މުނިފޫހިފިލުވުން

ކަރަންގެ ފިލްމުގައި އަނަނިޔާ އަކީ ވަކީލެއް


ކަރަން ޖޯހަރާއި އޭނާގެ ޕްރޮޑަކްޝަން ހައުސް ދަރްމާ ފޮރޮޑަކްޝަންގެ މަސައްކަތްތަކަށް ހުއްޓުމެއް ނެތެވެ. އަލަށް އުފައްދާ ފިލްމުތަކުގެ ދިގު ކިއުއެއް އޮއްވާ ކަރަން އަނެއްކާވެސް މި ވަނީ މުޅިން އައު ފިލްމެއްގެ ވާހަކަ މިދިޔަ އަހަރު އިއުލާންކޮށްފައެވެ. މިފަހަރު ތާރީހީ ވާހަކައެކެވެ.

މި ފިލްމުގެ ލީޑް ރޯލު ކުޅޭނީ އަކްޝޭ ކުމާރެވެ. ރިޕޯޓުތައް ބުނާގޮތުގައި ފިލްމުގެ އަންހެން ލީޑް ރޯލުން ފެންނާނީ 2019 ވަނަ އަހަރު ދެއްކި ފިލްމު "ސްޓޫޑެންޓް އޮފް ދަ ޔިއާ 2" އިން ބޮލީވުޑަށް ތައާރަފްވި ތަރި އަނަނިޔާ ޕާންޑޭއެވެ.

ކޯޓު ރޫމް ޑްރާމާއެއްކަމަށްވާ މި ފިލްމުގައި އަނިނިޔާ ކުޅޭނީ ވަކީލެއްގެ ރޯލެވެ. މި ފިލްމުގެ މަސައްކަތް ފަށަން ހަމަޖެހިފައިވަނީ އަކްޝޭ މިހާރު މަސައްކަތްވެސް ފަށާފައިވާ "ސޫރަރާއި ޕޮޓަރު" ގެ ރީމޭކްގެ މަސައްކަތް ނިންމާލުމަށްފަހުއެވެ.

މި ފިލްމަކީ އިންޑިއާގެ މަޝްހޫރު ވަކީލު ސީ ޝަންކަރަން ނައިރުގެ ހަޔާތުގެ މައްޗަށް އުފައްދާ ބަޔޯޕިކެކެވެ. ސީ ޝަންކަރަން އަކީ އިންޑިއާ އިނގިރޭސީންގެ އަތް ދަށުގައި އޮތް ދުވަސްވަރު މިނިވަންކަމަށް މުހިއްމު މަސައްކަތްތަކެއް ކޮށްދިން ވަކީލެކެވެ.

މީގެ ޑައިރެކްޓަރަކީ ކަރަން ތިޔާގީއެވެ. އަނަނިޔާ އާއި އަކްޝޭގެ އިތުރުން މި ފިލްމުގެ ކާސްޓުގައި ހިމެނޭ އެހެން ތަރިންނަކީ ކޮބާކަމެއް ޕްރޮޑަކްޝަން ޓީމުން އަދި ހާމައެއްނުކުރެއެވެ.

މީގައި ދައްކާނީ ޖަލިއާންވާލާ ބާގް މަސަކަރާގެ ނަމުން ނަންދީފައިވާ އެއްވުމުގެ ޙަޤީޤަތް ހާމަކޮށްދިނުމަށްޓަކައި އިނގިރޭސީންނާއި ދެކޮޅަށް ކޯޓުގައި ކުރި ވަކާލަތެވެ.

ޙަޤީޤީ ޙާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ މި ފިލްމަކީ ޝަންކަރަންގެ މުނި ކާފަ ދަރިފުޅު ރަގޫ ޕަލަޓާއި އޭނާގެ އަންހެހުން ޕުޝްޕާ ޕަލަޓް ލިޔެފައިވާ ފޮތް " ދަ ކޭސް ދެޓް ޝުކް ދަ އެމްޕަޔާ" ގެ ބައެއް ޙާދިސާތައް ހިމަނާނެއެވެ.

1857 ވަނަ އަހަރު އުފަންވި ސީ ޝަންކަރު ނަޔަކް އަކީ 1915 ވަނަ އަހަރު އިންޑިއާގެ ވައިސަރީ ކައުންސިލްގެ މެމްބަރެކެވެ. އިނގިރޭސިންނާއި އެމީހުން އޭރު އަމަލުކުރަމުން އައި ނިޒާމުގައި ހުރި މައްސަލަތަކުގެ މައްޗަށް ނަޔަކުގެ ވަރަށް ގިނަ ލިޔުންތަކުގައި ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި މި ފާޑުކިޔުންތައް އިނގިރޭސިން ވަނީ ފަހުން ބަލައިވެސްގަންފައެވެ. 1992 ވަނަ ނެރުނު ފޮތް " ގާންދީ އެންޑް އެނާކީ" އަކީވެސް އެސް ޝަންކަރުގެ ލިޔުމެކެވެ.