ވެރިކަން ކުރާ މައި ޕާޓީގެ ރައީސްކަމުގެ މަގާމުންނާއި އެ ޕާޓީގެ މެމްބަރުކަމުގެ މަޤާމުން ރައީސް މުޙައްމަދު ނަޝީދު އިސްތިޢުފާ ދެއްވައިފިއެވެ. 
އެމްޑީޕީގެ އުފެއްދެވުމުގައި އިސް ދައުރެއް އަދާކުރެއްވި ރައީސް ނަޝީދު އެމްޑީޕީގެ އެމްނަބަރުކަމާއި އެމްޑީޕީގެ ރައީސްކަމުގެ މަޤާމުން އިސްތިޢުފާ ދެއްވާފައިވަނީ އެމްޑީޕީގެ ލީޑަރޝިޕްގެ ތެރޭގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާއެކު އެމްޑީޕީގެ މެމްބަރުންތަކެއް ވަކިވެ، އައު ޕާޓީއެއް އުފެއްދުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ. 
އެމްޑީޕީން ވަކިވެވަޑައިގެންނެވިކަން ހާމަކުރައްވައި، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލަށް ރައީސް ނަޝީދު ފޮނުއްވި ސިޓީފުޅުގައި ވިދާޅުވީ ރާއްޖޭގެ ކަންކަން މިހާރު ހިނގަމުންދާ ގޮތަށް ބަލާއިރު އެމަނިކުފާނު އެމްޑީޕީގައި ހުންނެވުން "އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. 
އެމްޑީޕީގެ އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި ރައީސް ނަޝީދު ވަނީ އެ ޕާޓީގެ ޗެއަރޕަސަންގެ މަޤާމުވެސް އަދާކުރައްވައިފައެވެ. އަދި ގިނަ ޕާޓީތަކެއް ވާދަކޮށްގެން ރާއްޖޭގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިޙާބު އެމްޑީޕީއަށް ކާމިޔާބުކޮށްދެއްވީ އެމަނިކުފާނު ރިޔާސީ ކެނޑިޑޭޓަކަށް ހުންނަވައިގެނެވެ.