްލޭޝަންވެސް ދެވަނަ ކުއާޓަރުގައި ދަަށަށް ގޮސްފައިވާކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އެމެރިކާގައި އުފުލެމުންދާ އިންފްލޭޝަން ތިރިކުރުމަށް މަރުކަޒީ ބެންކު، ފެޑަރަލް ރިޒާވުން ވަނީ މިދިޔަ 22 އަހަރު ތެރޭގައި އެގައުމުގެ ބެންޗްމާކު އިންޓްރެސްޓް ރޭޓް ބޮޑުނުކުރާ ވަރަށް މިދިޔަ ހަފްތާގައި ބޮޑުކޮށްފައެވެ. ނަމަވެސް ދެވަނަ ކުއާޓަރުގައި ލިބުނު އިގްތިސާދީ ކުރިއެރުމާއެކު، އިންފްލޭޝަން ތިރިއަށްދާ ފަށާފައިވުމުން މިއަހަރު އިތުރަށް އިންޓްރެސްޓް ރޭޓް ބޮޑު ނުކުރާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އެމެރިކާގެ އިތުރުން ދުނިޔޭގެ ހުރިހާ އިގްތިސާދަކަށްވެސް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ އިންފްލޭޝަން ރޭޓް ނުވަތަ ތަކެއްޗާއި ހިދުމަތުގެ އަގު، މައްޗަށްދާ މިންވަރު އަވަސްވުމެވެ. އިންފްލޭޝަން މައްޗަށް ދިއުން ކޮންޓްރޯލް ކުރުމަށް މަރުކަޒީ ބޭންކުތަކުން ދަނީ އިންޓްރެސްޓް ރޭޓްތައް މަތިކޮށް، "ބައިން ޕަވަރ" ދަށްކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ..