ދުނިޔޭގެ ވިޔަފާރި

ނެޓްފްލިކްސްގެ ސަބްސްކްރައިބަރުން އިތުރުވެ، ހިއްސާގެ އަގުތައް މައްޗަށް


މައުލޫމާތާއި މުނިފޫހިފިލުވުމުގެ އެކި ވީޑިއޯ ކޮންޓެންޓްތައް ހިމެނޭ އެންމެ މަޝްހޫރު އެއް ސްޓްރީމިންގ ޕްލެޓްފޯމްކަމަށްވާ ނެޓްފްލިކްސް ބޭނުންކުރާ މީހުން، ނުވަތަ ސަބްސްކްރައިބަރުން ވަރަށް ބޮޑަށް އިތުރުވާން ފަށައިފިއެވެ.

ނެޓްފްލިކްސްގެ ސަބްސްކްރައިބަރުން އިތުރުވާން ފަށާފައި މިވަނީ ނެޓްފްލިކްސްގެ ޕާސްވޯޑް އިތުރު މީހުންނަށް ދޭނަމަ، އިތުރަށް ފައިސާ ނަގާ އުސޫލެއް ތައާރަފްކުރުމުންކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ސަބްސްކްރައިބަރުންގެ މާކެޓް ދިރާސާކުރާ ފަރާތަކުން ނެރެފައިވާ ރިޕޯޓެއްގައިވާގޮތުން ނެޓްފްލިކްސްގެ ޕާސްވޯޑު އެހެން މީހަކަށް ދޭނަމަ، އެކަމަށް ފައިސާ ނަގާ އުސޫލެއް މިދިޔަ މަހު ފަހުކޮޅު އެމެރިކާގައި ހިންގަން ފެށުމާއެކު ނެޓްފްލިކްސްގެ
ސަބްސްކްރައިބަރުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން އެ އުސޫލަށް މޭމަހު ފަހުކޮޅު އަމަލު ކުރަން ފެށިއިރު، އެ މަހުގެ 26 ވަނަ ދުވަހާއި 27 ވަނަ ދުވަހު އެއްލައްކައަށްވުރެ ގިނަ މީހުން އެމެރިކާއިން ނެޓްފްލިކްސްއަށް ސަބްސްކްރައިބް ކޮށްފައިވާކަމަށް ރިޕޯޓުގައިވެއެވެ. އަދި އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ މީހުން ނެޓްފްލިކްސްއަށް ސަބްސްކްރައިބް ކުރުމުގެ ރެކޯޑްވެސް މިދިޔަމަހުގެ ފަހުކޮޅުގެ 4 ދުވަހަކު ހަދާފައިވާކަމަށްވެސް، އެންޓެނާ ނަމަކަށް ކިޔާ ކުންފުނިން ނެރުނު ރިޕޯޓްގައިވެއެވެ.

ރިޕޯޓްގައިވާގޮތުން ނެޓްފްލިކްސް ބޭނުންކުރުމަށް ތިމާގެ ޕާސްވޯޑް އެހެން މީހަކަށް ދޭނަމަ ފައިސާ ނަގާ ގޮތަށް ހަދާފައިވާ އުސޫލުގެ ސަބަބުން ސަބްސްކްރައިބަރުން އިތުރުވަމުންދަނީ ކޯވީޑްގެ ފުރަބަނދު ދުވަސްވަރު ނެޓްފްލިކްސްއަށް ސަބްސްކްރައިބް ކުރި މީހުންގެ އަދަދުތަކާއި ބަލާއިރު މާބޮޑަށްވެސް އިތުރަށް ކަމަށެވެ.

ސަބްސްކްރައިބަރުން އިތުރުވަމުންދާކަމަށް ބުނާ ރިޕޯޓް ހުކުރު ދުވަހު ނެރުމާއެކު ހިއްސާގެ ބާޒާރުގައި ނެޓްފްލިކްސްގެ ހިއްސާގެ އަގު 2 އިންސައްތަ އުފުލުނެވެ. އަދި މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ނެޓްފްލިކްސްގެ ހިއްސާގެ އަގުވަނީ 27 އިންސައްތަ މައްޗަށް ގޮސް، 415 ޑޮލަރަށް އަރާފައެވެ.

