ޚަބަރު

އާއްމުންނާއި ގުޅޭ ޝަޢުގުވެރި އެތައް ޕްރޮގްރާމްތަކެއް މިރަމަޟާންމަހު ޕީއެސްއެމްގެ ޗެނަލްތަކުން


ރަމަޟާން މަހަކީ އެކި ގޮތްގޮތުން ދިވެހިންނަށް ޚާއްސަ މަހެކެވެ. އެމަހަށް ތައްޔާރުވުމަށް ދުރާލާ ތައްޔާރުވުމަކީ ދިވެހިންގެ އާދައެކެވެ. އިޖުތިމާޢީގޮތުން ގުޅުން ބަދަހިވެގެންދާ މި މައްސަރަށް ތައްޔާރުވުމަށް ސަރުކާރު އޮފީސްތަކާއި އެނޫން ފަރާތްތަކުންވެސް މަސައްކަތްކުރެއެވެ.

މިގޮތުން ޕަބްލިކް ސަރވިސް މީޑިއާއިންވެސް ރަމަޟާން މަހަށް ކޮންމެ އަހަރަކުވެސް ތައްޔާރުވަނީ ރައްޔިތުންނަށް ތަފާތު ރަހަތަކެއް ރޯދަމަހު ގެނެސްދިނުމުގެ ޢަޒުމާއެކުގައެވެ. މިގޮތުން މިފަހަރުވެސް ޕީއެސްއެމްގެ އެކި ޗެނަލްތަކުން ބެލުންތެރިން ޝައުގުވެރިވާނެ ތަފާތު ޕްރޮގްރާމްތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

10 އަހަރަަށްފަހު "އައިލެންޑް ސަރވައިވަރ" އެނބުރި ޓީވީއެމަށް!

ޓެލެވިޜަން މޯލްޑިވްސްއަކީ ރާއްޖެއަށް ޓީވީ ތަޢާރަފްވީ ހިސާބުންވެސް ރައްޔިތުންގެ ޝަޢުގުވެރިކަމާއި ގުޅުވާ ޕްރޮގްރާމް ގެނެސްދިނުމުގައި ދެގޮތެއްނުވެ އޮތް ޗެނަލެކެވެ. ފާއިތުވި އަހަރުތަކުގައި ބެލުންތެރިންގެ ހިތްތަކުން ފިލުވާލަން އުނދަގޫ، ލޮލުން ކަރުނަ ފާއްދާލާފަދަ އެތައް ޕްރޮގްރާމެއް ޓީ.ވީ.އެމްއިން ވަނީ ގެނެސްދީފައެވެ. އަދި ބެލުންތެރިންގެ މެދުގައި މިއަދުވެސް ދެގޮތެއްނުވެ ފާހަގަކުރެވޭ ހެއްވާ މަޖާއެތައް ޕްރޮގްރާމެއްވެސް މާޒީވެއްޖެއެވެ.

ޓީ.ވީ.އެމްއިން ކޮންމެ އަހަރަކުވެސް އައު ޕްރޮގްރާމްތައް ގެނެސްދިނުމަށް މަސައްކަތް ކުރެއެވެ. މިގޮތުން މިފަހަރު ޓީ.ވީ.އެމްއިން މުޅިން އަލަށް 23 ޕްރޮގްރާމެއް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން ކުޑަކުދިންނަށް ޚާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި ކުޑަކުދިންގެ ކުއިޒް "ސްމާޓެސްޓް ޓްރިއޯ"، "ނިޔަނެތި"، "ދީނީ ލޯބި" ހިމެނެއެވެ. ކުޑަކުދިންގެ މުނިފޫހިފިލުވުމުގެ ޕްރޮގްރާމްގެ ތެރޭގައި "އެކުވެރިން" އަދި ކުޑަކުދިންގެ ކައްކާ ޝޯވ "ވަރަށް މީރު" މިރަމަޟާންމަހު ކުދިންނާއި ބައްދަލުކުރާނެއެވެ.

