ލައިފް ސްޓައިލް

"ކަންކަމާ ފިކުރު ބޮޑުވުމުގެ ސަބަބުން ދިފާޢީ ނިޒާމު ބަލިކަށިވޭ"


މުޖުތަމައުގައި އޮންނަ ތަފާތު ކުރުންތަކާއި، އާއިލީ މައްސަލަތަކާއި، ވަޒީފާގެ އެކިއެކި މައްސަލަތަކާއި ފައިސާއާގެ ކަންކަމާ ގުޅިގެން މީހާއަށް ކުރިމަތިވާ ސްޓްރެސް ނުވަތަ ފިކުރުބޮޑުވުމަކީ އޭގެ ސަބަބުން ސިއްޙީގޮތުންވެސް ހަށިގަނޑަށް ގިނަ އަސަރުތަކެއް ކުރާ ކަމެކެވެ.

މިކަމާ ގުޅޭގޮތުން ސައިންސްވެރިން އެތައް ދިރާސާއެއް ކުރަމުންދެއެވެ. ޔުނިވަރސިޓީ އޮފް ސަދަން ކެލިފޯނިއާގެ ޓީމަކުން ވަނީ މިކަމާގުޅޭ އާ ހޯދުންތަކެއް ހޯދާފައެވެ. އެގޮތުން ސްޓްރެސްގެ ސަބަބުން މީހާގެ ދިފާއީ ނިޒާމް ބަލިކަށިވާކަމަށް އެޓީމުން ކުރިއަށް ގެންދިޔަ ދިރާސާއިން ވަނީ ފާހަގަކުރެވިފައެވެ.

މީހާގެ ދިފާއީ ނިޒާމަކީ ހަށިގަނޑު ބަލިތަކުން ދުރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ނިޒާމެކެވެ. މިދިރާސާކުރި ޓީމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެރިކް ކްލޯޕެކް ބުުނެފައިވާގޮތުގައި، ސްޓްރެސް ލެވަލް ހައިކޮށް އުޅޭމީހުންގެ، އިމިއުން ޕްރޮފައިލްތައް ދަށްކަނީ ދުވަސްވެފައިވާ މީހެއްގެ އިމިއުން ޕްރޮފައިލެއްގެ ގޮތުގައި ކަމަށެވެ. އަދި މިއާއެކު ފްރެޝް ޑިޒީޒް ފައިޓާސް ދަށްކަނީ މަދުކޮށް ކަމަށާއި، ވޯން އައުޓު ޓީ ސެލްސްތަކުގެ އަދަދުތައް ގިނަ ކަމަށްވެސް ކްލޯޕެކް ބުނެއެވެ.

ޓީ – ސެލްސްއަކީ މީހާގެ ދިފާއީ ނިޒާމުގައި އެންމެ މުހިންމު އެއް ސެލްއެވެ. އެގޮތުން މި ސެލްއަކީ ވައިރަސްތަކާއި ކެންސަރު ސެލްތައް ނައްތާލުމަށް މައްސައްކަތްކުރާ ސެލްއެވެ.

ކްލޯޕެކްގެ ދިރާސާގައިވަނީ 50 އަހަރުން މަތީގެ 5744 މީހުން ބައިވެރިކޮށްފައެވެ. ދިރާސާގައި ބައިވެރިކޮށްފައިވާ މީހުންނާއި ވަނީ އެމީހުންނަށް އިޖްތިމާއީގޮތުން އޮންނަ ސްޓްރެސް، އިޖްތިމާއީގޮތުން ތަފާތު ކުރުންތަކާއި ކުރިމަތިލާންޖެހޭ މިންވަރު ފަދަ ކަންތައްތަކާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ. އަދި އެމީހުންގެ ޓީ – ސެލްސް ހުރި މިންވަރު ބްލަޑު ޓެސްޓުގެ އެހީގައި ވަނީ ބަލާފައެވެ.

ކަންބޮޑުވުންތަކުގެ ސަބަބުން ސިކުނޑިއަށްކުރާ އަސަރު

ސްޓްރެސް ނުވަތަ ސިކުނޑީގެ ކަންބޮޑުވުންތަކާއި މީހާގެ ނަފްސާނީ ހުޅަހެޔޮކަމާ ސީދާވަނީ ގުޅިފައެވެ. ސްޓްރެސް ހޯމޯން ހަށިގަނޑުގެ ތެރޭގައި ދައުރުވާން ފެށުމުން، ސިކުނޑިއަށް އޭގެ އަސަރުކޮށް މީހާގެ ވިސްނުމަކާއި ކަންތައްތަކުގައި ގޮތް ނިމުމަށް އުނދަގޫތަކާއި ކުރިމަތިވެއެވެ. މި ބަދަލުތައް މީހާގެ މުޅި ހަށިގަނޑަށް އާދެއެވެ. އެގޮތުން ދިފާއީ ނިޒާމަށްވެސް އެކަމުގެ އަސަރުތައް ކުރެއެވެ.

ސްޓްރެސްއާއެކު މީހާ ހާސްކޮށްލައި ޑިޕްރެޝަނަށް ދިޔުމަށް މަގުފަހިކުރެއެވެ. ރޭގަނޑުގެ ހަމަ ނިދިވެސް މީގެ ސަބަބުން ގެއްލިދެއެވެ. އަދި ކަންބޮޑުވުންތަކުން ދުރަށް ދިއުމަށް ހިތްހަމަޖެއްސުމަށް ކެލޮރީސް ގިނަ ކާނާ ކެއުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ތެރެއަށް ބައެއް މީހުން ދެއެވެ.