އާރުޓީއެލްގެ ޚިދުމަތް ދެމުންދަނީ ދުނިޔޭގެ ފެންވަރުގައިވެސް މިޚިދުމަތް ދެމުންދާގޮތަށް ކަމަށް ވޯލްޑު ބޭންކުން ކުރި ދިރާސާއަކުން ދައްކާކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. 
އާޒިމް މިހެން ވިދާޅުވީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް، އެސް.އޯ.އީ ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ. 
މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ސީއީއޯ އާޒިމް ވިދާޅުވީ އެކުންފުނީގެ ދަށުން ގިނަ ވިޔަފާރިތަކެއް ކުރަމުންދާ ކަމަަށެވެ. މިވިޔަފާރިތަކުގެތެރެއިން ސަރުކާރުން ސަބްސިޑީ ލިބެމުންދަނީ ދަތުރުފަތުރުގެ ދާއިރާއަށް އެކަނި ކަމަށެވެ.
 
"ސަބްސިޑައިސް މި ކުރަނީ ރައްޔިތުންނަށް ލުއި ފަސޭހަކަމާއި އެކު ދަތުރުކުރުމަށްޓަކައި، ސަރުކާރުން އަގެއް ކަނޑައަޅާފައި، ދެން އެޑިފަރެންސް ޓޮޕްލައިންއަށް ބޭނުންވާ ޑިފަރެންސް ސަރުކާރުންދޭގޮތަށް އިންނަ ވިޔަފާރިއެއް ޓްރާންސްޕޯޓު ވިޔަފާރިއަކީ، ސަބްސިޑައިޒް ނުކުރާނަމަ އެމްޓީސީސީއިން ރައްޔިތުންއަތުން ނަގަން ޖެހޭނީ ޚަރަދު ކަވަރވާ އަގެއް،" އާޒިމް ވިދާޅުވިއެވެ.
 
		
										
			އާޒިމް ވިދާޅުވީ ދަތުރުފަތުރުގެ ދާއިރާއަށް ސަބްސިޑީ ނުލިބޭނަމަ މި ވިޔަފާރި ދާއިމީގޮތެއްގައި އެމްޓީސީސީއަށް ނުކުރެވޭނެ ކަމަށެވެ. ސަބަބަކީ ޚަރަދާއި ލިބޭ އާމްދަނީގައި ފަރަގު ބޮޑުވާނެތީ ކަމަށް އާޒިމް ވިދާޅުވިއެވެ. 
މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އާޒިމްވަނީ އެމްޓީސީސީން އާރުޓީއެލްގެ ޚިދުމަތްދެމުންދާގޮތާއި ގުޅޭގޮތުން ވޯލްޑު ބޭންކުންވެސް ދިރާސާއެއްކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.
" މި ދޭތެރެއިން ވޯލްޑު ބޭންކުން ހެދި ސްޓަޑީއެއްގައި އަޅުގަނޑުމެން އާރުޓީއެލްގެ ޚިދުމަތްތައް ދެމުންދަނީ ކިހިނެތްތޯ، އެންމެ ރަނގަޅަށްތޯ ބެލުމަށް ސްޓަޑީއެއް ހެދި، އަޅުގަނޑުމެން އަތުގައި އެބައޮތް އެ ސްޓަޑީގެ ރިޕޯޓު، އެ ރިޕޯޓު ބުނާގޮތުގައި ދުނިޔޭގެ ފެންވަރުގައިވެސް މިކަން ކުރާގޮތަށް އެ ރިޕޯޓުގައި އެބައޮތް އެކަން ކުރި ކަމަށް، ޚަރަދުތައް މެނޭޖުކުރަމުންދަނީ އެންމެ ރަނގަޅަށް ކަމަށް" އާޒިމް ވިދާޅުވިއެވެ. 
އާޒިމް ވިދާޅުވީ އެކުންފުނިން ކުރާ ހުރިހާ ޚަރަދެއްވެސް ކުރަނީ އެންމެ ރަނގަޅަށްތޯ ބަލާ ކަމަށެވެ. އަދި މިހާރު އާރުޓީއެލްގެ ޚިދުމަތް ދެމުންދާ ދުވެއްޔަށް ބަލާއިރު، ކުރިއަށް އޮތް 24 މަސްދުވަސްތެރޭ މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާކުރެވިގެންދާނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. 
ޤައުމީ ފެރީ ނިޒާމު "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ޚިދުމަތް ފަށާފައިވަނީ ޖޫންމަހުގެ 12 ވަނަ ދުވަހުއެވެ. އާރުޓީއެލްގެ ޚިދުމަތަކީ ދަތުރުފަތުރުގެ އަވަސް ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް ސަރުކާރުން ފަށާފައިވާ ބިޔަ މަޝްރޫޢެކެވެ. އެގޮތުން އާރުޓީއެލް ފެރީ ނިޒާމުގެ ދަށުން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްތައް އެކި ރޫޓްތަކުން ގުޅާލެވޭނެއެވެ.
		
އަނގަދިޔާ
ނުކުޅެދޭމީހުންނަށް އާރުޓީ ގެ ބަަހަށްވެސް ފެރީއަށްވެސް ފަސޭހައިން އެރޭނެގޮތެއް ނުހުރޭ. ދަތުރުކޮށްގެން ރަގަޅުއާމްދަނީއެއް ލިބޭތީ ވޯލްޑްބޭންކުން ރަގަޅޭބުނާނީ.