އާލިއާ ބަޓް އަކީ މިއަދު ބޮލީވުޑްގައި އެންމެ މަޤުބޫލު އެއް އެކްޓަރަށްވާއިރު، ކުޑަކުދިންވެސް އޭނާ ދެކެ ވަރަށް ލޯބިވެއެވެ. 
ޕްރޮޑިއުސަރު/ޑައިރެކްޓަރު ކަރަން ޖޯހަރު ދާދި ފަހުން ވަނީ އޭނާގެ ދެ ކުދިން ޔަޝް އާއި ރޫހީ އަށް ބޮލީވުޑްގެ ތަރިންގެ ތެރެއިން އެންމެ ގަޔާވާ އެކްޓަރަކީ ކޮބައިކަން ހާމަކޮށްފައެވެ. ކަރަން ބުނި ގޮތުގައި އޭނާގެ ދަރިއެއް ފަދަ  އާލިއާ ބަޓް އަކީ ޔަޝް އާއި ރޫހީވެސް އެންމެ ގަޔާވާ އެކްޓަރެވެ. 
ނަމަވެސް އޭގެ ފަހަތުގައިވާ ސަބަބަކީ ހަމަ ޔަޤީނުންވެސް އޭނާގެ ފިލްމުތަކާ ގުޅުން ހުރި ކަމެއް ނޫން ކަމަށާއި، އެއީ އެ ކުދިންނާއި އާލިއާ އާއި ދެމެދު އޮންނަ "ޚާއްސަ ގުޅުމެއް" ގެ ސަބަބުން ކަމަށްވެސް ކަރަން ބުންޏެވެ. 
ކަރަން ވަނީ އޭނާގެ ކުދިން އޭނާގެ ޝޯވ "ކޮފީ ވިތު ކަރަން" ނުބަލާ ސަބަބު ވެސް ހިއްސާކޮށްފައެވެ. ކަރަން ބުނީ އޭނާގެ ކުދިންނަށް ޝޯވއަށް އަންނަ މީހުން ނޭނގޭ ކަމަށެވެ. އަދި ޝޯވގައި ދައްކާ ވާހަކަތައް ވެސް އެމީހުންނަށް ނުވިސްނޭ ކަމަށް އޭނާ ބުންޏެވެ. އެމީހުން ބޮޑެތި ވީމަ ޝޯވ ބަލާނެކަމަށް އުންމީދު ކުރާ ކަމަށްވެސް ކަރަން ވަނީ ބުނެފައެވެ. 
ކަރަން އެންމެ ފަހުން ނިންމާލާފައިވަނީ ރަންވީރު ސިންގާއި އާލިއާ ބަޓް ލީޑް ރޯލުން ފެންނަ "ރޮކީ އޮރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ޑައިރެކްޝަންގެ މަސައްކަތެވެ. މި ފިލްމުގައި ދަރްމެންދުރާ، ޖަޔާ ބައްޗަން އަދި ޝަބާނާ އަޒްމީ ވެސް ފެނިގެންދާނެ އެވެ. 
މީގެއިތުރުން ސާރާ އަލީ ޚާން އާއިއެކު އިތުރު ދެ ފިލްމެއް ޕްރޮޑިއުސްކުރާނެ ވާހަކަ ކަރަން ވަނީ ދާދިފަހުން ބުނެފައެވެ.