ޚަބަރު

ބަރަކާތްތެރި ރަމަޟާން މަހުގެ ބައެއް އާދަކާދަތައް ދުނިޔޭގެ އެކި ކަންކޮޅުތަކުން


ބަރަކާތްތެރި ރަމަޟާން މަހުގެ ހަނދު ފާޅުވެއްޖެއެވެ. ރޯދައިގެ މަތިވެރި އަޅުކަމާއި، ބަރަކާތާއި ޘަވާބަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ 1.9 ބިލިޔަނަށްވުރެ ގިނަ މުސްލިމުން ތައްޔާރުވާން ފަށައިފިއެވެ. މިއީ ސަގާފަތާއި، ޢަޤީދާއާއި، ތާރީޚުގެ މައްޗަށް ބިނާވެފައިވާ މާތް މައްސަރެކެވެ. މިއީ، ހިތްގައިމު، އުފާވެރިކަމުގެ މައްސަރެކެވެ.

އެކި ޤައުމަތުގެ ސަގާފަތާއި އާދަކާދަތަކަށް ބަލައިލާއިރު، އެކި ޤައުމުތަކުގެ މުސްލިމުން ރަމަޟާން މަހަށް ތައްޔާރު ވަނީ އެކި ގޮތްގޮތަށެވެ. ރަމަޟާން މަހަކީ ރޯދަ ހިފުމާއި، ނަމާދު ޤާއިމުކުރުމާއި، ކީރިތި ޤުރުއާން ކިޔެވުމާއި، ސަދަޤާތް ކުރުމުގެ އިތުރުން، މުނިފޫހިފިލުވުމާއި އުފާ ފާޅުކުރުމަށް ވެސް ތަފާތު އެކި ހަރަކާތްތަކެއްގެ ތެރެއިން މުސްލިމުންގެ ހިތްތަކަށް އުޖާލާކަން ގެނުވާ މައްސަރެކެވެ. ބައެއް ޤައުމުތަކުގެ ސަގާފަތާއި އާދަކާދަތަކަށް ނަޒަރު ހިންގައިލާނަމެވެ.

އިންޑޮނީޝިޔާގެ މުސްލިމުން ރަމަޟާން މަހަށް ހެނުން

އިންޑޮނީޝިޔާއަކީ މުސްލިމުންގެ އާބާދީ އެންމެ ބޮޑު ޤައުމެވެ. އެ ޤައުމުގައި 230 މިލިޔަނަށްވުރެ ގިނަ މުސްލިމުން ދިރިއުޅެއެވެ. ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އެ ޤައުމުގެ ބައެއް ސަރަޙައްދުތަކުގައި ދިރިއުޅޭ މުސްލިމުން ކުރާ އެއް ކަމަކީ ހެނުމެވެ. ނުވަތަ، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ފެންވެރުމެވެ. މި އާދަކާދަ ޢާންމުކޮށް ފެންނަނީ، އެ ޤައުމުގެ މެދުތެރެއާއި އިރުމަތީ ޖާވާގެ ސަރަޙައްދުތަކުންނެވެ.

"ޕަދުސާން"ގެ ނަން ދީފައިވާ މި އާދަކާދައަކީ ޢާންމު ގޮތެއްގައި ގައިންތާހިރުވުމުގެ ގޮތުން ފެންވެރުމާ ތަފާތު ކަމެކެވެ. ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، މުޅި ހަށިގަނޑުގައި ފެންޖައްސައި ސާފުތާހިރުކުރުމުގެ ގޮތުން އެ މީހުން ފެންވަރަން އެރެނީ ޤުދުރަތީ ފެންގަނޑަކަށެވެ. ނުވަތަ މޫދަށެވެ. ނަމަވެސް، މި އާދަކާދަ ޒަމާނީވެ، ފަތާ ފެންގަނޑަކަށް އެރިވެސް، މި އާދަކާދަ މިހާރު ފުރިހަމަކުރެވިދާނެއެވެ.

