ދުނިޔޭގެ ވިޔަފާރި

ޖެކް މާ ޖަޕާނުގެ ޔުނިވަރސިޓީއެއްގެ ޕްރޮފެސަރަކަށް


ޗައިނާގެ އީ ކޮމާރސް ކުންފުނި އަލީބާބާގެ ވެރިޔާ އަދި ޗައިނާގެ މަޝްހޫރު މަހުޖަނު ޖެކް މާ، ޖަޕާނުގެ ޔުނިވަރސިޓީއެއްގެ ވިޒިޓިންގ ޕްރޮފެސަރަކަށް ހަމަޖެހިއްޖެއެވެ.

2020 ވަނަ އަހަރުން ފެށިގެން އާންމުންގެ ތެރެއިން އެއްގޮތަކަށްވެސް ނުފެންނަ މާގެ ވަޒީފާ ހަމަޖެހުނީ ޖަޕާނުގެ ޓޯކިއޯގެ ކޮލެޖަކުންނެވެ. މިކަން މިއަދު އިއުލާންކޮށް އެ ކޮލެޖް ހިންގާ ޓޯކިއޯ ޔުނިވަސިޓީން ބުނީ ޓޯކިއޯ ކޮލޮޖްގެ ވިޒިޓިން ޕްރޮފެސަރެއްގެ ގޮތުގައި މި އަހަރުގެ އޮކްޓޯބަރުމަހާއި ހަމައަށް މާ މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި އޭނަ ބޭނުންވެވަޑައިގަންނަވާ ނަމަ އެގްރިމަންޓްގެ މުއްދަތު އަހަރުން އަހަރަށް އާކުރުމުގެ ފުރުސަތުވެސް އޮންނާނެކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.

ޓޯކިއޯ ކޮލެޖްގެ ވިޒިޓިން ޕްރޮފެސަރެއްގެ ގޮތުގައި ޖެކް މާ އެކިއެކި ރިސާޗް ދާއިރާތަކަށް ލަފާ ދީ މެނޭޖްމަންޓާއި ބިޒްނެސް ސްޓާޓަޕް ފަދަ ދާއިރާތަކުން ލެކްޗާރތައް ދޭނެއެވެ.

ބޮޑު ވިޔަފާރިވެރިއެއްގެ ގޮތުގައި އާންމުންގެ ތެރޭގައި މަޝްހޫރުވުމުގެ ކުރިންވެސް މާ އަކީ ޓީޗަރެއްގެ ގޮތުގައި ތައުލީމީ ދާއިރާގައި މަސައްކަތްކުރި މީހެކެވެ. އެގޮތުން ޗައިނާގެ ހެންގްޒޫ ސިޓީގެ ޔުނިވަރސިޓީގައި އިނގިރޭސި ޓީޗަރެއްގެ ގޮތުގައި ޖެކް މާ މަސައްކަތް ކުރެއްވިއެވެ.

ޗައިނާ ސަރުކާރުން ޓެކް ކުންފުނިތަކަށް އެޅި ފިޔަވަޅުތަކަށްފަހު އުމުރުން 58 އަހަރުގެ މާ އުޅެނީ ވަރަށް ލޯ ޕްރޮފައިލްކޮށެވެ.

ހެންގްޒޫ ނޯމަލް ޔުނިވަރސިޓީން ބެޗްލަރ އޮފް އާޓްސްއިން ގްރެޖްއޭޓްވެފައިވާ މާ އަކީ މިހާރު ޗައިނާގައި 5 ވަނައަށް އެންމެ މުއްސަނދި މީހާއެވެ. އޭނާގެ މިލްކިއްޔާތަކީ 34.1 ބިލިއަން އެމެރިކާ ޑޮލަރު އެބަހުއްޓެވެ.