ދުނިޔޭގެ ވިޔަފާރި

ސައުދީގެ ތެޔޮ ގަންނަ މިންވަރު އޭޝިއާއިން މަދުކުރަނީ


ސައުދީ އަރަބިއާއިން ތެޔޮ ގަންނަ މިންވަރު މަދުކުރަން އޭޝިއާ ގައުމުތަކުން ނިންމާނެ ކަމަށް ބެލެވޭ ކަމަށް ހަބަރުތައް ބުނެފިއެވެ.

އޭޝިއާގެ ގައުމުތަކުން މިގޮތަށް ނިންމާނެ ކަމަށް ބެލެވެނީ ސައުދީއިން ވިއްކާ ތެލުގެ އަގު ބޮޑުކުރުމުގެ ސަބަބުންނެވެ. އަދި ޖުލައިމަހު ސައުދީން ތެޔޮ އުފައްދާ މިންވަރު މަދުކުރަން ނިންމާފައި އޮތުމަކީވެސް އެގައުމުން ތެޔޮ ގަންނަ މިންވަރު މަދުކުރާނެ ކަމެއް ކަމަށް ބެލެވޭ ކަމަށް ވިޔަފާރިވެރިންނާ ހަވާލާދީ ހަބަރުތައް ބުނެއެވެ. ތެޔޮ އުފައްދާ މިންވަރު ޖުލައި މަހު މަދުކުރުމުން، މިހާރަށްވުރެވެސް ބޮޑަށް ތެލުގެ އަގު އުފުލޭނެއެވެ.

ޖުލައިމަހު ދުވާލަކު 1 މިލިއަން ފީފާގެ ތެޔޮ އުފެއްދުން މަދުކުރަން ސައުދީން ނިންމާފައި ވަނީ އޮގަނައިޒޭޝަން އޮފް ޕެޓްރޯލިއަމް ކަންޓްރީޒް، އޯޕެކާއި ރަޝިއާ ހިމެނޭ އޯޕެކް ޕްލަސްއިން މިދިޔަ އާދީއްތަދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ.

ސައުދީއިން ޖުލައި މަހު ތެޔޮ ވިއްކާ އަގު ވަނީ ވޭތުވެދިޔަ ހަ މަސް ދުވަހުވެސް ބޮޑުނުކުރާ މިންވަރަށް ބޮޑުކޮށްފައެވެ. އެގޮތުން ސައުދީގެ ބެންޗް މާރކް އެރެބް ލައިޓްގައި ތެލުގެ އަގު ވަނީ ފީފާއެއްގެ އަގު މިހާރު ހުރި އަގަށްވުރެ 2 އެމެރިކާ ޑޮލަރު ބޮޑުކޮށްފައި ކަމަށް ވިޔަފާރިވެރިންނާ ހަވާލާދީ ހަބަރުތައް ބުނެއެވެ.
ޖުލައި މަހު ސައުދީން އުފައްދާނީ ޖުމްލަ 9 މިލިއަން ފީފާގެ ތެޔޮ ކަމަށްވެސް ހަބަރުތައް ބުނެއެވެ. މެއި މަހު ސައުދީން ވަނީ ޖުމްލަ 10 މިލިއަން ފީފާގެ ތެޔޮ އުފައްދާފައެވެ..