ޚަބަރު

ކޮމެޓީތައް އެކުލަވައިނުލެވި އެމްޑީޕީ ޕީޖީ ގްރޫޕްގެ ބޮޑެތި ކަންބޮޑުވުން


ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ 12 މެމްބަރަކު އެޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެން މަޖިލީހުގެ މެމްބަރުންގެ ދަފްތަރަށް އައި ބަދަލާއެކު، ކޮމެޓީތަކަށް ބަދަލުގެންނަވަން ކުރެވުނު މަސައްކަތްތަކަށް އެއްވެސް ބަދަލެއް ނުގެނެވި ދިގުލައިގެން ދާތީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ކޮމެޓީތައް އެކުލަވައިލުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާ މެމްބަރު ޙުސައިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވީ ކޮމެޓީތައް އެކުލަވާލުމަށްޓަކައި މިހާތަނަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. ސިޔާސީ ޕާޓީތަކާއި، މަޖިލީހުގެ މިނިވަން މެމްބަރުންނާއެކު މަޝްވަރާކުރެވުނު ނަމަވެސް މިހާތަނަށް މައްސަލައަށް ޙައްލެއް ލިބިފައި ނުވާކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ 12 މެމްބަރަކު އެޕާޓީން ވަކިވެވަޑައިގެންފައިވާކަން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އަންގަވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ވަނީ ޢިއުލާން ކުރައްވައިފައެވެ. އަދި މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މިނިވަން މެމްބަރެއްގެ ގޮތުގައި އިންނެވި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުޙުސިން ޙަމީދު އެމްޑީޕީއާ ގުޅިވަޑައިގެންނެވިކަން ވެސް މަޖިލީހުގައި ވަނީ އިޢުލާން ކުރައްވައިފައެވެ.

މި ބަދަލާއެކު މަޖިލީހުގެ ކޮމެޓީތަކުގައި މެމްބަރުން ތަމްސީލްކުރައްވާ ގޮތްތަކަށް ވެސް ބަދަލުތަކެއް އަންނާނެއެވެ. އަދި މަޖިލީހުގައި މެމްބަރުން ވާހަކަފުޅު ދައްކަވާ ވަގުތަށްވެސް ބަދަލުތަކެއް އަންނާއެވެ.

ޙުސައިން ވިދާޅުވީ މަޖިލީހުގެ ކޮމެޓީތަކުގައި ރައްޔިތުންނާ ގުޅުންހުރި މުހިންމު ބިލްތަކާއި، މަސައްކަތްތައް ނުކުރެވި ހުރިކަމަށެވެ. އެގޮތުން ސަފީރުންނަށް ރުހުން ދިނުމުގެ ކުރިން ކުރަންޖެހޭ އިންޓަރވިއުގެ މަރުޙަލާތަކާއި، ކޮމެޓީތަކުގައި ހުރި ރައްޔިތުންނާ ގުޅުންހުރި ބިލްތަކުގެ މަސައްކަތް ނުކުރެވި ދުވަސްތައް ދިގުލައިގެން ދިއުމަކީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

އޭނާ ވިދާޅުވީ މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލްކުރާ މެމްބަރުންގެ އަދަދަށް އައި ބަދަލާއެކު ކޮމެޓީތައް އެކުލަވާލައި، އެ ޕާޓީން މަޖިލީހުގެ ރިޔާސަތާ ޙިއްސާކުރައްވާފައި ވާނެކަމަށެވެ. އަދި އުންމީދުކުރައްވަނީ މިފެށޭ ހަފްތާގައި ކޮމެޓީތަކުގެ މަސައްކަތް ފެށި، ކޮމެޓީތަކުގައި ހުރި މަސައްކަތްތައް ފެށޭނެ ގޮތް ވުމުންކަމަށެވެ.

އެމްޑީޕީގެ 12 މެމްބަރަކު ޕާޓީން ވަކިވެވަޑައިގަތުމާއެކު މަޖިލީހުގައި ހިމެނޭ ޕާޓީތަކާއި މިނިވަން މެމްބަރުންގެ ޢަދަދުތަކަށް ވަނީ ބަދަލުތަކެއް އައިސްފައެވެ.

މަޖިލީހުގެ މެންބަރުން ތަމްސީލްވާގޮތް:

* އެމްޑީޕީ 56 މެމްބަރުން
* ޕީޕީއެމް 5 މެމްބަރުން
* ޕީއެންސީ 3 މެމްބަރުން
* އެމްއެންޕީ 3 މެމްބަރުން
* ޖުމްހޫރީ ޕާޓީ 2 މެމްބަރުން
* އެމްޑީއޭ 2 މެމްބަރުން
* މިނިވަން 16 މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދަފްތަރަށް އައި ބަދަލާއެކު މަޖިލީހުގެ ތަޅުމުގައި މެމްބަރުން ބަހުސްކުރައްވާ ވަގުތުތަކަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. އަދި މިހާރު އެމްޑީޕީން ވަކިވެވަޑައިގެންނެވި 12 މެމްބަރުން މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ގެންދަވަނީ މިނިވަން މެމްބަރުންގެ ގޮތުގައެވެ.