ލައިފް ސްޓައިލް

މުސްކުޅި ވުމަށްފަހު އަލުން ޒުވާންކަމަށް ދެވިދާނެތަ؟


ޒުވާންކަންމަތީ ހުންނަން ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ ދުނިޔޭގައި ކޮސްމެޓިކް ސަރޖަރީ ހަދާ އެންމެ ބޮޑު އެއް ސަބަބަކީވެސް ޒުވާންކަންމަތީ ތިބުމެވެ.

މުސްކުޅިވުން ލަސްކޮށްދޭނެ ގޮތްތަށް ހޯދުމަށް ސައިންސްވެރިން އަބަދުވެސް ގިނަ ދިރާސާތަކެއް ކުރަމުން ދެއެވެ. ހާވަޑު މެޑިކަލް ސްކޫލްގެ މޮލިކިއުލަރ ބަޔޮލޮޖިސްޓެއް ކަމުގައިވާ ޑޭވިޑް ސިންކުލެއަރ މިވަނީ މިދާއިރާއިން އާ ހޯދުންތަކެއް ހޯދާފައެވެ.

އޭނާވަނީ މުސްކުޅި މީދަލެއް ޒުވާންކޮށްލާފައެވެ. އެގޮތުން މުސްކުޅިވެ، ލޮލުގެ ފެނުން ކޮށިވެފައިވާ މީދަލެއް، އަލުން އޭގެ ލޮލުގެ ފެނުމުގެ ބާރު ގަދަވެފައިވެއެވެ. މިކަމަށްޓަކައި ސިންކުލެއަރގެ ޓީމުން ބޭނުންކޮށްފައިވަނީ ޚާއްސަ ޕްރޮޓީންތަކެކެވެ.

މުސްކުޅިކަން ޒުވާންކަމަށް ބަދަލުކުރެވޭނެ ގޮތްތަކެއް ހޯދުމަށް ސައިންސްވެރިއާ ސިންކުލެއަރ މަސައްކަތްކުރާތާ މިހާރު 20 އަހަރުވެއްޖެއެވެ. އެހެން ނަމަވެސް މިހާ ބޮޑު ކުރިއެރުމެއް މި ދިރާސާއަށް ލިބުނު މިއީ ފުރަތަމަ ފަހަރެވެ.

ސިންކުލެއަރ ދެކޭގޮތުގައި އޭނާގެ މި ހޯދުންތަކާއެކު މުސްކުޅިވުން ލަސްކޮށްދޭނެ ގޮތެއް މިވަނީ ހޯދިފައެވެ. އަދި މިހާރު މި ދިރާސާއަށް ލިބިފައިވާ ކުރިއެރުންތަކާއެކު ކައިިރި މުސްތަޤްބަލެއްގައި އިންސާނުންނަށް މިކަންތައްތައް ތަޖުރިބާ ކުރަން ލިބޭނެކަމަށް ސިންކުލެއަރ ހާމަކުރެއެވެ.

އޭނާ ބުނާގޮތުގައި ދުނިޔޭގެ ގިނަ ބަލިތަކަކީ މުސްކުޅިވުމާ ގުޅިފައިވާ ބަލިތަކެކެވެ. އެހެންކަމުން އޭނާގެ މި ހޯދުންތައް ކާމިޔާބުވުމުން، ބަލިތަކާވެސް އިންސާނުން ދުރުކޮށްދޭނެއެވެ.
ސިންކުލެއަރގެ ލެބުގައި މި ތަހުލީލުތައް ކުރުމަށް ބޭނުންކޮށްފައިވާ މީދާތަކުން އޭނާ ހޯދާފައިވާ ކާމިޔާބީ ފެނެއެވެ. އެގޮތުން ކޮއްޓެއްގެ ތެރޭގައި 2 މީދާ އޮތް އިރު އެއް މީދާ ވަރަށް ޒުވާނެވެ.

އަނެއް މީދާ ވަރަށް މުސްކުޅިއެވެ. އެހެން ނަމަވެސް މި ދެ މީދާގެ އުމުރުގެ ތަފާތެއް ނެތެވެ. ތަފާތަކީ އެއް މީދާއަކީ ޖެނިޓިކަލީ ބަދަލުތައް ގެނެސްފައިވާ މީދަލަކަށްވުމެވެ.
މީދާތައް ބޭނުންކޮށްގެން ކުރިއަށްގެންގޮސްފައިވާ ތަހްލީލުތައް ކާމިޔާބުވެފައިވީ ނަމަވެސް، އިންސާނުންނަށް މި ބަދަލުގެނެވޭނެތޯ ބެލުމަށް ކުރިއަށްގެންދާ ދިރާސާތަކަށްފަހު، މިކަން ކާމިޔާބު ވިޔަސް އިންސާނުންނާ ހަމައަށް މިކަމުގެ އަސަރުތައް ފޯރަން އަދި އަހަރުތަކެއް ނަގާނެއެވެ.

އެހެން ނަމަވެސް ސިންކުލެއަރ ޤަބޫލުކުރާގޮތުގައި މުސްކުޅިވުން ލަސްކޮށްދޭ އިތުރު އެހެން ގޮތްތައްވެސް އެބަހުއްޓެވެ. އެގޮތުން ރަނގަޅު ކާނާ ކެއުމާއި، ހަމަނިދި ނިދުމުގެ އިތުރުން، ކަސްރަތު ކުރުމަކީ އެއިން ރަނގަޅު އަސަރުތަކެއް ކުރާ ކަންތައްތައްކަން ސިންކުލެއަރ ފާހަގަކުރެއެވެ.