ޚަބަރު

ޔަހޫދީ ސިފައިން ބަޑިޖަހައި ފަލަސްޠީނުގެ ތުއްތު ކުއްޖެއް ޒަޚަމުކޮށްލައިފި


ޔަހޫދީ އިސްރާޢީލުގެ ޓެރެރިސްޓު ސިފައިން ބަޑިޖަހައިގެން ދިން ޙަމަލާއެއްގައި ފަލަސްޠީނުގެ ތުއްތު ކުއްޖަކު ޒަޚަމުކޮށްލައިފިއެވެ. އަޅުވެތިކޮށްފައިވާ ހުޅަނގު އައްސޭރީގެ ހުޅަނގުއުތުރުގައި އޮންނަ ނަބީ ޞާލިޙުގައި ޔަހޫދީ ސިފައިން ހިންގި އުދުވާނުގައި އެ ކުއްޖާގެ ބައްޕަ ވެސް ވަނީ ޒަޚަމުކޮށްލާފައެވެ. އޭނާގެ ހަށިގަނޑަށް ވެސް ވަނީ ވަޒަން އަރާފައެވެ.

މި ޙަމަލާގައި ޒަޚަމުވި ތުއްތު ކުއްޖާގެ އުމުރަކީ އެންމެ ދެ އަހަރެވެ. އެ ކުއްޖާގެ ހާލު ސީރިޔަސް ކަމުގައި ފަލަސްޠީނުގެ މީޑިޔާތަކުން ރިޕޯޓްކުރެއެވެ. އެ ކުއްޖާ ވަނީ އިސްރާޢީލުގެ ޝަބާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ. އެ ކުއްޖާގެ ބައްޕަ ވެސް މި ވަގުތު އޮތީ ރާމަاللهގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައެވެ. އެއީ، 40 އަހަރުގެ މީހެކެވެ.

ފަލަސްޠީނުގެ އޮފިޝަލުން ވިދާޅުވީ އެ ދެބަފައިން ޒަޚަމުކޮށްލާފައި ވަނީ އެ މީހުން ދަތުރު ކުރަމުންދިޔަ ކާރަށް ޔަހޫދީ އިސްރާޢީލުގެ ޓެރެރިސްޓު ސިފައިން ދިން ބަޑީގެ ޙަމަލާތަކެއްގައި ކަމުގައެވެ. ފަލަސްޠީނުގެ މިނިވަކަން ކަމަށް އަޑުއުފުލާ އެކްޓިވިސްޓުން ބުނީ، ޔަހޫދީ ސިފައިން އެ ކާރަށް ޙަމަލާ ދީފައި ވަނީ އެއްވެސް އިންޒާރެއް ދިނުމަކާ ނުލައި ކަމުގައެވެ. އަދި، ޙަމަލާ ދިނުމުގެ ކުރިން އެ ރަށް ބަންދުކޮށްފައިވާ ކަމުގައި ވެސް އެ ފަރާތްތަކުން ބުނެއެވެ.

ފަލަސްޠީނުގެ ދެ އަހަރުގެ ތުއްތު ކުއްޖަކަށް އަމާޒުކޮށް ޔަހޫދީ ޓެރެރިސްޓު ސިފައިން ދިން ރަހުމުކުޑަ ޙަމަލާއާ ގުޅޭ ގޮތުން އިސްރާޢީލުން ބުނީ، އެއީ މުޖާހިދުންގެ ޖަމާޢަތްތަކަށް ނިސްބަތްވާ މެންބަރުންނަށް އަމާޒުކޮށް ދީފައިވާ ޙަމަލާތަކެއް ކަމުގައެވެ. އަދި، މި ޙަމަލާގައި ޢާންމުންގެ ބަޔަކު ޒަޚަމުވުމާ ގުޅިގެން އެ ހާދިސާ ތަހުޤީޤު ކުރަން ފަށާފައިވާ ކަމާއި، އެ ކަމާ ހިތާމަކުރާ ކަމަށް ވެސް ޔަހޫދީ ޖައްބާރު އަސްކަރިއްޔާއިން ބުނެއެވެ.

ހުޅަނގު އައްސޭރީގައި ޔަހޫދީ އިސްރާޢީލުގެ ސިފައިން ހިންގާ އުދުވާންތަކުގެ ޢަދަދު ފަހަކަށް އައިސް ވަނީ އިތުރުކޮށްފައެވެ. ކޮންމެ ދުވަހަކުހެން ޔަހޫދީ ސިފައިން ދަނީ ހުޅަނގު އައްސޭރިއަށް އަރައި ލާއިންސާނީ އުދުވާންތަކާއި ހަނގުރާމައިގެ ޖަރީމާތައް ހިންގަމުންނެވެ. މި ޢުދުވާންތަކުގައި ފަލަސްޠީނުގެ ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ.

މި އަހަރުގެ މިހާތަނަށް ޔަހޫދީ ސިފައިން ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގައި ފަލަސްޠީނުގެ 158 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި 26 ކުޑަކުދިން ވެސް ހިމެނެއެވެ. އަދި، ގިނަ ޢަދަދެއްގެ ޢާންމުންނާއި އަންހެނުން ވެސް ހިމެނެއެވެ. މުސްކުޅިންގެ ފުރާނައަށް ވެސް ފަރުވާލެއް ނުބަހައްޓައެވެ. ހުސްވި މޭ މަހުގެ 9 އިން 13 އަށް ޔަހޫދީ އަސްކަރިއްޔާއިން ހިންގި އުދުވާންތަކުގައި އެކަނިވެސް ފަލަސްޠީނުގެ 36 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.