ލައިފް ސްޓައިލް

ވާހަކަފޮތް ކިޔަައިދިނުމަކީ ކުދިންގެ ވިސްނުމާއި ސިކުނޑި ތަރައްޤީވާ ކަމެއް - ދިރާސާ


ތުއްތު ކުދިންނަށް ވާހަކަފޮތް ކިޔައިދިނުމުން އެކުންދިންގެ ބަސް މޮށުންތެރިކަން ތަރައްޤީވެ، ވާހަކަ ކިޔައިދޭ މީހާއާ އޮންނަ ގުޅުން ބަދަހިވެއެވެ. އެހެންނަމަވެސް ތުއްތު ޢުމުރަށްވުރެ ދޮށީ ކުދިންނަށްވެސް ފޮތް ކިޔައިދިނުމަކީ އެކުދިންގެ ތޫނުފިލިކަން އިތުުވެގެންދާ ކަމެއްކަން ދާދިފަހުން އިޓަލީއަށް ނިސްބަތްވާ ޓީމަކުން ކުރިއަށްގެންދިޔަ ދިރާސާއަކުން ވަނީ ހޯދިފައެވެ.

އެގޮތުން އުމުރުން 6 އަހަރާއި 12 އަހަރާދެމެދުގެ އުމުރުފުރާގެ ކުދިންނަށް ދުވާލަކު އެއް ގަޑިއިރުވަންދެން ވާހަކަފޮތް ކިޔައިދިނުމުން އެކުދިންގެ ސިކުނޑި އިތުރަށް ތަރައްޤީވެގެންދިޔަކަން ވަނީ ހޯދިފައެވެ.

މި ދިރާސާގައި އެންމެއިސްކޮށް ހަރަކާތްތެރިވެފައިވަނީ ޔުނިވަރސިޓީ އޮފް ޓްރެންޓޯގެ ސައިކޮލޮޖީ އެންޑް ކޮގްނިޓިވް ސައިންސްގެ ޕްރޮފެސަރެއް ކަމުގައިވާ އިމަނުއެލް ކަސްޓާނޯއެވެ. އޭނާ ވިދާޅުވާގޮތުން މިދިރާސާއިން އެކަމަށް ހެކިދޭ ގިނަ ކަންތައްތަކެއް ފާހަގަކުރެވިފައިވެއެވެ.

މި ދިރާސާ ކުރިއަށްގެންގޮސްފައިވަނީ އިޓަލީގެ 32 ސްކޫލެއްގައެވެ. އަދި މި ސްކޫލްތަކަކީ ޢާއްމުގޮތެއްގައި 6 ގަޑިއިރާއި 8 ގަޑިއިރު ވަންދެން ކިޔަވައިދޭ ސްކޫލްތަކެކެވެ. މި ދިރާސާގައި 626 ދަރިވަރުން ބައިވެރިކޮށްފައިވެއެވެ.

މީގެތެރެއިން ބައެއްކުދިންނަށް ޓީޗަރުންވަނީ ކޮންމެދުވަހަކު އެއް ގަޑިއިރުވަންދެން އަޑުހަރުކޮށް ވާހަކަފޮތް ކިޔައިދީފައެވެ. އަދި އަނެއްބައި ކުދިން އެމީހުންގެ އާއްމު ސްކޫލް ގަޑިތައް ކުރިއަށް ގެންދަނީއެވެ.

މިގޮތަށް 4 މަސްވަންދެން ކުރިއަށް ގެންދިޔުމަށްފަހު، އެކުދިންގެ ވިސްނުން ތޫނުފިލި ވެފައިވާ މިންވަރު ވަނީ ވަޒަންކޮށްފައެވެ. މިކަމަށް ބޭނުންކޮށްފައިވަނީ ވެސްލަރ އިންޓަރލިޖެންސް ސްކޭލް ފޮރ ކިޑްސް އަދި ކޮގްނިޓިވް އެސެސްމަންޓު ސިސްޓަމް ސްކޭލެވެ.

ވެސްލަރ އިންޓަރލިޖެންސް ސްކޭލް ފޮރ ކިޑްސްގައި ބަލަނީ ކުދިން މުއާމަލާތްކުރުމުގައި ބޭނުންކުރާ ބަސްތަކަށާއި މައުލޫމާތުގެ މުއްސަދި ކަމަށެވެ. އަދި ކޮގްނިޓިވް އެސެސްމަންޓު ސިސްޓަމް ސްކޭލްގައި ބަލަނީ ކުދިންގެ ވިސްނުމުގެ ހުނަރަށެވެ. އެގޮތުން ކަންކަމަށް ދޭ ސަމާލުކަމާއި އެކަންތައްތައް ދަމައިގަތުމުގެ ހުށިޔާރުކަމަށެވެ.

ދިރާސާއިން ހާމަވެފައިވާގޮތުން ކޮންމެ ދުވަހަކު އެއް ގަޑިއިރު ވަންދެން ވާހަކަ ކިޔައިދޭ ކުދިންގެ ވިސްނުމުގެ ޤާބިލްކަމާއި މައުލޫމާތުގެ މުއްސަދިކަން ވަރަށްބޮޑަށް އިތުރެވެ. ކަސްޓާނޯ ދެކޭގޮތުގައި އޭނާގެ މި ދިރާސާއިން ހޯދުނު ކަންތައްތަކުގެ އެހީގައި ޓީޗަރުންނަށް ދަރިވަރުންގެ ހުނަރުތައް ތަރައްޤީކުރުމަށް އެހީތެރިވެދެވޭނެއެވެ.