މުނިފޫހިފިލުވުން

ރޯހިތްގެ "ސާކަސް" ފުރަތަމަ ލުކްވެސް މަޖާ


ރޯހިތް ޝެޓީގެ އެންމެ އަވަހަށް ސިނަމާތަކަށް އަންނަން ތައްޔާރުވަމުންދާ "ސާކަސް" ގެ ފުރަތަމަ ލުކް ދައްކާލައިފިއެވެ.

ރަންބީރު ލީޑްރޯލުން ފެނިގެންދާ މި ފިލްމުގެ ފުރަތަމަ ޕޯސްޓަރަށް ބަލާލުމުން ފިލްމުގައި ރަންވީރުގެ ޑަބަލް ރޯލުން ފެނިދާނެކަމަށް ބެލެވެއެވެ. އަދި މަޖާ ކޮމެޑީ ފިލްމުތަކެއް ގެނެސްދީފައިވާ ރޯހިތުގެ މި ފިލްމުގެ ޕޯސްޓަރުންވެސް މި ފިލްމުވެސް ވަރަށް މަޖާވާނެކަމަށް ބެލެވެއެވެ.

ރޯހިތްގެ ކޮމެޑީ ޕްރެންޗައިޒް " ގޯލްމާލް"ގެ ސައިޑްރޯލުން ފެނުނު ހުރިހާ ތަރިންވެސް މި ފިލްމުގައިވެސް ހިމެނެއެވެ. އެހެންނަމަވެސް ފިލްމުގެ ލީޑްތަރިންގެ ތެރޭގައި ރަންވީރާ ޖެކްލިންގެ އިތުރުން ޕޫޖާވެސް ހިމެނެއެވެ. އަދި "ފުކްރޭ" އިން މަޝްހޫރުކަން ހޯދި ވަރުން ޝަރުމާވެސް ލީޑް ކާސްޓުންގެ ތެރޭގައި ހިމެނެއެވެ.

މީ ރަންވީރު ރޯހިތާއެކު މަސައްކަތް ކުރާ 3 ވަނަ ފިލްމެވެ. މީގެކުރިން ރަންވީރު ރީހިތާއެކު މަސައްކަތް ކޮށްފައިވަނީ ރޯހިތްގެ ކޮޕް ސީރީޒްގެ " ސިމްބާ" އަދި އެސީރީޡްގެ އެންމެ ފަހު ފިލްމު "ސޫރިޔަވަންޝީ" ގައެވެ.

ރޯހިތް ޝެޓީއާ ބޫޝަން ކުމާރުގެ އިތުރުން ޓީ ސީރީޒުން ޕްރޮޑިއުސްކުރާ މި ފިލްމު ސްކްރީންތަކަށް އަންނަނީ މިއަހަރުގެ ޑިސެމްބަރުމަހުގެ ފަހުކޮޅުއެވެ. މި ފިލްމުގެވެސް ޑައިރެކްޓަރަކީ ހަމަ ރޯހިތްއެވެ.