ލުބުނާނުގައި ބޮޑުބަޑީގެ ސަލާމަކުން ރަމަޟާން މަހަށް މަރުޙަބާ ކިޔުން

މެދުއިރުމަތީގެ ޤައުމެއް ކަމުގައިވާ ލުބުނާނުގައި ބަރަކާތްތެރި ރަމަޟާން މަހަށް މަރުޙަބާ ކިޔަނީ ބޮޑުބަޑީގެ ސަލާމަކުންނެވެ. މިއީ، ލުބުނާނުގެ އިތުރުން މެދުރިއުމަތީގެ ބައެއް އެހެން ޤައުމުތަކުން ވެސް ފެނިގެންދާ އާދަކާދައެވެ. ލުބުނާނުގައި މި އާދަކާދަ އެންމެ ފުރަތަމަ ފެށިފައި ވަނީ މީގެ 200 ވަރަކަށް އަހަރު ކުރިން މިޞްރުގައި ކަމަށް ތާރީޚު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އުޘްމާނީ ޚިލާފަތުގައި ފެށުނު ކަމަށް ބުނާ މި އާދަކާދައަށް ދީފައިވާ ނަމަކީ "މިދްފާ އަލް އިފްތާރެވެ." 1980ގެ އަހަރުތަކުގެ ތެރޭގައި ބޮޑުބަޑި ފަދަ ހަތިޔާރުތައް ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން ދުވަސްކޮޅަކަށް މި އާދަކާދަ ނެތިގެންދިޔައެވެ. ނަމަވެސް، ފަހުން އެ ކަން ވަނީ އަލުން ފަށާފައެވެ. އަދި، މިއަދާ ހަމައަށް ވެސް ލުބުނާނުގެ ރައްޔިތުން ރަމަޟާން މަހަށް މަރުޙަބާ ކިޔާނީ ބޮޑުބަޑީގެ ސަލާމަކުންނެވެ.

އެކުވެރި ޢަރަބި ޢިމާރާތުގެ ކުޑަކުދިން ލަވަކިޔަމުން މަގުތަކަށް

އެކުވެރި ޢަރަބި ޢިމާރާތް (ޔޫ.އޭ.އީ)ގައި ރަމަޟާން މަހުގެ ތައްޔާރީތައް ފެށެނީ ޝަޢުބާން މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. ޝަޢުބާން މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ހަނދު ބެލުމާ ހަމައަށް ގުނާ ދުވަސްތަކަކީ، ޔޫ.އޭ.އީ.ގެ ކުޑަކުދިންނަށް އަންނަ ޢީދެކެވެ. މަޖަލާއި ސަކަރާތުގެ ޢީދެކެވެ. ފޮނިކާތަކެއްޗާއި މެޓާ ފަދަ ތަކެތީގެ ހަދިޔާތައް ލިބޭ ޢީދެކެވެ. "ޙައްޤު އައްލައިލާ"ގެ ނަމުން މަޝްހޫރު މި އާދަކާދައިގެ ދަށުން، ތަފާތު އެކި ކުލަކުލައިގެ ހެދުން އަޅައިގެން ޔޫ.އޭ.އީ.ގެ ކުޑަކުދިން މަގުތަކަށް ނިކުންނާނެއެވެ.

