 
										
			ކުނީގެ ގޮތުގައި ފުޅީގެ މަތިގަނޑުތައް އުކާލާ މިންވަރު މަދުކުރުމަށްޓަކައި، އިނގިރޭސިވިލާތުގައި ވިއްކާ ކޮކާކޯލާ ފުޅިތަކުގެ މަތިގަނޑު ފުޅިއާ ވަކި ނުކުރެވޭ ގޮތް ހަދައިފިއެވެ. 
މިގޮތަށް ފަރުމާކޮށްފައިވާ ކޮކާކޯލާ ފުޅިތައް މިހާރުވަނީ އިނގިރޭސިވިލާތުގެ ބާޒާރަށް ނެެރެފައެވެ. މަތިގަނޑު ފުޅިއާ ވަކިނުކުރެވޭ ގޮތަށް ހަދާފައިމިވަނީ އާއްމުކޮށް ފުޅި ރިސައިކަލް ކުރި ނަމަވެސް ގިނަ ފަހަރަށް ފުޅީގެ މަތިގަނޑު ކުނީގެ ގޮތުގައި އުކާލާތީއެވެ. 
ކޮކާކޯލާއިން އިނގިރޭސިވިލާތުގެ ބާޒާރަށް ނެރޭ ހުރިހާ އުފެއްދުމަކަށްވެސް މި ބަދަލު ގެނައުމަށްވަނީ ނިންމާފައެވެ. އެގޮތުން ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ކޯކު، ކޯކު ޒީރޯ ޝުގަރ، ޑައެޓް ކޯކު، ފެންޓާ، ސްޕްރައިޓު، ޑރ. ޕެޕަރގެ ފުޅިތަކުގެ ފަރުމާއަށް މި ބަދަލު 2024 ވަނަ އަހަރުގެ ކުރީކޮޅު ގެނައުމަށްވަނީ އަމާޒުހިފާފައެވެ.  
އިނގިރޭސިވިލާތުގެ ބާޒާރަށް ނެރޭ ކޮކާކޯލާ ފުޅިތަކުގެ ފަރުމާއަށް ގެނެސްފައިވާ މި ބަދަލަކީ ކުންފުނީގެ ' ވޯލްޑް ވިތައުޓް ވޭސްޓު' ކެމްޕެއިންގެ ދަށުން އަމަލުކުރަން ފަށާ ބަދަލެކެވެ. ކޮކާކޯލާ ކުންފުނީގެ ' ވޯލްޑް ވިތައުޓް ވޭސްޓު' ގެ އަމާޒަކީ 2030ވަނަ އަހަރު އަންނަންވާއިރަށް އެކުންފުނިން އުފައްދާ ކޮންމެ ޕްލާސްޓިކް ފުޅިއެއްގެ ބަދަލުގައި ފުޅިއެއް ރިސައިކަލް ކުރުމެވެ. 
ތިމާވެއްޓާއި ރައްޓެހިގޮތަކަށް ކުންފުނީގެ އުފެއްދުންތައް ފަރުމާކުރުމަށް ކޮކާކޯލާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ކޮކާކޯލާއިން ބުނެފައިވަނީ 2020 ވަނަ އަހަރު އެ ކުންފުނީގެ 16 އިންސައްތަ އުފެއްދުން ބަންދުކޮށްފައިވާނީ އަލުން ބޭނުންކުރެވޭ ގޮތަށް ކަމަށެވެ. އަދި އެ އަހަރު ވިއްކި ރީފިލް ކުރެވޭ ވައްތަރުގެ ބިއްލޫރި އަދި ޕްލާސްޓިކް ފުޅީގެ 90 އިންސައްތަ އަލުން އަނބުރާ ލިބިފައިވާކަމަށްވެސް ބުނެފައިވެއެވެ.