ބޮޑެތި މީހުންނަށް ޚާއްސަ އައު ޕްރޮގްރާމްތަކުގެ ތެރޭގައި، ސެލެބްރިޓީ ޝޯވ "ހޭޝް ޓެގް"އާއި ލަވަ ޕްރޮގްރާމް، "ވަރަށް ތަފާތު" ގެނެސްދޭނެއެވެ. އަދި ބެލުންތެރިންގެ ބޮޑު ބަޤުބޫލުކަމެއް ލިބިގެންދިޔަ "އައިލެންޑް ސަރވައިވަރ" ސީޒަން 2 މިފަހަރު ބެލުންތެރިންނަށް ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ. 10 އަހަރުގެ މެދުކެނޑުމަކަށްފަހު ބެލުންތެރިންނާއި ހަމައަށް މިޕްރޮގްރާމް ގެނެސްދިނުމަށް ޓީވީއެމްގެ ޓީމުންވަނީ ގިނަ މަސައްކަތްތަކެއްކޮށްފައެވެ.

ކުރިންވެސް ޓީ.ވީ.އެމްއިން ރަމަޟާން މަހު ގެނެސްދީފައިވާ ޚާއްސަ ޕްރޮގްރާމްތަކުގެ ތެރެއިން ބެލުންތެރިންގެ މެދުގައި މަޤުބޫލު ބައެއް ޕްރޮގްރާމްތައް މިއަހަރުވެސް ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ. މީގެތެރެއިންވެސް ޕީ.އެސް.އެމްގެ ތުއްތު ކުދިންގެ ޤުރުއާން މުބާރާތަކީ މާލެއާއި އަތޮޅުތެރޭގެ ތުއްތު ކުދިންނާއި ބެލެނިވެރިންގެ މެދުގައިވެސް މަޤުބޫލު މުބާރާތެކެވެ. މި މުބާރާތް މިއަހަރުގެ ރަމަޟާންމަހު ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި ކޮންމެ އަހަރަކުވެސް ބެލުންތެރިންގެ ހިތްތަކާއި ކުޅެލާ "އިޙްސާސް" މިފަހަރުވެސް ގެނެސްދޭނެއެވެ.

އަޑާއި ދިވެހި އެފްއެމްއިންވެސް ރޯދައަށް ޚާއްސަ 41 ޕްރޮގްރާމް!

ރަމަޟާންމަހަށް ޚާއްސަކޮށްގެން ޕީއެސްއެމްގެ ރޭޑިއޯ ޕްރޮގްރާމްތަކުގައިވެސް މިފަހަރު ޚާއްސަ އެތައް ޕްރޮގްރާމެއް އެހުންތެރިންނާއި ހަމައަށް ގެނެސްދިނުމަށް ރޭޑިއޯ ޓީމުންވަނީ ބުރަ މަސައްކަތްކޮށްފައެވެ.

ޕީ.އެސް.އެމްގެ ރޭޑިއޯ ޗެނަލްތައް ކަމުގައިވާ، ދިވެހިރާއްޖޭގެ އަޑާއި، ދިވެހި އެފްއެމްއާއި، ދީނުގެ އަޑު ޗެނަލް މެދުވެރިކޮށް މިރަމަޟާންމަހަށް ޚާއްސަ ޕްރޮގްރާމްތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދިވެހިރާއްޖޭގެ އަޑުން 25 ޕްރޮގްރާމެއް ގެނެސްދޭނެއެވެ. އަދި ދިވެހި އެފްއެމްއިން 10 ޕްރޮގްރާމަކާއި، ދީނުގެ އަޑުން 6 ޕްރޮގްރާމެއް ގެނެސްދިނުމަށްވަނީ ނިންމާފައެވެ.

