ޚަބަރު

ސާޖިދުގެ ފިލްމަށް ބިގް ބޮސް ތަރި ސައުންދްރިޔާ


ރިއަލިޓީ ޓީވީ ޝޯވ "ބިގް ބޮސް" ގެ 16 ވަނަ ސީޒަނުން މަޝްހޫރުކަން ހޯދި މޮޑެލް އެކްޓްރެސް ސައުންދްރިޔާ ޝަރްމާ އަށް ޑައިރެކްޓަރު ސާޖިދުހާންގެ ފިލްމެއް ހުށަހަޅައިފިއެވެ.

އޭނާއާއިއެކު "ބިގް ބޮސް" ގައިވެސް ވާދަކުރި ސާޖިދުގެ މި ފިލްމުން ސައުންދްރިޔާ ފެންނާނީ ޚާއްސަ ނެށުމަކުން ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެއެވެ.

"ބިގް ބޮސް" ގައި ސައުންދްރިޔާއާއެކު ވަރަށް އެއްކޮށް އުޅުނު ސާޖިދު ވަނީ އޭނާއާއެކު މަސައްކަތް ކުރަން ބޭނުންވާކަމަށް ބިގް ބޮސް ގޭ ތެރޭގައިވެސް ބުނެފައެވެ. ސާޖިދު މިހާރު ވަނީ އެ ޝޯވއިން އެލިމިނޭޓްވެފައެވެ.

4 އަހަރުގެ ބޮޑު ބްރޭކަކަށްފަހު ސާޖިދު ޑައިރެކްޓުކުރާ މި ފިލްމުގެ ލީޑް ބަތަލާ އަކީ "ބިގް ބޮސް" 15 ގެ ތަރި ޝެހެނާޒް ގިލް ކަމަށްވެސް ވަނީ އަޑު އަރާފައެވެ.

ބެލުންތެރިންގެ މަޤުބޫލުކަން ލިބިފައިވާ ގިނަ ކޮމެޑީ ފިލްމުތަކެއް މީގެކުރިން ޑައިރެކްޓުކޮށްފައިވާ ސާޖިދު ވަނީ ފަހަކަށް އައިސް ބޮލީވުޑުން ވަރަށް އެކަހެރިކޮށްފައެވެ. މިކަމުގެ ސަބަބަކީ އޭނާ އާއި ދެކޮޅަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުތަކެވެ.