މުނިފޫހިފިލުވުން

ބްރިޓްނީ ކައިވެނި ކުރަނީ


ޕޮޕް ލަވައިގެ ދުނިޔޭގައި ވިދާލި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއަރސް އާއި ލޯބިވެރިޔާ ސޭމް އަސްގަރީ އެންގޭޖްވީ ކަމަށް އިއުލާނުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ތެރޭގައެވެ.

މިހާރު ދެ މީހުން މިވަނީ ކައިވެންޏަށް ތައްޔާރުވެފައެވެ. ބްރިޓްނީގެ ލޯބިވެރިޔާ ސޭމް އޭނާގެ އިންސްޓަގްރާމްގައި ބުނީ ކައިވެނިކުރާ ދުވަސް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް އެދުވަސް އެންމެންނަށް އެގޭނީ ކައިވެނިކުރާ ދުވަހުގެ ކުރީ ދުވަހުކަމަށްވެސް ސޭމް ވަނީ ބުނެފައެވެ.

ބްރިޓްނީއާއި ސޭމް ދިމާވީ 2016 ވަނަ އަހަރު ބްރިޓްނީގެ މިޔުޒިކް ވީޑިއޯ "ސްލަމްބަރ ޕާޓީ" ގެ ސެޓުންނެވެ. އޭގެފަހުން ދެމީހުން އެކުގައި ހަތަރު ވަނީ ހޭދަކޮށްފައެވެ.

އުމުރުން 11 އަހަރުގައި ޑިޒްނީގެ މިކީ މައުސް ކްލަބް އިން އެކްޓިންގެ ދާއިރާއަށް ތައާރަފުވި ބްރިޓީނީ ވަނީ ލަވަކިޔުމުގެ އިތުރުން ބައެއް މަޝްހޫރު ޓީވީ ޝޯތަކުން ފެނިފައެވެ. އޭގެތެރޭގައި 2002ވަނަ އަހަރު ދެއްކި ޓީން ޑްރާމާ ރޯޑް ފިލްމު "ކޮރޮސްރޯޑްސް" އަދި އެމެރިކާގެ ސްޕައި އެކްޝަން ކޮމެޑީ ޑްރާމާ ސީރީޒެއްގައިވެސް ބްރިޓްނީ ވަނީ އެކްޓްކޮށްފައެވެ. މީގެ އިތުރުން ޓީވީ ސީރިޒް "ގްލީ" އަދި "ހައު އައި މެޓް ޔުއަރ މަދަރ" އިންވެސް ބްރިޓްނީ ފެނިގެން ގޮސްފައިވެއެވެ.

ކެރިއަރގެ އެންމެ ކާމިޔާބު ދުވަސްވަރު ބްރިޓްނީއަށް ވަނީ ތަފާތު އެކި ކަހަލަ މައްސަލަތަކާއި ކުރިމަތިލާން ޖެހިފައެވެ. އަދި އޭނާގެ ފަރާތުން އަޚުލާގީ ގިނަ މައްސަލަތަކެއް ވެސް ފެންމަތިވެ، މަސްތުގެ ދަލުގައި ވެސް ޖެހި ދުވަސްތަކެއް ވަންދެން ރިހެބްގައި ވެސް އުޅެން ޖެހުނެވެ.