ރަމަޟާން މަހު އެހުންތެރިންގެ މެދުގައި އެންމެ މަޤުބޫލު، "ދީނީ ސުވާލު މުބާރާތް"، "ކީރިތި ރަސޫލާގެ ސިޔަރަތު"، "ކުރު ވާހަކަ މުބާރާތް" މިފަހަރުވެސް އޮންނާނެއެވެ. އަދި ހުރިހާ ޢުމުރުފުރާއަކަށްވެސް އަޑުއަހާލެވޭނެހެން މުނިފޫހިފިލުވުމާއި، ދީނީ ޕްރޮގްރާމްތަކާއި، އެކި ދާއިރާތަކުން މަޢުލޫމާތު މުއްސަނދި ގިނަ ޕްރޮގްރާމްތަކެއް މިފަހަރުވެސް އެހުންތެރިންނަށް ގެނެސްދިނުމަށް ރޭޑިއޯ ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޕީ.އެސް.އެމް ނިއުސްއިންވެސް މިފަހަރު މުޅިން ތަފާތު ޕްރޮގްރާމްތަކެއް!

މިރަމަޟާން މަހު ޕީއެސްއެމްގެ ޗެނަލްތަކުގެ ތެރެއިން، ޕީ.އެސް.އެމް ނިއުސްއިންވެސް ބެލުންތެރިންނާއި ތަފާތު ރަހަތަކަކާއެކު އައު ޕްރޮގްރާމްތަކެއް ގެނެސްދިނުމަށް ވަނީ ތައްޔާރުވެފައެވެ.

ޚަބަރާއި މަޢުލޫމާތުގެ އިތުރުން މުޖުތަމަޢުގައި ހުރި އެކި މައްސަލަތަކާއި އަދި ޢާއްމުންނާއި ގުޅުންހުރި ކަންކަމަށް އަލިއަޅުވާލާ ނިއުސްޓީމުން މިރަމަޟާން މަހު ބެލުންތެރިންނާއި ހަމައަށް މުޅިން އަލަށް 9 ޕްރޮގްރާމް ގެނެސްދިނުމަށްވަނީ ނިންމާފައެވެ.

އެގޮތުން ރާއްޖެއަށް ބަލާއިރުވެސް ބައެއް ދާއިރާތަކުގައި އަންހެނުންގެ ބައިވެރިވުން އަދިވެސް ކުޑައެވެ. މިފަދަ ދާއިރާތަކުން އިސްނަގައިގެން މުޖުތަމަޢުގައި، ތަފާތު ދައްކަމުން އަންނަ އަންހެނުންނާއި ގުޅޭގޮތުން "އަންހެނުންނަށް ވާނެ" ނަމުގައި މުޅި އަލަށް ޕްރޮގްރާމެއް ގެނައުމަށްވަނީ ނިންމާފައެވެ. ރާއްޖެއަށް އެކި ދުވަސްވަރު އެކި ގޮތްގޮތުން ޚިދުމަތްކުރެއްވި ބޭފުޅުންނާއި ގުޅޭގޮތުން "އޭރުގެ ހަނދާންތައް"، އަދި ކުށުގެ ސަބަބުން ޖަލުގައި ޙުކުމް ތަންފީޒުކުރަމުންދާ މީހުންގެ ވާހަކަތައް ބެލުންތެރިންނާއި ހަމައަށް ގެނެސްދިނުމަށް "އިތުރު ފުރުސަތެއް" ގެނެސްދިނުމަށްވަނީ ނިންމާފައެވެ.

