ޚަބަރު

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު "ކާނިވަލް" މިރޭ ހުޅުމާލޭގައި ފަށަނީ


  • މިނިވަން އުފާ ކާނިވަލް ފަށާނީ މިރޭ 8:30ގައި

  • ކާނިވަލްގައި ކުޅިވަރުތަކާއި، ޝައުގުވެރި އެކި ކަހަލަ ހުށަހެޅުންތައް ފެނިގެންދާނެ

  • ހަފްތާއަކަށް ކާނިވަލް ކުރިއަށްދާނެ

މިނިވަން ދުވަހުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން އުފާ ކާނިވާ" މިރޭ ހުޅުމާލޭގައި ހުޅުވާނެއެވެ.

މިއީ މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތައް ހިިމެނޭ ފެސްޓިވަލެއް ގޮތަށް ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ހަރަކާތްކަމަށް މި ކަނިވާ އިންތިޒާމްކުރާ ހޯމް މިނިސްޓްރީއާއި އެޗްޑީސީން މައުލޫމާތުދެއެވެ.

ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ބައިވެރިވެވޭގޮތަށް، ކުޅިވަރުގެ ގިނަ ހަރަކާތްތަކާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ "މިނިވަން އުފާ ކާނިވަލް" ހުޅުވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުއެވެ.

ކާނިވާ ހުޅުވުން އޮންނާނީ މިރޭ 08:30ގައެވެ.

މިރޭ ބާއްވާ ޚާއްސަ ހަރަކާތްތަކުގެ ތެރޭގައި ރާއްޖޭގައި މިހާތަނަށް ބާއްވާ ފުރަތަމަ ޑްރޯން ޝޯވ ހިމެނެއެވެ. މިއީ ދިރާގާއި ޓޫރިޒަމް މިނިސްޓްރީއާއި ބީއެމްއެލްއާއި ގުޅިގެން ބާއްވާ ޑްރޯން ޝޯވއެެކެވެ. އަދި ރެޑްބުލްއާއި ގުޅިގެން ބާއްވާ ޕެރަ މޮޓޯގެ ހަރަކާތްތަކުގެ އިތުރުން، ހަވާ އެރުމުގެ ހަރަކާތްވެސް މިރޭ އޮންނާނެއެވެ.

މި ކާނިވަލްގައި ކުޅިވަރު ސްޓޯލްތަކާއި ފުޑް ސްޓޯލްތަކާއި ދިވެހި އަދި ބޭރު ފަންނާނުންގެ ހުށައެޅުންތަކާއި، ދިގުދަނޑި ހިނގުން، އެކްރޮބެޓްސްް، ޖަގްލަރސް، ބިރުވެރި ހޮހޮޅަ، ކަރޯކޭ ބޮކްސް، ފްލޯޓް ޕާރކް، ލެއިޒަރ ޕާރކެއްވެސް ހިމެނެއެވެ.

ކާނިވަލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް، އިތުރު މީހަކާއެކު އިންޑޮނޭޝިޔާގެ ބާލީއަށް 7 ދުވަހުގެ ދަތުރެއް ލިބޭނެއެވެ.

ކާނިވަލުގެ އިތުރުން މިނިވަން ދުވަހާއި ގުޅިގެން ބޭއްވި ފުޅަނދު ބުރުގައި ބައިވެރިވި ފުޅަނދުތައް ދައްކާލުން މިރޭ 8:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި އޮންނާނެއެވެ. އަދި މާދަމާގެ ހަވީރާއި ރޭގަނޑުވެސް ފުޅަނދުތައް ދައްކާލުން ކުރިއަށްދާނެއެވެ.

މިރޭ ހުޅުވާ "މިނިވަން އުފާ ކާނިވާ" އަންނަ ބުރާސްފަތިދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.