މުނިފޫހިފިލުވުން

"ޓޮޕްގަން 2" ގެ ޕްރިމިއާއަށް ޓޮމް ކްރޫޒް އައީ ތަފާތު ގޮތަކަށް


ހޮލީވުޑްގެ ފިލްމުތަކުގެ ތެރެއިން މިއަހަރު އެންމެ އިންތިޒާރުކުރާ އެއް ފިލްމު ކަމުގައިވާ ޓޮމް ކްރޫޒްގެ "ޓޮޕްގަން: މެވެރިކް" ގެ ވޯލްޑް ޕްރިމިއާ މިދިޔަ ބުދަ ދުވަހު ވަނީ ބާއްވާފައެވެ.

މި ހަފްލާއަށް ފިލްމުގެ ލީޑް އެކްޓަރު ޓޮމް ކްރޫޒް އައީ ތަފާތު ގޮތަކަށެވެ. ކެލިފޯނިއާގެ ސެން ޑިއާގޯ ގައި ބޭއްވި ޕްރިމިއާއަށް ކްރޫޒް އައީ ހެލިކޮޕްޓަރެއްގައެވެ. ހެލިކޮޕްޓަރު ދުއްވާފައިވެސް ވަނީ ކްރޫޒް އަމިއްލައަށެވެ. ރެޑްކާޕެޓްގައި ކްރޫޒް ލާފައިހުރީ ކަޅުކުލައިގެ ކޯޓެކެވެ.

"ޓޮޕް ގަން: މެވެރިކް" އަކީ 1986 ގައި ގެނެސްދިން "ޓޮޕް ގަން" ގެ ދެވަނަ ބައެވެ. މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ޖޯސެފް ކޮޒިންސްކީ އެވެ. މި އެކްޝަން ޑްރާމާ ކާސްޓުންގެ ތެރޭގައި ޖެނިފާ ކޮނެލީ، މިލެޒް ޓެލާ، ގްލެން ޕަވަލް ވަލް ކިލްމާ، އެޑް ހެރިސް، ޖޮމް ހެމް އަދި ލުވިސް ޕުލްމަން ހިމެނެއެވެ. މި ފިލްމަކީ 152 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.

"ޓޮޕް ގަން:މެވެރިކް" ގެ އިތުރުން ޓޮމް ކްރޫޒްގެ އެންމެ ކާމިޔާބު ފިލްމު ސީރީޒް "މިޝަން އިމްޕޮޒިބްލް 7" ވެސް އަންނަ ޖުލައި މަހު ރިލީޒްކުރަން މިހާރު ވަނީ ތާވަލުކޮށްފައެވެ. މީގެކުރިން ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައިއޮތީ 2021 ވަނަ އަހަރުގެ ޖުލައި މަހަށެވެ. "މިޝަން އިމްޕޮސިބަލް 7" ގެ ނަމަކީ "ރެކަނިންގް" ކަމަށްވެސް ކްރޫޒް ވަނީ ދާދިފަހުން ބުނެފައެވެ.

1996 ވަނަ އަހަރު ދައްކަންފެށި "މިޝަން އިމްޕޮސިބަލް" ގެ ފިލްމުތަކަކީ ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ކާމިޔާބު ފިލްމުތަކެކެވެ. މި ސީރީޒްގެ އެންމެ ފަހުގެ ފިލްމު "ފޯލްއައުޓް" ރިލީޒްކުރީ މިދިޔަ އަހަރު އެވެ. ކްރިސްޓޯފާ ލިޔެ ޑައިރެކްޓްކުރި އެ ފިލްމު 178 މިިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އިރު ބޮކްސް އޮފީހުގައި ފިލްމަށް 791.1 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.