 
										
			ރޭ ދަންވަރު މާލޭގައި ހިނގި އަލިފާނުގެ ހާދިސާ ހިނގި ގޮތާއި ސަބަބު އަދިވެސް ހޯދިފައިނުވާކަމަށާއި، އެކަން ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ. 
ރޭ ދަންވަރު މާލޭގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މ. ސެންރޯސް ހުޅަނގު ބައިގައެވެ. މި ހާދިސާގައި މިހާތަނަށް 10 މީހުން ވަނީ މަރުވެފައެވެ. 
ފުލުހުންގެ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި ތަނަކީ ކޮން ބަޔަކު ކުއްޔަށް ދީގެން އުޅޭ ތަނެއްކަން ހޯދިފައިނުވާކަމަަށާއި އެމައުލޫމާތުތައް ލިބުނުހާ އަވަހަކަށް ހިއްސާކުރާނެކަމަށެވެ. އަދި މިހާތަނަށް އައިއިރު މި ހާދިސާ ހިނގަން މެދުވެރިވި ވަކި ސަބަބެއް ދެނެގަނެވިފައިނުވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. 
ފުލުހުން ވަނީ މި ހާދިސާއާ ގުޅިގެން ހިންގަފާނެ އޮޅުވާލުމަށް ހިންގާ ސްކޭމްތަކަށް ސަމާލުވުމަށްވެސް އިލްތިމާސްކޮށްފައެވެ. އެގޮތުން މިހާދިސާގައި ގިނަ ބަޔަކު މަރުވެފައިވާއިރު އެމީހުން މަރުވި ގޮތާއި އަލިފާން ރޯވި ގޮތް ކަމަށް ބުނެ ފޮޓޯ ވީޑިއޯ ފެންނަ ލިންކުތައް އާންމުންނަށް ފޮނުވައިގެން އޮޅުވާލައިގެން ފައިސާ ހޯދަފާނެކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. 
މީގެ އިތުރަށް މި ހާދިސާގައި ގިނަ އާއިލާތަކަކަށް އެހީތެރިކަން ބޭނުންވެފައިވާއިރު އެހީއަށް އެދި ކަމަށް ބުނެ ފޯނުތައް ކުރުމަކީވެސް އެކަށީގެންވާ ކަމެއްކަން ފާހަގަކޮށް ފުލުހުން ވަނީ އެކަންކަމަށް ސަމާލުވެ އެ ފުރުސަތުތައް ނުދިނުމަށް އިލްތިމާސްކޮށްފައެވެ. 
ރޭ ދަންވަރު ހިނގި މި ނުރައްކާތެރި ހާދިސާގައި އަލިފާން ރޯވެފައި ވަނީ ގަރާޖަކާއި އިންވެގެން ހުންނަ ގެއެއްގައެވެ. މި ހާދިސާ ހިނގި ސަބަބެއް ނޭނގުނުނަމަވެސް އެ ގޭގައި ގިނަ އަދަދެއްގެ ގޭސްފުޅިތަކެއް ހުރިކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. 
ގާތްގަނޑަކަށް 15 ވަރަކަށް ބިދޭސީން ދިރިއުޅެމުން އައި އެ ގެއަކީ ލަކުޑިން ފްލޯތައް ވަކިކޮށް ޕާޓީޝަން ޖަހާފައި ހުރި ގެއެއްކަމަށްވެސް މައުލޫމާތު ލިބެއެވެ.