އެ ކުދިން ދޮރުންދޮރަށް ހިނގާނީ ހަދިޔާ ހޯދުމުގެ ބޭނުމުގައެވެ. މި އާދަކާދައިގެ މާތް މަޤުޟަދެއް އޮވެއެވެ. އެއީ، ރަމަޟާން މަހުގެ ބަރަކާތްތެރިކަމާއި މާތް ކަމުގެ މަޢުލޫމާތު ކުޑަކުދިންނަށް އުނގަންނައިދިނުމެވެ. ރަމަޟާން މަހުގެ އަޅުކަމަށް ކުޑަކުދިން ތައްޔާރުކުރުމެވެ. ނަމާދު ކުރަން ދަސްކޮށްދިނުމެވެ. އަދިވެސް އިސްލާމް ދީނުގެ މަތިވެރި އަދި ރިވެތި އަދަބުތައް ކުޑަކުދިންނަށް ކިޔައިދިނުމެވެ. މިއީ، ޔޫ.އޭ.އީ.ގެ އިތުރުން ގަލްފުގެ އެހެން ބައެއް ޤައުމުތަކުން ވެސް ފެންނަ އާދަކާދައެކެވެ.

މަޣުރިބުގައި ހާރުދަމަށް ތައްޔާރުވުން

މަޣުރިބުކަރައިގެ ރަމަޟާން މަހަށް ޚާއްޞަ އާދަކާދަތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ކަމަކީ، ހާރުދަމަށް މީހުން ހޭލެއްވުމުގެ މަސައްކަތެވެ. އެ މަސައްކަތް މަތިކޮށްފައިވާ މީހާގެ ޒިންމާއަކީ، ހާރުދަމަށް ނުވަތަ ހާރުކާ ވަގުތަށް މީހުން ހޭލެއްވުމެވެ. ޢާންމު ގޮތެއްގައި އެ މީހާ ފެންނާނީ މަޣުރިބުގެ ސަގާފީ ހެދުމެއްގައެވެ. އަދި، ނިދާފައި ތިބި މީހުން ހާރުދަމަށް ހޭލެއްވުމަށް އޭނާ ބޭނުންކުރާނީ ޚާއްޞަ ދުންމާރިއެކެވެ.

މިއީ ހަތްވަނަ ޤަރުނުގައި މެދުއިރުމަތީގެ ޤައުމުތަކުން ފެށުނު އާދަކާދައެއް ކަމުގައި ތާރީޚު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އަދި، އެއަށްފަހު މަޣުރިބުކަރައަށް ފެތުރުނީއެވެ. މިއީ ކީރިތި ރަސޫލާ مُحَمَّد ﷺ ގެ ޒަމާނުގައި ފެށުނު އާދަކާދައެކެވެ.

ތުރުކީވިލާތުގައި ހާރުދަމަށް ބެރުޖެހުން

މަޣުރިބުކަރައޭ އެއް ފަދައިން، ތުރުކީވިލާތުގައި ވެސް ހާރުދަމަށް މީހުން ހޭލެއްވުމަށް ޚާއްޞަ ހަރަކާތެއް ކުރިއަށް ގެންދެއެވެ. އެއީ، ބެރުޖެހުމެވެ. މިއީ، އުޘްމާނީ ޚިލާފަތުގެ ދުވަސްވަރު ފަށާފައިވާ އާދަކާދައެއް ކަމުގައި ތާރީޚު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އަދި، މިއަދާ ހަމައަށް ވެސް ދެމިގެންގޮސްފައިވާ މި އާދަކާދަ އަދާކުރުމަށް، 2,000 އަށްވުރެ ގިނަ ބެރުވެރިން ހަރަކާތްތެރިވެއެވެ.

އެ މީހުންގެ މައިގަނޑު މަޤުޞަދަކީ، ހާރުދަމަށް ނުވަތަ ހާރުކާ ވަގުތަށް މީހުން ހޭލެއްވުމެވެ. އެ މީހުން ވެސް ތިބެނީ އުޘްމާނީ ޚިލާފަތުގެ ދުވަސްވަރުގެ ސަގާދީ ހެދުން އަޅައިގެންނެވެ. އެ މީހުންނަށް ސަދަޤާތް ދިނުމަކީ ވެސް ތުރުކީވިލާތުގެ އާދަކާދަތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. އަދި، ހާރު ކެއުމުގައި ބައިވެރިވުމަށް އެ މީހުންނަށް ދަޢުވަތު ދިނުމަކީ ވެސް އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ހަރަކާތް ދެމެހެއްޓުމަށް ޓަކައި، ކުޑަކުދިން ބައިވެރިކުރުމަކީ މުހިންމެ ކަމެއްގެ ގޮތުގައި ތުރުކީވިލާތުން ދެކެއެވެ.

