ދުނިޔޭގެ ވިޔަފާރި

ސީއީޕީއޭގެ ދަށުން ޔޫއޭއީއާއި ކެމްބޯޑިއާ ވިޔަފާރީގެ އެއްބަސްވުމަކަށް


ޔުނައިޓެޑް އެރެބް އެމިރޭޓްސް، ޔޫއޭއީއާއި ކެމްބޯޑިއާއި ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ބުރާސްފަތިދުވަހު ސޮއިކޮށްފިއެވެ.

މިއީ ޔޫއޭއީން 2021 ވަނަ އަހަރު އެކަށައަޅާފައިވާ ޓްރޭޑް ސްޓްރެޓެޖީ، ކޮމްޕްރިހެންސިވް އިކޮނޮމިކް ޕާޓްނާޝިޕް އެގްރީމެންޓްސް،ސީއީޕީއޭގެ ދަށުން ވާ ފަސް ވަނަ އެއްބަސްވުން ކަމަށް ހަބަރުތައް ބުނެއެވެ. އަދި ފޮސިލް ފިއުއަލް އަށް ބަރޯސާވުން ކުޑަކުރުމަށް މަސައްކަތް ކުރަމުން ދާ ދަނޑިވަޅެއްގައި މި ސްޓްރެޓެޖީ އަކީ އެ ގައުމުގެ އިގްތިސާދީ ތަރައްގީއަށް ވަރަށް މުހިންމު ސްޓްރެޓެޖީ އެއް ކަމަށްވެސް ހަބަރުތައް ބުނެއެވެ.

ޔޫއޭއީގެ ބޭރުގެ ވިޔަފާރިތަކާ ބެހޭ ވަޒީރު،ޘާނީ އަލް ޒައިދީއާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރި ކުރުމަށް އެއްވެސް ހުރަހެއް ނޯންނާނެއެވެ.

ގޮވާމުގެ ބާވަތްތަކާއި،މޭވާ، އެއްގަމު މަސް، އަންނައުނު އަދި ލެދަރ ފަދަ ތަކެތި ކެމްބޯޑިއާ އިން ޔޫއޭއީ އަށް އެކްސްޕޯޓުކުރެވޭ ގޮތަށް އޮތް މި އެއްބަސްވުމުގެ ދަށުން މެޝިނަރީ އާއި ތެޔޮ ފަދަ ތަކެތި ޔޫއޭއީ އިން ކެމްބޯޑިއާއަށް އެކްސްޕޯޓުކުރެވޭނެކަމަށް ހަބަރުތައް ބުނެއެވެ. މީގެއިތުރުން ލޮޖިސްޓިކްސް، އުމްރާނީ ތަރައްގީ، ދަތުރުފަތުރު އަދި އިއާދަކުރަނިވި ހަކަތައަށް އިންވެސްޓް ކުރުމުގެ ފުރުސަތުތައް ވެސް އެއްބަސްވުމުގެ ދަށުން ދެ ގައުމުން ހޯދާނެ ކަމަށް ޔޫއޭއީގެ އިގްތިސާދާ ބެހޭ ވުޒާރާއާ ހަވާލާދީ ހަބަރުތައް ބުނެއެވެ.

ޔޫއޭއީއާއި ކެމްބޯޑިއާއާއި ދެމެދު ކުރި ތެޔޮ ފިޔަވައި އެހެނިހެން ތަކެތީގެ ވިޔަފާރި މިދިޔަ އަހަރު ވަނީ 407 މިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ. މިއާއިއެކު ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ދެ ގައުމުގެ ދެމެދުގައި ކުރާ ވިޔަފާރި އެއް ބިލިއަން ޑޮލަރަށްވުރެ އިތުރު ކުރަން އަމާޒު ހިފާފައިވާ ކަމަށް ޒައިދީ އާ ހަވާލާދީ ހަބަރުތައް ބުނެއެވެ.

ކެމްޕޯޑިއާގެ އިތުރުން ސީއީޕީއޭގެ ދަށުން އިންޑިއާ، އިންޑޮނޭޝިއާ، ތުރުކީވިލާތް އަދި އިޒްރާއިލާއެކުވެސް ޔޫއޭއީން ވަނީ އެއްބަސްވުން ހަދާފައެވެ.