ދުނިޔޭގެ ވިޔަފާރި

އެޕަލްގެ "ވިޝަން ޕްރޯ" ދައްކާލައިފި


އެޕަލް ކުންފުނީގެ ފުރަތަމަ އޮގްމަންޓެޑް ރިއަލިޓީ ހެޑްސެޓް ދައްކާލައިފިއެވެ.

ވިޝަން ޕްރޯގެ ނަން ދީފައިވާ އޮގްމަންޓެޑް ރިއަލިޓީ ހެޑްސެޓް ދައްކާލާފައި ވަނީ އެ ކުންފުނިން ފެށި ވޯލްޑް ވައިޑް ޑިވެލޮޕަރސް ކޮންފަރެންސް، ޑަބްލިޔުޑަބްލިޔުޑީސީގައެވެ.

ވިޝަން ޕްރޯގެ އަގަކީ 3499 އެމެރިކާ ޑޮލަރެވެ. މިއީ އާންމުކޮށް ބާޒާރުގައި ލިބެން ހުންނަ އޮގްމަންޓެޑް ރިއަލިޓީ ހެޑްސެޓްގެ އަގަށްވުރެ ބޮޑު އަގެކެވެ. މިދިޔަ ހަފްތާ މެޓާއިން ނެރުނު ކުއެސްޓު 3 ހެޑްސެޓްގެ އަގަކީ 499 އެމެރިކާ ޑޮލަރެވެ.

ވިޝަން ޕްރޯއަކީއޭގެ ބެޓްރީ ދެ ގަޑިއިރު ހިފަހައްޓާނެ އޮގްމަންޓެޑް ރިއަލިޓީ ހެޑްސެޓެއްކަމަށް އެޕަލްއާއި ހަވާލާދީ ހަބަރުތައް ބުނެއެވެ.

ވިޝަން ޕްރޯ އަންނަ އަހަރު ކުރީކޮޅު އެމެރިކާގެ ބާޒާރަށް ނެރެން ހަމަޖެހިފައިވާ ނަމަވެސް، އާންމުކޮށް ބާޒާރަށް ނެރޭނެ ތާރީހެއް އެޕަލްއިން ހާމައެއްނުކުރެއެވެ.

ވިޝަން ޕްރޯއަކީ ވާޗްއަލް ދުނިޔެ ވަރަށް ހިތްގައިމުކޮށް ތަޖުރިބާކޮށްލެވޭނެ ފުރިހަމަ އުފެއްދުމެއްކަމަށް އެޕަލްގެ ސީއީއޯ ޓިމް ކުކްއާ ހަވާލާދީ ހަބަރުތައް ބުނެއެވެ. އަދި މިއީ ޓެކްނޮލޮޖީގެ މި ޒަމާނާ ވަރަށް ގުޅޭ، ތަފާތު އެއްޗަކަށް ވާނެކަމަށް ވެސް ޓިމް ވިދާޅުވިއެވެ.

"ވިޝަން ޕްރޯ"ގެ ޑިޒައިން އަކީވެސް ތަފާތު ޑިޒައިންއެކެވެ. މީގައި ގިނަ ފީޗަރތަކެއް އެކުލެވޭއިރު އޭގެ ތެރޭގައި އެޕްތަކަށް އެކްސެސްވުމާއި ފިލްމު ބަލާލުމުގެ ފުރުސަތާއި ލިޔެކިޔުންތައް ތައްޔާރުކޮށްލެވުން ފަދަ ފީޗަރސްތައް ހިމެނެއެވެ.

ވިޝަން ޕްރޯގެ އިތުރުން އެޕަލްއިން ވަނީ އެމީހުން އެންމެ ފަހުގެ އައިފޯނު އޮޕަރޭޓިން ސިސްޓަމް އައިއޯއެސް17 ވެސް މި ކޮންފަރެންސްގައި އިއުލާނުކޮށްފައެވެ. މީގެއިތުރުން 15 އިންޗީގެ މެކް ބުކް އެއަރއެއްވެސް އެޕަލް އިން ވަނީ ލޯންޗުކޮށްފައެވެ. މިއީ ދުނިޔޭގެ އެންމެ ތުނި ލެޕްޓޮޕްކަމަށް އެޕަލްއާ ހަވާލާދީ ހަބަރުތައް ބުނެއެވެ. 11.5 މިލިލީޓަރު ހުންނަ މި ލެޕްޓޮޕްގެ ބަރުމިނަކީ 3.3 ޕައުންޑު ނުވަތަ 1.4 ކިލޯއެވެ.