ކޯވިޑްގެ ފުރަބަންދާއެކު ގޭގޭގައި މީހުން ބަންދުވުމުގެ ސަބަބުން ނެޓްފްލިކްސް ބޭނުންކުރާ މީހުން އިތުރުވެ، ކުންފުންޏަށް ލިބެމުންދިޔަ އާމްދަނީ އިތުރުވަމުން ދިއުމުން ނެޓްފްލިކްސްގެ ޕާސްވޯޑް ހިއްސާ ކުރެވޭ ގޮތަށް އޮތް އޮތުން ބަދަލުކުރަން އެކުންފުނިން މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ.

ނެޓްފްލިކްސްއިން އަންދާޒާ ކުރާ ގޮތުގައި 100 މިލިއަން ގޭބީސީއެއްގައި ނެޓްފްލިކްސްގެ އެކައުންޓް ބޭނުންކުރުމަށް ޕާސްވޯޑް އެހެން މީހުންނާއި ހިއްސާ ކުރެއެވެ. އެއާއެކު ނެޓްފްލިކްސްއަށް ސަބްސްކްރައިބް ކޮށްފައިވާ މީހުންގެ އަދަދު މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ބޮޑަށް ދަށަށް ގޮސް، ނެޓްފްލިކްސްގެ އާމްދަނީއަށް ވަނީ ވަރަށް ބޮޑަށް އަސަރުވެސް ކޮށްފައެވެ. ނެޓްފްލިކްސްއން ބުނާގޮތުން އާމްދަނީ ދަށަށް ދިއުމުގެ ސަބަބުން އިތުރު ކޮންޓެންޓް އުފެއްދުމަށް އިންވެސްޓްކުރަން ވަރަށް ބޮޑަށް ދަތިވިއެވެ.

ސަބްސްކްރައިބަރުން އިތުރުކުރުމުގެ ގޮތުން އުސޫލަށް ގެނައި ބަދަލާއެކު ގޭގައި އުޅޭ މީހުން ފިޔަވައި އިތުރު މީހަކަށް ނެޓްފްލިކްސް ބޭނުންކުރުމަށް ޕާސްވޯޑް ދޭނަމަ ނެޓްފްލިކްސްއަށް މިހާރު ދައްކާ ފީއާ އެއްވަރުގެ ފީއެއް އިތުރަށް ދައްކަންޖެހެއެވެ. އެހެން ނޫނީ ޖެހޭނީ އަމިއްލަ އެކައުންޓެއް ހުޅުވަންކަމަށް ނެޓްފްލިކްސްއިން ބުނެއެވެ.

އެމެރިކާގެ އިތުރުން، ކެނެޑާ، ނިއުޒިލޭންޑު، ޕޯޗުގަލް އަދި ސްޕެއިންގައިި ނެޓްފްލިކްސްއިން ދޭ ހިދުމަތުގައިވެސް ޕާސްވޯޑާއި ގުޅޭގޮތުން އަލަށް ހެދި އުސޫލަށް ވަނީ މިއަހަރު އަމަލުކުރަން ފަށާފައެވެ.

ނެޓްފްލިކްސްއިން ބުނީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ނެޓްފްލިކްސްއަށް 1.75 މިލިއަން ސަބްސްކްރައިބަރުން ވަނީ އިތުރުވެފައިކަމަށެވެ. މިއީ މިދޔަ އަހަރުގެ ފުރަތަަމަ ކުއާޓަރާއި އަޅާބަލާއިރު 5 އިންސައްތަ އިތުރު އަދަދެކެވެ. ނަމަވެސް މިއީ މާކެޓް ދިރާސާކުރާ ފަރާތްތަކުން ލަފާކުރި 3 މިލިއަން ސަބްސްކްރައިބަރުންނާއި އަޅާ ބަލާއިރު މަދު އަދަދެކެވެ.