އަށްޑިހައިގެ އަހަރު ތަކުގެ ތެރޭގައި ރާއްޖޭގެ އެންމެ މަޝްހޫރު ވެގެންދިޔަ ޓީވީ ޝޯ "ބަޚަބަރު"ގެ ކޮމެޑީން މަޤުބޫލުކަން ހޯއްދެވި މ.ހާވިލާ އަޙްމަދު ޝާހިދު ޙަލީމް ނިޔާވެއްޖެއެވެ. 
ޝާހިދު ނިޔާވީ ހޮސްޕިޓަލުގައި ފަރުވާދެއްވަމުން ގެންދާތާ މަހެއްހާ ދުވަސް ފަހުން މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ނިޔާވީ ހާލު ދެރަވެގެން ވެންޓިލޭޓަރުގައި ފަރުވާ ދެއްވަމުން ގެންދަވަނިކޮށެވެ.  ނިޔާވިއިރު ޢުމުރަކީ 72 އަހަރެވެ. 
ޝާހިދު އެންމެ ފުރަތަމަ ތަމްސީލެއްގައި ބައިވެރިވެލެއްވީ ފެންފިޔާޒުގޭގައި އޮތް ކުޑަކުދިންގެ ކުލާހެއްގައި އުޅުއްވަނިކޮށް އެކުލާހުގެ ފަރާތުން ތައްޔާރުކުރި ކުދިކުދި ތަމްސީލްތަކެއްގައެވެ. އޭގެ ފަހުން ތަފަތު އެކި ތަމްސީލްތަކާއި މަޖާ ކޮމެޑީތަކުން ވަނީ ފެނިގެން ގޮސްފައެވެ. 
ޝާހިދުގެ މަޤުބޫލުކަން އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ 80ގެ އަހަރުތަކުގެ ތެރޭގައި ޓީވީއެމްއިން އުފެއްދި "ބަޚަބަރު" ކޮމެޑީންނެވެ. އެކޮމެޑީއަކީ ހެއްވާ މަޖާ އެތައް ކަމެއް އެކުލެވޭ އެތައް ބައެއްގެ މަގުބޫލުކަން ހޯދި މަޖާ ސީރީޒްއެކެވެ. 
		
			ހެއްވާ މަޖާ ޑްރާމަތަކާއި، ތަމްސީލްތަކުގެ އިތުރުން ޝާހިދު ވަނީ ދިވެހި އަދަބިއްޔާތަށްވެސް ގިނަ ޚިދުމަތްތަކެއްވެސް ކުރައްވާފައެވެ. މިގޮތުން ޅެންވެރިކަމާއި، އަދަބީ އެކި ކަންކަމުގައި ޝާހިދުގެ ބައިވެރިވުން ފެނިގެން ގޮސްފައިވެއެވެ. ތަމްސީލުކުޅުމުގެ ރޮނގުން 1986 ވަނަ އަހަރު އާއްމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު ސަރުކާރުން ވަނީ ޝާހިދަށް ދެއްވައިފައެވެ.
"ބަޚަބަރު"ގެ ކުރިން ޝާހިދު ވަނީ "ކުއްލި ދިއްލުމުގައި ސާހިބުގެ ބުމަރު" ކޮމެޑީގައިވެސް މުހިންމު ދައުރެއް އަދާކުރައްވާފައެވެ. ޝާހިދާއެކު ކޮމެޑީތަކުގައި ފެނިގެންދިޔަ އާންމުންގެ ގިނަ މަގުބޫލުކަމެއް ހޯދި ފީބޯ އަޙްމަދު މަނިކާއި ކޮއްޔަ ހަސަން މަނިކާއި ކުޑަދޮންވެސް ވަނީ ނިޔާވެފައެވެ. 
		
ޝާހިދު ނިޔާވިއިރު ދުނިޔޭގައި ދަރިން އެބަތިއްބެވިއެވެ. އޭގެ ތެރެއިން ޓީވީއެމްގައި މިހާރުވެސް އެކި ޝޯތައް ހުށަހަޅައި ދެއްވުމުގައި ދަރިކަލުން މޫސާ ރިޟުވާން ދަނީ ޙަރަކާތްތެރިވަމުންނެވެ.