"ކުރިއަރާފައި އޮތް އައްޑޫއިން އިނގިރޭސީން ފައިބައިގެންދިޔަ ދުވަހުން ފެށިގެން އައްޑޫ ދިޔައީ ފަހަތަށް. މިތަނުގައި ހުރި އޭރުގެ އެންމެ ޒަމާނީ އާލާތާއި ވަސީލަތްތައް އައްޑޫއިން ބޭލި. ދަގަނޑު ތާނގީތައް، ގޭސް ކަޓަރުން ކަފައި ކުދިކުރި. ހައި ވޯލްޓޭޖް ކޭބަލްތައް ނަގައި ބުރިކޮށް، ބޮނޑި ބަނދެ، ކޮނޑުޖަހައިގެން ބޭރުކުރި."
މިއީ ގަން އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ މިހާރުގެ ހާލަތު ރައީސުލްޖުމްހޫރިއްޔާ ސިފަ ކުރެއްވި ގޮތެވެ. އެމަނިކުފާނު ވިދާޅުވިފަދައިން އައްޑޫ ސިޓީގެ ތަރައްޤީއަށް ފާއިތުވެދިޔަ ދިގު މާޒީގައި ކުރަން އަމާޒުހިފައި، ދެއްކި މަންޒަރާއި ހުވަފެންތަކަށް ހަގީގީ ކުލަ ނުޖެހި ވީ ބިލާހަކަށެވެ. 
ސިޔާސީ ވާދަވެރިކަމާއި، ތަރައްޤީގެ ނާރެހުގައި ކުރެވުނު މަސައްކަތްތަކުން ނަތީޖާއެއް ހާސިލް ކުރުމަށް އައްޑޫ ރައްޔިތުން ތިބީ ކެތްމަދުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިފަދައިން އައްޑޫގެ ތަރައްޤީއަށް ރައްޔިތުން އެދިއެދިތިބި ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢުތަކަކީ މިވީ 65 އަހަރު ތެރޭގައިވެސް އަޑުއިވުނު ހަގީގަތަށް ނުގެނެވި އޮތް މަސައްކަތްތަކެކެވެ. 
"އިޚްލާޞްތެރިކަމާއެކު ތެދުވެރި މަސައްކަތްތަކެއް ކުރެވުނުނަމަ، 65 އަހަރު ފަހުން މި ރަސްމިއްޔާތު ބާއްވާކަށް ނުޖެހޭނެ." ރައީސް ވިދާޅުވިއެވެ. 
		
										
			ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އައްޑޫ ސިޓީގެ ގަމަކީ މުޅި އައްޑޫގެ ބޮޑު އިޤްތިޞާދެއް ހިއްސާކުރާ ތަނެވެ. މާލެއާއި ކައިރި ރަށްތަކާއި، އުތުރުގެ ރަށްތަކަށް ފަތުރުވެރިކަން ފުޅާވެގެންދާ ގޮތަށް ދެކުނުގެ ފަތުރުވެރިކަން ކުރިއަށް ނުދާކަމުގެ ޝަކުވާއަކީ ހުއްޓުމެއްނެތި އަޑުއިވޭ ޝަކުވާއެކެވެ. މިކަމުގެވެސް ހައްލަކީ ގަމުގެ އެއަރޕޯޓް ބައިނަލްއަގުވާމީ ރަނގަޅު ފެންވަރެއްގައި ދަތުރުކުރެވޭނެ ގޮތަށް ތަރައްޤީ ވެގެންދިއުމެވެ. 
އައްޑޫ ސިޓީގެ ރައްޔިތުން ފާއިތުވެދިޔަ 65 އަހަރުގެ ތެރޭގައި ކުރަމުންދިޔަ ދިގު އިންތިޒާރަށް ނިމުން ގެނެސްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއެވެ. އައްޑޫގެ އެއަރޕޯޓް އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢު ފައްޓަވައި ދެއްވީ އެކަމަށް ބޭނުންވާ ބަޖެޓް ހަމަޖެހި، ކަންކުރާނެ ޕްލޭނާއި، ތަސައްވަރާއި އެކުގައެވެ. މިއެއަރޕޯޓް ތަރައްޤީވެގެން ދިއުމުން އަހަރަކު 1.5 މިލިޔަން ފަރުވެރިންނަށް ޚިދުމަތް ދެވޭނެއެވެ. 
		
