ޚަބަރު

މަސައްކަތްތެރިންގެ ޙައްޤުތަކާގުޅޭ 2 ބިލެއް އެޖެންޑާނުކުރައްވާތީ ފައްޔާޟްގެ ކަންބޮޑުވުން


މަސައްކަތްތެރިންގެ ޙައްޤުތައް ޙިމާޔައްކުރުމަށް، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވާ ދެ ބިލެއް އެޖެންޑާ ނުކުރައްވާތީ، އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑަސްޓްރިއަލް ރިލޭޝަންސް އަދި އޮކިއުޕޭޝަނަލް ސޭފްޓީ ބިލަކީ މަސައްކަތްތެރިންގެ ޙައްޤުތައް ޙީމާޔައްކުރުމަށާއި އިޤްތިޞާދަށް ވަރައް މުހިއްމު ދެ ބިލުކަމަށެވެ. މަޖިލީހުގެ ރައީސް ޓެގްކުރައްވައި ކުރެއްވި މި ޓްވީޓްގައި މިނިސްޓަރ ވަނީ އެ ބިލުތައް އެޖެންޑާކުރައްވައި ބަޙުސްކުރައްވައި، ފާސްކުރެއްވުމަކީ މަޖިލީހަށް ހުށައެޅޭ ޤަރާރުތަކެކޭ އެއްގޮތަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ.

އިންޑަސްޓްރިއަލް ރިލޭޝަންސް އަދި އޮކިއުޕޭޝަނަލް ސޭފްޓީ ބިލު ސަރުކާރުން މަޖިލީހަށް ފޮނުއްވީ ނިމިދިޔަ ދައުރަށެވެ. ނަމަވެސް އެ ބިލުތައް މަޖިލީހުން އަދި ފާސްކުރައްވައިފައެއް ނުވެއެވެ. މީގެތެރެއިން އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލުގެ ފުރަތަމަ ކިއުން އިއްވަވާފައިވާއިރު، އެ ބިލުގެ އިބްތިތާއީ ބަހުސް އަދި ފަށްޓަވައިފައެއް ނުވެއެވެ. އަދި އޮކިއުޕޭޝަނަލް ސޭފްޓީ ބިލު އޮތީ ކޮމިޓީ މަރުޙަލާގައެވެ. މަޖިލީހުގެ ޖަލްސާތަކަށް ގިނަ ޤަރާރުތަކެއް އެޖެންޑާކުރައްވައިފައި ހުރެއެވެ.

އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފައިވަނީ ސަރުކާރުގެ ފަރާތުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފެވެ. އަދި އޮކިއުޕޭޝަނަލް ސޭފްޓީ ބިލު ނުވަތަ މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ބިލު ސަރުކާރުން މަޖިލީހަށް ހުށައަޅުއްވާފައިވަނީ ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުالله އެވެ.

އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލަކީ މަސައްކަތްތެރިންގެ ޖަމްޢިއްޔާތައް އުފެއްދުމާއި، އެފަދަ ޖަމްޢިއްޔާތަކުން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުމާއި ނުވުމުގެ ޙައްޤު ކުރިއަރުވައި ކަށަވަރުކޮށްދިނުމުގެ ގޮތުން އެ ޙައްޤުތައް ލިބިދެވޭނެ ދައިރާތައް އެކަށައެޅުމުގެ މަޤްޞަދުގައި ސަރުކާރުން ހުށައަޅުއްވާފައިވާ ބިލެކެވެ. އަދި އެބިލަކީ މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި، ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފެއްދުމާއި އެފަދަ ޔޫނިއަންތައް ހިންގުމުގެ އުސޫލްތައް ބަޔާންކުރާ އަދި މަސައްކަތުގެ މާޙައުލުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމާބެހޭ އުޞޫލްތައް ބަޔާންކުރާ ބިލެކެވެ.

މީގެ އިތުރުން އޮކިއުޕޭޝަނަލް ސޭފްޓީ ބިލަކީ، މަސައްކަތު މާޙައުލުގެ ސަލާމަތައި، މަސައްކަތްތެރިންގެ މަސައްކަތުގެ މާޙައުލުގައި ޙަރަކާތްރެރިވާ އެ ނޫންވެސް ފަރާތްތަކުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަމަހަމަ އަދި ދެމެހެއްޓެނިވި ނިޒާމެއް ޤާއިމްކުރެވޭނެ ޤާނޫނީ އޮނިގަނޑެއް ޤާއިމްކުރުމުގެ މަޤްޞަދުގައި ހުށައަޅުއްވާފައިވާ ބިލެކެވެ.