މުނިފޫހިފިލުވުން

11 އަހަރަށްފަހު ޝަރުމީލާ ޓެގޯރު އަނެއްކާވެސް ސްކްރީނަށް


1960ގެ އަހަރަކުތަކުގައި ހިންދީ ސިނަމާތަކުގައި އެންމެ ހިނގި އަންހެން ތަރިންގެ ތެރޭގައި ހިމެނޭ ޝަރުމީލާ ޓެގޯރު އަނެއްކާވެސް ފިލްމަކުން ފެންނަން ތައްޔާރުވެއްޖެއެވެ.

ޝަރުމީލާ އެންމެ ފަހުން ސްކްރީނުން ފެނިފައިވަނީ 2010 ވަނަ އަހަރު ރިލީޒްކުރި "ބްރޭކް ކެ ބާދު" މި ފިލްމުންނެވެ. ދިޕިކާ އާ އިމްރާން ޚާނާއިއެކު ފެނުނު މި ފިލްމަށްފަހު އޭގެ 11 އަހަރު ފަހުން ޝަރުމީލާ ފެންނަން ތައްޔާރުވަމުން ދަނީ "ގުލް މޯހަރް" ކިޔާ ފިލްމަކުންނެވެ.

ޑިޒްނީ ޕްލަސް ހޮޓް ސްޓާއިން ދައްކަން ހަމަޖެހިފައިވާ މި ފިލްމުގައި ޝަރުމީލާގެ އިތުރުން މަނޯޖް ބަޖްޕާއީ، އަމޯލް ޕަލޭކަރް، ސޫރަޖް ޝަރުމާ އަދި ސިމްރަން ރިޝީ ބައްގާވެސް މުހިންމު ރޯލުތަކުން ފެންނާނެއެވެ. މީގައި ދައްކަނީ ބޮޑު އާއިލާއެއްގައި ހިގާ ކަންތައްތަކެކެވެ. މި ފިލްމާއި ބެހޭގޮތުން ޝަރުމީލާ ބުނީ މިއީ ހުރިހާ ގޮތަކުންވެސް ވަރަށް ހިތްހަމަޖެހިގެން އޭނާ ކުޅޭ ފިލްމެއްކަމަށެވެ.

އަންނަ އޯގަސްޓުމަހު ރިލީޒްކުރަން ތާވަލުކޮށްފައިވާ "ގުލްމޯހަރް" އަކީ ފޮކްސް ސްޓޫޑިއޯސް އިން ޕްރޮޑިއުސްކޮށް ރާހުލް ޗިޓެއްލާ ޑައިރެކްޓުކުރާ ފިލްމެކެވެ.

ބޮލީވުޑް އެކްޓަރ ސައިފް އަލީޚާން އަދި އެކްޓްރެސް ސޯހާ އަލީޚާންގެ މަންމަ ޝަރުމީލާ އަކީ ހިންދީ ސިނަމާގައި ފާހަގަކޮށްލެވޭ ނަމެކެވެ. 1964 ވަނަ އަހަރު ދެއްކި ރޮމޭންޓިކް ޑްރާމާ "ކަޝްމީރު ކީ ކާލީ" އިން ބޮލީވުޑަށް ތައާރަފްވި ޝަރުމީލާ ވަނީ ފާހަގަކޮށްލެވޭ ގިނަ ފިލްމުތަކެއް ބެލުންތެރިންނަށް ދޫކޮށްލާފައެވެ.

ބެންގާލީ ސިނަމާގައިވެސް މަޝްހޫރު ބަތަލާ ޝަރުމީލާގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "އަމަރް ޕްރޭމް"، "މޯސަމް"، "އަރާދަނާ"، "ދަ ވޯލްޑް އޮފް ޔޫ" ، "ޗުޕް ޗުޕް ކޭ" ، "ނަމްކީން" ، "އަނޫޕަމާ" އަދި "ޗޯޓީ ބަހޫ" ހިމެނެއެވެ.