ފާނޫޒުތަކުގެ އަލިން މިޞްރުގެ މަގުތައް ދިއްލައިލުން

ރަމަޟާން މަސް އަތުވެއްޖެ ކަން މިޞްރުގެ މަގުތަކާއި ގެތަކުން އެންމެ ފަސޭހައިން އެނގޭނެ އެއް ނިޝާނަކީ، ދިއްލައިލާފައިވާ ފާނޫޒުތަކެވެ. މިއީ، ރަމަޟާން މަހަށް ޚާއްޞަ އާދަކާދައެކެވެ. މިޟްރުގެ މަގުތަކުގެ ދެ ފަރާތުން އަލިކަން ގެނެސްދޭނީ ކުލަކުލައިގެ ފާނޫޒުތަކެވެ. މިއީ، އެއްބައިވަންތަކަމާއި އުފާވެރިކަން ރަމްޒުކޮށްދޭ އާދަކާދައެކެވެ.

ރަމަޟާން މަހަށް ފާނޫޒު ދިއްލައި، މަގުތަކާއި ގެދޮރު އަލިކުރުމުގެ އާދަކާދަ ފެށުނު ހިސާބެއް ސާފުކޮށް ބުނަން ދަތި ކަމުގައި ތާރީޚު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ނަމަވެސް، މިއީ 10 އާއި 12 ވަނަ ޤަރުނާ ދެމެދު ފެށިފައިވާ އާދަކާދައެއް ކަމަށް ތާރީޚީ ފަތްފުތްތަކުން ހާމަވެއެވެ. މިއަދު، މި އާދަކާދަ ދިރުވައި އާލާކުރަން މިޟްރުގައި ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި، ކުޑަކުދިންނަށް މި އާދަކާދަ އުނގަންނައިދިނުން ހިމެނެއެވެ.

ޔޫ.އޭ.އީ.އެކޭ އެއް ފަދައިން، މިޞްރުގެ ކުޑަކުދިން ވެސް، އެ ކުދިންގެ ފާނޫޒުތައް ހިފައިގެން މަގުތަކަށް ނިކުމެ، ފޮނިކާތަކެއްޗާއި މެޓާ ފަދަ ތަކެތި ހޯދުމަށް ގެއިންގެއަށް ހިނގުމަކީ ރަމަޟާން މަހަށް މަރުޙަބާ ކިޔުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.

އިރާޤުގެ މުޙައިބަސް ކުޅިވަރު

ބަރަކާތްތެރި ރަމަޟާން މަހު އިރާޤުން ފާހަގަކުރެވޭ އެންމެ ބޮޑު އެއް ކަމަކީ މުޙައިބަސްގެ ނަން ދީފައިވާ ކުޅިވަރެވެ. މިއީ، ޢާންމު ގޮތެއްގައި 40 އާއި 250 ފިރިހެނުން ބައިވެރިވެގެން ކުޅޭ ކުޅިވަރެކެވެ. މި ކުޅިވަރު ފެށުނި ތާރީޚެއް ސާފުކޮށް ބުނަން ނޭނގޭ ކަމަށް ތާރީޚު ދިރާސާކުރާ ފަރާތްތަކުން ބުނި ނަމަވެސް، މިއީ ވަރަށް ތާރީޚީ ކުޅިވަރެއް ކަން އެ ފަރާތްތަކުން ގަބޫލުކުރެއެވެ. ޢާންމު ގޮތެއްގައި މި ކުޅިވަރު ކުޅެން ފަށަނީ ރޯދަ ވީއްލުމަށް ފަހުއެވެ. މިއީ، ދެ ގުރޫޕެއްގެ މެދުގައި ކުޅޭ މަޖާ ކުޅިވަރެކެވެ.

