ޚަބަރު

ދިވެހިންނަކީ ދީނަށް ލޯބި ކުރާ، އެކަކު އަނެކަކަށް އަޅާލާ ބަޔަކަށް ހެދުމަކީ އަމާޒެއް: ނައިބު ރައީސް


ދިވެހިންނަކީ ދީނަށް ލޯބި ކުރާ، އެކަކު އަނެކަކާއި އަޅާލައި އެކުގައި ދިރިއުޅެވޭ، ރަނގަޅު ރައްޔިތެއް، ކަމުގައި ހެދުމަކީ މި ސަރުކާރުގެ މަޤްޞަދެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، "ރަންތާޖު" ޤުރުއާން މުބާރާތް އިފްތިތާޙްކޮށްދެއްވާ، ދެއްކެވި ވާހަކަފުޅުގައެވެ. މިމުބާރާތަކީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރަމެންޓާއި ރާއްޖެ ޓީވީ ގުޅިގެން މިރޯދަމަހު ކުރިޔަށް ގެންދާ މުބާރާތެކެވެ. މިމުބާރާތުގެ ފުރަތަމަ ޝޯވ މިރޭ ވަނީ ދައްކާފައެވެ.

ރަންތާޖު ޤުރުއާން މުބާރާތް ހުޅުއްވައި ދެއްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި މި މުބާރާތް ރާވައި އިންތިޒާމްކުރުމުގައި ބައިވެރިވެފައިވާ ހުރިހާ ފަރާތްތަކާއި މުބާރާތަށް އެހީތެރިވެދެއްވާ ފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވެ. އަދި މިފަދަ މުބާރާތެއް މަޤުޞަދަކީ، ޤުރުއާނަށްލޯބި ޖެއްސުމާއި، ތަޖުވީދުގެ މަގުން ޤުރުއާން ކިޔެވުމަށް ބާރުއެޅުން ކަމުގައިވެސ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ދިވެހިރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށާއި، ޤުރުއާން މުބާރާތްތައް ބޭއްވުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމުގެ މައްޗަށްވެސް އަލި އަޅުއްވާ ލެއްވިއެވެ. މިގޮތުން ކޯވިޑް-19ގެ ހާލަތުގައިވެސް ޤުރުއާން މުބާރާތް މެދުކަނޑާނުލައި ބޭއްވިފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މިއަހަރުގެ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމުގެ ޕްރޮގްރާމްތައް އަތޮޅުތަކުގައިވެސް ކުރިޔަށް ގެންދެވޭނެ ކަމުގައި ވިދާޅުވިއެވެ.