ޚަބަރު

ޒަޕޮރީޜިޔާ ޕްލާންޓްގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ގްރޮސީ ގޮވައިލައްވައިފި


ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ޔޫކްރެއިންގެ ދެކުނުގައި އޮންނަ ޒަޕޮރީޜިޔާ ނިއުކްލިޔަރ ހަތަކަ އުފައްދާ ޕްލާންޓަށް އޮތް ނުރައްކާތެރިކަން އިތުރުވެފައިވާ ކަން ފާހަގަކޮށް، އެ ތަނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤުވާމީ އިދާރާ (އައި.އޭ.އީ.އޭ)ގެ އިސްވެރިޔާ ރަފަޔަލް ގްރޮސީ އެ ދެ ޤައުމަށް ގޮވައިލައިފިއެވެ. އޭނާ މި ކަމަށް ގޮވައިލައްވާ ވާހަކަފުޅު ދައްކަވާފައި ވަނީ އ.ދގެ ސަލާމަތީ މަޖިލީހުގެ ޚާއްޞަ ބައްދުލުވުމެއްގައެވެ.

ޒަޕޮރީޜިޔާ ނިއުކްލިޔަރ ހަކަތަ އުފައްދާ ޕްލާންޓް ހުންނަނީ ޔޫކްރެއިންގެ ދެކުނުގައިވާ ޒަޕޮރީޜިޔާ ސަރަޙައްދުގައެވެ. އެއީ، ވިލާތުގެ ޤައުމެއްގައި ހުންނަ އެންމެ ބޮޑު ނިއުކްލިޔަރ ޕްލާންޓެވެ. ހަނގުރާމައިގެ ސަބަބުން އެ ތަނަށް ގެއްލުމެއް ލިބި، ނިއުކްލިޔަރ ރޭޑިއޭޝަން ލީކުވެ، ނިއުކްލިޔަރ ކާރިސާއެއް ކުރިމަތިވުމަކީ ވަރަށް ގާތް ކަމެއް ކަމުގައި ވިދާޅުވެ ގްރޮސީ އިންޒާރު ދެއްވަމުން ގެންދަވާތާ މިހާރު އެތަކެއް މަހެއް ފާއިތުވެއްޖެއެވެ.

އެ ފަދަ ހާދިސާއެއް ހިނގައިފި ނަމަ، ރަޝިޔާއާއި ޔޫކްރެއިންގެ އިތުރުން މުޅި ވިލާތުގެ ބައްރަށް ވެސް ނުރައްކާ ވާނެއެވެ. އަދި، އެ ކަމުގެ ނޭދެވޭ އަސަރުތައް މުޅި ދުނިޔެއަށް ކުރުމުގެ ފުރުޞަތު އެބައޮތެވެ. ގްރޮސީ ވިދާޅުވީ ޒަޕޮރީޜިޔާ ޕްލާންޓު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށާއި، އެ ތަނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ރަޝިޔާއާއި ޔޫކްރެއިން ފޭލުވެއްޖެ ނަމަ، މުޅި ދުނިޔެއަށް ހިތާމަވެރި ކާރިސާއަކާ ކުރިމަތިލާން ޖެހޭނެ ކަމުގައެވެ.

ގްރޮސީ ވިދާޅުވީ، އެ ތަނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ރަޝިޔާއާއި ޔޫކްރެއިނުން ފަސް ކަމެއް ކުރަން ޖެހޭ ކަމުގައެވެ. އޭގެ ތެރޭގައި، އެ ތަނަށް ޙަމަލާ ނުދިނުމާއި، އެ ތަނުގައި ރޮކެޓާއި އާޓިލަރީ ބަޑީގެ ޝެލް ފަދަ ހަތިޔާރު ރައްކާކޮށްފައި ނުބެހެއްޓުން ހިމެނެއެވެ. ނަމަވެސް، އެ ފަސް ކަންތައް ދަމަހައްޓަން ރަޝިޔާއާއި ޔޫކްރެއިނުން އެއްބަސްވެފައި ނުވާ ކަމަށް ވެސް ގްރޮސީ ވިދާޅުވިއެވެ.

2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށުމުގެ ކުރިން ޔޫކްރެއިންގައި ބޭނުންކުރާ ކަރަންޓުގެ 20 އިންސައްތަ ފޯރުކޮށްދެމުން ގޮސްފައި ވަނީ ޒަޕޮރީޜިޔާ ޕްލާންޓުންނެވެ. އަދި، ހަނގުރާމަ ފެށި ފަހުން ވެސް އެ ތަން އޮޕަރޭޓްކޮށްފައިވެއެވެ. ނަމަވެސް، ދެ ފަރާތުން ދެމުންދިޔަ ޙަމަލާތަކާ ގުޅިގެން 2022 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އެ ތަނުގެ އޮޕަރޭޝަންތައް ވަނީ ހުއްޓައިލާފައެވެ. އެ ތަން މިހާރު އޮތީ ރަޝިޔާ ސިފައިންގެ އަތްދަށުގައެވެ.

ޒަޕޮރީޜިޔާގެ އިތުރުން ޔޫކްރެއިނުގެ އިރުމަތީގައިވާ ދޮންބާސް އެކުލެވިގެންވާ ލުހާންސްކާއި ޑޮނެޓްސްކް ވެސް އޮތީ ރަޝިޔާގެ އަތްދަށުގައެވެ. ރަޝިޔާއިން އެންމެ ފަހުން ހިފާފައި ވަނީ ޑޮނެޓްސްކުގެ ރަށެއް ކަމުގައިވާ ބަޚްމުތެވެ. ރަޝިޔާއިން ފޮނުވާފައިވާ ވެގްނަރ ގުރޫޕުގެ ކުލީ ސިފައިންނަށް އެ ރަށް ހިފުނީ 10 ވަރަކަށް މަސްވަންދެން މެދުކެނޑުމެއް ނެތި ކުރި ހަނގުރާމައަކަށް ފަހުގައެވެ. ނަމަވެސް، އެ ރަށުގައި ޔޫކްރެއިންގެ ފައުޖުތައް އަދިވެސް ހަރަކާތްތެރިވަމުންދާ ކަމުގައި އެ ޤައުމުން ބުނެއެވެ.