ދުނިޔޭގެ ވިޔަފާރި

އެއަރލައިންތަކަށް ލަފާކުރިވަރަށްވުރެ ބޮޑު އާމްދަނީއެއް މިއަހަރު ލިބޭނެ


ކުރިން ލަފާކުރިވަރަށްވުރެ ބޮޑު އާމްދަނީއެއް އެއާރލައިންތަކަށް މިއަހަރު ލިބޭނެކަމަށް އަޔާޓާއިން ބުނެފިއެވެ.

އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން، އަޔާޓާގެ އަހަރީ ސަމިޓްގައި ވާހަކަފުޅުދައްކަވަމުން އެ ޖަމުއިއްުޔާގެ އިސްވެރިޔާ ވިލީ ވޯލްޝް ވިދާޅުވީ ކޯވިޑްގެ ދުވަސްތަކަށްފަހު ވައިގެ އުދުހުންތަކުގެ ވަރަށް ބޮޑަށް އުފުލިފައިވާކަމަށެވެ.

އެއަރލައިންތަކާއި ހަވާލާދީ އަޔާޓާއިން ބުނާގޮތުން މިއަހަރު އެއަރލައިންތަކަށް ލިބޭ އާމްދަނީ އުޅޭނީ 803 ބިލިއަން ޑޮލަރުގައެވެ. މިއީ ކޯވިޑްގެ ކުރިން 2019 ވަނަ އަހަރު ލިބުނު 838 ބިލިއަން ޑޮލަރުގެ އާމްދަނީއާ ގާތްކުރާ އަދަދެކެވެ.

ނަމަވެސް ކުރިން އޮތް މިންވަރަށް އިންޑަސްޓްރީ ކުރިއެރުމަށް އަދިވެސް ގޮންޖެހުންތަކެއް އެބަހުރި ކަމަށް ވިލީ ވިދާޅުވިއެވެ. ސަޕްލައިގެ މައްސަލަތަކާއި އެއާރ ޗާޖް އިތުރުވުން ފަދަ ކަންކަމަކީ މިގޮތުން އޭނާ ފާހަގަކުރެއްވި ކަންކަންކަމުގައި ހަބަރުތައް ބުނެއެވެ.

އެއަރލައިންތަކަށް ބޮޑު އާމްދަނީއެއް ލިބޭނެކަމަށް ލަފާކޮށްފައިވަނީ ޔޫރަޕްގެ މާކެޓް ކުރިއަރާނެ ލަފާކުރެވޭތީކަމަށް ހަބަރުތައް ބުނެއެވެ. ނަމަވެސް އޯޑަރުކޮށްފައިވާ ގިނަ އަދަދެއްގެ މަތިންދާބޯޓުތައް ނުލިބުމަކީ އެއަރލައިންތަކަށް ކުރިމަތިވާނެ ދައްޗެއްކަމަށެވެ.