 
										
			ދުނިޔޭގެ އެންމެ އަގުބޮޑު ކާރު 142 މިލިއަން ޑޮލަރަށް ވިއްކާލާފައިވާކަަމަށް މާސެޑީސް ބެންޒްއިން ހާމަކޮށްފިއެވެ. 
1955 މަރސެޑީސް – ބެންޒް އެސް.އެލް.އާރު ކޫޕް މޮޑެލްގެ ކާރަކީ މަރސެޑީސް ބެންޒްގެ ކާރު ކަލެކްޝަންގައި ހިމެނޭ ކަރެކެވެ. މިއީ ވިއްކުމަށް އުފައްދާ މޮޑެލްއެއް ނޫނެވެ. މި މޮޑެލްގެ އުފައްދާފައިވަނީވެސް އެންމެ 2 ކާރެވެ. މީގެން އެއް ކާރު ވިއްކާލާފައިވާއިރު، މި މޮޑެލްގެ ދެވަނަ ކާރު ހިމެނެނީ މަރސެޑީސް – ބެންޒްގެ މިއުޒިއަމް ކަލެކްޝަންގައެވެ. 
67 އަހަރުވެފައިވާ މި ކާރަަށް ނަން ދީފައިވަނީ އޭރު މަރސެޑީސްގެ ޗީފް އިންޖިނިއާގެ ނަމާއި ގުޅުވާފައެވެ. މި ކާރުގެ ސްޕީޑަކީ، ގަޑިއަކު 186 މޭލެވެ. 
މަރސެޑީސްއިން މި ކާރު ވިއްކާފައިވަނީ ދައުވަތުދީގެން އެކަމަށްޓަކައި ހާއްސަކޮށްގެން ބޭއްވި ނީލަމެއްގައެވެ. މި ނީލަމުގައި ބައިވެރިވުމުގެ ފުރުސަތުދީފައިވަނީ މެރސެޑީސުން ދައުވަތުދީފައިވާ ފަރާތްތަކަށް އެކަންޏެެވެ. 
މަރސެޑީސުން ބުނެފައިވަނީ މި ކާރު ވިއްކައިގެން ލިބިފައިވާ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މަރސެޑީސް - ބެންޒް ފަންޑުގެ ނަމުގައި ޤާއިމްކުރާ ގްލޯބަލް ސްކޮލަރޝިޕް ފަންޑަށެވެ. މި ފަންޑުގެ ދަށުން 2 ބާވަތެއްގެ ސްކޮލަރޝިޕް ދިނުމަށް ވަނީ ނިންމާފައެވެ. އެއީ ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ދަރިވަރުންނަށް އަމާޒްކޮށްގެން ދިނުމަށް ނިންމާފައިވާ ސްކޮލަރޝިޕްތަކަކާއި، ޔުނިވަރސިޓީތަކުގައި އެންވަރަމެންޓަލް ސައިންސް ޕްރޮޖެކްޓުތަކުގައި ކުރިއަށްގެންދާ ދަރިވަރުންނަށް އަމާޒްކޮށް ދިނުމަށް ހަމަޖެހިފައިވާ ސްކޮލަރޝިޕްތަކެވެ. 
މިގޭކުރިން ދުނިޔޭގައި އެންމެ އަގުބޮޑުކޮށް ވިއްކާފައިވަނީ ފެރާރީއެކެވެ. އެގޮތުން 1963 ފެރާރީ 250 ޖީޓީއޯ މޮޑެލްގެ ފެރާރީ ވިއްކާފައިވަނީ 70 މިލިއަން ޑޮލަރަށެވެ.