ގުޅީފަޅުގައި ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް އޮތް 3 މަސް ދުވަސްތެރޭ ބަޔަކާއި ހަވާލުކުރެވޭނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާއިލް ވިދާޅުވެއްޖެއެވެ. 
މާލޭ ވިޔަފާރި ބަނދަރު ގުޅީ ފަޅަށް ބަދަލުކުރުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. 
މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމުގެ މަޝްރޫޢާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާއިލް ވިދާޅުވީ، ކޯވިޑާއި ގުޅިގެން މިމަޝްރޫޢު ލަސްވެފައިވާކަމަށެވެ. އެގޮތުން ބަނދަރު ތަރައްޤީކުރުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވީ ނަމަވެސް، އެތަން އެޅުމަށް ބޭނުންވާ ބިން ހިއްކުމަށް ބޭނުންވާ ފައިސާ ހޯދުމަށް ދަތިތަކެއް ކުރިމަތިވި ކަމަށެވެ.
" އެއްބައި ހިއްކާފަ އަނެއްބައި ހިއްކުމަށް އެއަށްހުރި ގޮންޖެހުންތަކެއް، ވަރަށް ބޮޑަށް ޑިލޭވެގެން އައިއްސަ، ވަރަށް ފަހުން އެކަންތައް ފައިނަލައިޒްވެގެން އައީ، އެ ޑިލޭ އެ އޮތީ އައިސަ، ޕޯޓެއް ނުހެދޭނެ ނުހިއްކައެއް، މިހާރު ހިއްކުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވަނީ، ވަރަށް އަވަހަށް މަސައްކަތް ފެށޭނެ،" މިނިސްޓަރ ވިދާޅުވިއެވެ. 
މިނިސްޓަރ ވިދާޅުވީ ވިޔަފާރި ބަނދަރު ތަރައްޤީކުރުމަށް، އިންޑިއާގެ އެގްޒިމް ބޭންކުން މިހާރު ޕްރީ ކޮލިފައިކުރުމަށްފަހު ލިސްޓު ލިބިފައިވާ ކަމަށެެވެ. އަދި ޓެންޑަރ ދިނުމަށް ހުޅުވާލުމަށް ތައްޔާރުވަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އެގްޒިމް ބޭންކުން ޕްރީ ކޮލިފައިކުރުމަށްފަހު ލިސްޓު ފޮނުވައިފި، މި މީހުންނޭ ހޮވުނީ، ދެން އަޅުގަނޑުމެން އެމީހުންނަށް ޓެންޑަރ ދޭނީ، އެހެންވީމަ ޕޯޓުގެ ކޮންޓްރެކްޓަރެއް އައްޔަން ކުރެވޭނެ ކަމަށް ލަފާކުރެވެނީ ތިންމަސް ދުވަސްތެރޭ" މިނިސްޓަރ ވިދާޅުވިއެވެ. 
		
										
			ބަނދަރު ތަރައްޤީކުރުމަށް އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައިވެސް ވަނީ ފައިސާ ހަމަޖައްސާފައެވެ. އެގޮތުން ގުޅީފަޅު ހިއްކުމަށާއި، ރާއްޖޭގެ މައި ސީޕޯޓް ތަރައްޤީކުރުމަށް ބަޖެޓުގައި 959.2 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. 
ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ތަރައްޤީކުރުމަށް ސަރުކާރުން ނިންމާފައި ވަނީ މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ ސަބަބުންނެވެ. 
މިކަމަށް ހައްލެއް ގެނެސް ސަރަޙައްދީގޮތުން ފާހަގަކޮށްލެވޭ އަދި ޒަމާނަށްފެތޭ ބޮޑު ބަނދަރެއް އެޅުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނައިރު މި ބަނދަރާއެކު ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގުހެޔޮވެ، އިޤްތިސާދަށް ރަނގަޅު ބަދަލެއް އަންނާނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.