ޚަބަރު

ލޯފަން މީހުންނަށް އަމިއްލައަށް ވޯޓުލެވޭ އިޞްލާޙު މުޅި މަޖިލީހުގެ ކޮމެޓީއަށް


ފެނުމުން މަޙްރޫމުވެފައިވާ މީހުންނަށް އިންތިޚާބުތަކުގައި ވޯޓުލުމަށް މަގުފަހިކުރުމަށް، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ހުށަހެޅުއްވި އިޞްލާޙު މަޖިލީހަށް ބަލައިގަނެ، ދިރާސާކުރެއްވުމަށް މުޅި މަޖިލީހުގެ ކޮމެޓީއަށް ފޮނުވައިފިއެވެ. މި އިޞްލާޙު މަޖިލީހަށް ބަލައިގަނެ ކޮމެޓީއަށް ފޮނުއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެމްބަރުންގެ އިއްތިފާޤުންނެވެ.

މި އިޞްލާޙު މަޖިލީހަށް ހުށަޙެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަޙްމޫދެވެ. ޖީހާން ހުށައަޅުއްވި އިޞްލާޙުގެ ބޭނުންމަކީ ފެނުމުން މަޙްރޫމްވެފައިވާ މީހުންނަ އެހެން މީހެއްގެ އެހީތެރިކަމާކާ ނުލައި ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. މިގޮތުން މި އިޞްލާޙުގައި ބަޔާންކުރާގޮތުން ފެނުމުން މަޙްރޫމްވެފައިވާ މީހުންނަށް ވޯޓުލުމަށްޓަކަށް، ޓެމްޕްލޭޓު ބޭނުންކޮށްގެން ވޯޓު ކަރުދާހުގައި ފާހަގަޖެހިދާނެއެވެ. އެގޮތުން ވޯޓު ކަރުދާހުގެ ތެރެއަށް ލައިގެން ނުވަތަ ވޯޓު ކަރުދާހުގެ މަތީގައި ވަގުތީގޮތުން ހަރުކޮށްގެން، ވޯޓުލުމަށް އެހީތެރިވެދޭ ގޮތަށް ތައްޔާރުކޮށްފައިވާ، އެތެރެ ފެންނަ ޕްލާސްޓިކް ޑިވައިސެއް ބޭނުންކުރެވިދާނެ ކަމަށް އިޞްލާޙްގައިވެއެވެ.

މި އިޞްލާހަށް މަޖިލީހުގައި ހިމެނޭ އެކި ސިޔާސީ ޕާޓީތަކުގެ މެމްބަރުންނާއި، މިނިވަން މެމްބަރުންގެ ވެސް ފުރިހަމަ ތާއީދު އޮތްކަން ވަނީ ހާމަކުރައްވާފައެވެ. މި އިޞްލާހު މަޖިލީހުން ވީހާވެސް އަވަހަށް ފާސް ކުރެއްވުމަށްޓަކައި، ބުދަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން މެންބަރުން ބޭނުންވާ އިސޞްލާޙުތައް ފޮނުއްވުމަށް ވަނީ ހުޅުއްވައިލައްވައިފައެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ހުށައަޅުއްވައިފައިވާ އިޞްލާޙުގައިވާ ގޮތުން ވޯޓު ކަރުދާސް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާ ފަރާތްތަކަށް އެ ފުރުޞަތު ދިނުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތަކާއެކު މި ފަރާތްތަކަށް ވޯޓުލެވޭނެ ގަވާއިދެއް އިލެކްޝަން ކޮމިޝަނުން ކަނޑައަޅަންވާނެއެވެ.

ފެނުމުން މަޙްރޫމްވެފައިވާ މީހުންވޯޓު ކަރުދާސް ފޮށްޓަށް ލާންވާނީ ވޯޓުގެ ސިއްރުކަން ނުގެއްލޭނެ ގޮތަށް ކަރުދާސް ފަތްޖަހައިފައި ކަމަށްވެސް އިޞްލާޙުގައި ބުނެފައިވެއެވެ.

މަޖިލީހުގެ މި ޖަލްސާގައި ވަނީ އެހެން ބައެއް މަސައްކަތްތަކަށް ވެސް ވޯޓަށް އައްސަވައިފައެވެ. އެގޮތުން އެމްޑީޕީން ވަކިވެވަޑައިގެންނެވި 12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ތޮއްޑޫ ދާއިރާގެ މެމްބަރު ޙަސަން ޝިޔާނާއި، މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން، މަސްވެރިކަމާއި ދަނޑުވެރިކަމާ ގުޅޭގޮތުން ހުށަހެޅުއްވި ޤަރާރުތައް މަޖިލީހަށް ބަލައި ނުގަނެ ވަނީ ބޭރުކޮށްލާފައެވެ. މިޤަރާރުތައް ބަލައި ގަތުމަށް ވޯޓު ދެއްވީ 7 މެމްބަރެކެވެ. ޤަރާރުތައް ބަލައި ނުގަތުމަށް 42 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.