										
										
			"ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ، އައްޑޫގެ ފަޚުރަކަށްވުމަށް އައްޑޫ ސިޓީގެ ރައްޔިތުން އެދިވަޑައިގަންނަވާ ވަރަށް އަޅުގަނޑުވެސް އެދެން. މިއީ ޒަމާނީ ހުރިހާ ވަސީލަތްތަކާއެކު، އަހަރަކު 1.5 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭގޮތަށް ތަރައްޤީ ކުރެވޭ ބައިނަލްއަޤްވާމީ އެއަރޕޯޓެއް. މި މަޝްރޫޢަކީ، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުން ރަމްޒުކޮށްދޭ މަޝްރޫޢެއް. މި މަސައްކަތް ކުރިއަށް ގެންދިޔުމުގައި، އިންޑިއާ ސަރުކާރާއި، އިންޑިއާ އެގްޒިމް ބޭންކުން ދެއްވާ އެހީތެރިކަން އަޅުގަނޑު ފާހަގަކުރަން." ރައީސް ވިދާޅުވިއެވެ. 
ރައީސް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު، 10 އަހަރުން ދެގުނަ ކުރުމަށްޓަކައި މިހާރު ކުރިއަށް ގެންދާ މަޝްރޫޢު ތަކަކީ އިންގިލާބީ މަސައްކަތްތަކެއް ކަމަށެވެ. މިގޮތުން، 7000 ޓޫރިސްޓް އެނދު، އައްޑޫ ސިޓީއަށް އަންނާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. 
		
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރަޙައްދީ، އިޤްތިޞާދީ ނާރެހެއްގެ ގޮތުގައި އައްޑޫ ސިޓީ ތަރައްޤީ ކުރުމަކީ، މުޅި ރާއްޖޭގެ ތަރައްޤީ ބޭނުންނަމަ، ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. މިމަސައްކަތުގެ މަޤްޞަދު ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމުގެ ލިސްޓުގެ ނަންބަރު 1 ގައި ވަނީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުކަމަށާއި، މިކަން ހަގީގަތަކަށް ހައްދަވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
										
										
			ރައީސް ވިދާޅުވީ ދެކުނު އަދި އައްޑޫގެ ބޮޑު ކަންނެލި އެކްސްޕޯޓް ކުރުމަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކަށް މި އެއަރޕޯޓުން ލިބޭނެ ބޮޑެތި މަންފާތަކެއް އެބަހުރިކަމަށެވެ. އެގޮތުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއާއި ގަން އެއަރޕޯޓުގައި ތަރައްޤީކުރާ ކޯލްޑް ސްޓޯރޭޖާއި ކާގޯ ފެސިލިޓީގެ ސަބަބުން މަސް އެކްސްޕޯޓްކުރުމުގެ މަސައްކަތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށެވެ.
"އައްޑޫގައި ހުރި 50 ޓަނުގެ ބްރައިން ފްރީޒިންގ ކެޕޭސިޓީ، 100 މެޓްރިކް ޓަނަށް ބޮޑުކުރުމުގެ ޢަމަލީ މަސައްކަތް، އަންނަ ޖުލައި މަހު މިފްކޯއިން ފަށާނެ. އަދި އޮގަސްޓު މަހުގެ ތެރޭގައި، މިފްކޯގެ މަސް ބަނދަރު ބޭނުންކުރަން ފެށޭވަރަށް ތަރައްޤީކޮށް ނިމޭނެ." ރައީސް ވިދާޅުވިއެވެ. 
ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތާއިއެކު އެމަނިކުފާނުގެ ތަސައްވަރު އޮތީ މުޅި ރާއްޖެއާއި ގުޅިފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ މުޅި ރާއްޖޭގައި އެކީ އެއްފަހަރާ ހިންގަންޖެހޭ މަޝްރޫޢުތައް ނުހިނގާ ފަރުނުޖެހޭނެކަމަށެވެ.  އެފަދަ ހުރިހާ މަޝްރޫޢެއް ސަރުކާރުން ހިންގަމުންދާ ކަމަށާއި، އެއްގަމާއި ކަނޑާއި ވައިގެ ވިއުގައަކުން މުޅި ރާއްޖެ ގަތާލެވިގެން ނޫނީ، އުފާވެރި، ހަމަޖެހޭ ދިރިއުޅުމެއް ނުހޯދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.