ހަމައެއާއެކު މުޖުތަމަޢުގައި ހުރި މައްސަލަތަކަށް އަލިއަޅުވާލާ މީގެކުރިން ނުދެކެވޭ އެތައް ވާހަކަތައް ހިމެނޭ "ކަޅާއި ހުދުން" ޑޮކިއުމަންޓްރީ ސީރީޒްއެއްވެސް މިރަމަޟާން މަހު ގެނެސްދިނުމަށް ނިއުސް ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އިމްޕޯޓަށް ބަރޯސާވާ، މިކުޑަ ރާއްޖޭގައިވެސް އަމިއްލަ މަސައްކަތުން ތަފާތު އެކި އުފެއްދުންތައް ތައްޔާރުކޮށް ބާޒާރުގައި ވިއްކަމުން އަންނަ އެކި ފަރާތްތަކުގެ މައްޗަށް ތައްޔާރުކޮށް "މޭޑް އިން މޯލްޑިވްސް" އަކީވެސް މުޅިން އަލަށް ގެނެސްދޭ ޕްރޮގްރާމެކެވެ. އަދި އެކި ދާއިރާތަކުން ޤައުމަށް ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ބިދޭސީންގެ ތަފާތު ތަޖުރިބާތަކާއި ވާހަކަތަކާއެކު "މަދަދު" ގެނެސްދިނުމަށްވަނީ ނިންމާފައެވެ. ހަމައެހެންމެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެބޭފުޅުންގެ ދާއިރާއަށްގޮސް ރައްޔިތުންނާއި މެންބަރުންނާއި އޮންނަ ގުޅުން، މެންބަރުންގެ ޚިދުމަތްތަކާމެދު ރައްޔިތުން ދެކޭގޮތް ރައްޔިތުންގެ ދުލުން ގެނެސްދިނުމަށްޓަކާ "ދާއިރާ ދަތުރު" މި ނަމުގައި ޚާއްސަ ޕްރޮގްރާމެއްވެސް ނިއުސް ޗެނަލްއިން ގެނެސްދޭނެއެވެ.

މި ޕްރޮގްރާމްތަކުގެ އިތުރުން ކޮންމެ ދުވަހެއްގެ މެންދުރާއި ހަވީރު ޚާއްސަ ދެ ލައިވް ޝޯވ ނިއުސް ޗެނަލްއިން ގެނެސްދޭނެއެވެ. އެގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުން ފާހަގަކޮށްލެވޭ ޝައުގުވެރި ލުއި ޚަބަރުތަކާއި، އާއްމު މަޢުލޫމާތާއެކު "ޓްރެންޑިން" ކޮންމެ ދުވަހެއްގެ މެންދުރު ގެނެސްދޭނެއެވެ. އަދި ބެލުންތެރިންނާއި ވާހަކަދައްކާލާ، ބެލުންތެރިންނަށް ބައިވެރިވެވޭ ކުއިޒް ޕްރޮގްރާމް "ހަވީރު ގަޑި" ކޮންމެ ދުވަހެއްގެ ހަވީރު ގެނެސްދޭނެއެވެ. މި ޕްރޮގްރާމުން ބެލުންތެރިންނަށް ތަފާތު އިނާމުތައް ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ރަމަޟާން މަހުގެ ދުވާލުގަޑީގެ ވަރުބަލިކަމާއި ރޯދަ ކުރުކޮށްލުމަށް، ޕީ.އެސް.އެމްގެ އެކި ޗެނަލްތަކުން ފޯރިގަދަ އެކި ޕްރޮގްރާމްތައް ބެލުންތެރިންނާއި ހަމައަށް ދުވަހުގެ އެކި ގަޑިތަކުގައި ގެނެސްދިނުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. ހަމައެއާއެކު ރަމަޟާން މަހުގެ ބަރަކާތާއި އެމަހާއި ގުޅުންހުރި އެކި މަޢުލޫމާތުން ފުރިގެންވާ ދީނީ ގިނަ ޕްރޮގްރާމްތަކެއްވެސް ގެނެސްދިނުމަށްވަނީ ނިންމާފައެވެ.

ޕީއެސްއެމްގެ ޓީމުން އެދެނީ ހުރިހާ ބޭފުޅުންނަށްވެސް މިބަރަކާތްތެރި ރަމަޟާން މަހުގެ ހިތްހަމަޖެހުމާއި ފާގަތިކަން ހުރިހާ ބެލުންތެރިންނަށާއި އެހުންތެރިންނަށް ލިބިގެންދިޔުމެވެ. ރަމަޟާން މުބާރިކް!