މުޙައިބަސްއަކީ މިހާރު ޤައުމީ ފެންވަރެއްގައި ވެސް އިރާޤުގައި ކުޅެއުޅޭ ކުޅިވަރެކެވެ. އިރާޤުގައި ކުރިއަށްދިޔަ ހަނގުރާމައާ ގުޅިގެން މި ކުޅިވަރަށް މެދުކެނޑުމެއް އައި ނަމަވެސް، މިހާރު އަނެއްކާ ވެސް އެ ޤައުމުގެ ބައެއް ހިސާބުތަކުގައި މި ކުޅިވަރު ކުޅެން ފަށާފައިވެއެވެ.

ހާރުދަމަށް މީހުން ހޭލައްވާ އިންޑިޔާގެ ސެހްރީވާލާއިން

މުސްލިމުން ދިރިއުޅޭ ގިނަ ޤައުމުތަކެކޭ އެއް ފަދައިން، އިންޑިޔާގައި ވެސް ހާރުދަމަށް މީހުން ހޭލެއްވުމުގެ ޒިންމާ އޮންނަނީ ވަކި ބަޔަކާ ހަވާލުކޮށްފައެވެ. "ސެހްރިވާލޭ"ގެ ނަން ދީފައިވާ މި މީހުންގެ ޒިންމާއަކީ، ހާރުދަމަށް ނުވަތަ ހާރުކާ ވަގުތައް މީހުން ހޭލެއްވުމެވެ. އެ މީހުން މި ކަން ކުރަނީ ދޮރުންދޮރަށް ހިނގައިގެންނެވެ. އިންޑިޔާގެ ބައެއް ސަރަޙައްދުތަކުން މި އާދަކާދަ އަދިވެސް ފެނެއެވެ.

ސެހްރިވާލޭއިންގެ މަސައްކަތް ފެށޭނީ މެންދަމުން އަނބުރާ 2:30 ވުމުންނެވެ. އެ މީހުން މަގުތަކުގައި ހިނގާނީ ދަނޑިކޮޅެއް ނުވަތަ އެ ފަދަ ކޮންމެވެސް އެއްޗެއް ހިފައިގެންނެވެ. އަދި، ކޮންމެ ގެއެއްގެ ދޮރުގައި ޓަކިދީ، ހާރުދަމަށް މީހުން ތެދުކުރުމަށް މަސައްކަތް ކުރާނެއެވެ. މިއީ، ޢާއިލީ ގޮތުން އެކި ދަރިފަސްކޮޅަށް ވާރުތަވެގެންދާ މަސްއޫލިއްޔަތެއް ކަމުގައި ތާރީޚު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އަލްބޭނިޔާގެ ރޯމާ ދަރިކޮޅުގެ ސަގާފީ ލަވައާއި މިޔުޒިކް

ވިލާތުގެ އިރުދެކުނުގައިވާ އަލްބޭނިޔާގެ ރޯމާ ދަރިކޮޅުގެ މުސްލިމުން ބަރަކާތްތެރި ރަމަޟާން މަހަށް މަރުޙަބާ ކިޔަނީ ޚާއްޞަ ލަވައާއި މިޔުޒިކުންނެވެ. މިއީ ވެސް، އުޘްމާނީ ޚިލާފަތުގައި ފެށިފައިވާ އާދަކާދައެއް ކަމުގައި ތާރީޚު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ރަމަޟާން މަހަށް މަރުޙަބާ ކިޔުމަށް އެ މީހުން ވެސް ޚާއްޞަ ބަރެއް ޖަހައެވެ. އަދި، އެކި ގޭގެއަށް ޒިޔާރަތްކޮށް މިޔުޒިކު ކުޅެދީ ހަދައެވެ.