 
										
			ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލެމުން ދިޔުމުގެ ސަބަބުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އަރަމްކޯއަށް ލިބުނު ފައިދާގެ އަދަދު %82 އިތުރުވެއްޖެއެވެ. 
ސައުދީ އަރަބިއްޔާގެ ތެޔޮ އަދި ގޭސް އުފައްދާ ކުންފުނި އަރަމްކޯއިން ޢާމްކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން އެ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 39.5 ބިލިއަން ޑޮލަރުވަނީ ލިބިފައެވެ. 
ރަޝިއާ- ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ރަޝިއާއަށް އަޅާ ދަތިކުރުމުގެ ފިޔަވަޅެއްގެ ގޮތުގައި އެޤައުމުން ތެޔޮ ގަންނަ މިންވަރު މަދުކުރުމަށް ޔޫރަޕްގެ ޤައުމުތަކުން ވަނީ ނިންމާފައެވެ. މިއާ އެކު އަރަމްކޯ ފަދަ ކުންފުނިތަކަށް އޮންނަ ޑިމާންޑުވަނީ އިތުރުވެފައެވެ. 
ޔޫކްރެއިން ހަނގުރާމަ ފެށުމުގެ ކުރިންވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ދިޔައީ އުފުލެމުންނެވެ. ސަަބަބަކީ ކޯވިޑަށް ފަހު ޤައުމުތަކުގެ އިޤްތިސާދުތައް ހުޅުވާލަމުންދިޔުމުން ތެލަށް އޮންނަ ޑިމާންޑު ބޮޑުވެގެން ދިޔުމެވެ. 
އޮގަަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިންގ ކަންޓްރީޒް، އޮޕެކުގައި ހިމެނޭ ޤައުމުތަކުގެތެރެއިން ސައުދީ އަރަބިއްޔާއަކީ އެންމެ ގިނަ އަދަދަކަށް ތެޔޮ އުފައްދާ ޤައުމެވެ.  އަރަމްކޯއިންވަނީ އެޕަލް ކުންފުނި ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނީގެ މަޤާމުވެސް ހޯދާފައެވެ. އަރަމްކޯގެ މަރކެޓު ވެލިއު 2.42 ޓްރިލިއަން ޑޮލަރަށް ވަނީ އަރާފައެވެ. 
އަރަމްގެ އިތުރުުން، ތެޔޮ އުފައްދާ ކުންފުނިތައް ކަމުގައިވާ ޝެލް، ބީޕީ އަދި ޓޯޓަލް އެނަރޖީސްއިންވެސް ވަނީ ފައިދާ އިތުރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.