މުނިފޫހިފިލުވުން

"މިސް މާވެލް" ގެ ރޯލެއް ފަރްހާނަށް


މާވެލް ސްޓޫޑިއޯސްގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނޭ "މިސް މާވެލް" ސީރީޒްގެ ރޯލެއް ބޮލީވުޑް އެކްޓަރ ފަރްހާން އަޚްތަރަށް ލިބިއްޖެއެވެ. ނަމަވެސް މިސީރީޒްގައި ފަރްހާނުގެ ރޯލަކީ ކޮބާއިކަމެއް އަދި ނޭގެއެވެ. ނޫސްތަކުން ބުނާގޮތުގައި ފަރްހާނު މީގައި ފެންނާނީ ހާއްސަ ފެނިލުމެއްގައެވެ.

މި ސީރީޒްގެ ރޯލެއް މީގެކުރިންވެސް އިންޑިއާގެ އެކްޓަރަކަށް ލިބިފައެވެ. އެ ރޯލު ލިބުނީ ބޮލީވުޑްގެ ފިލްމުތަކުން ފެންނަ މޯހަން ކަޕޫރެވެ. އަދި އޭގެފަހުން ޕާކިސްތާނު އެކްޓަރ ފަވާދުޚާނަށްވެސް "މިސް މިވާލެ" ގެ ރޯލެއް ވަނީ ލިބިފައެވެ. ފަވާދަށް ލިބުނީ ހަސަން ކިޔާ ކެރެކްޓާއެއް ކަމަށްވެސް އޭރު ނޫސްތަކުން ރިޕޯޓުކުރިއެވެ.

މާވެލް ސްޓޫޑިއޯ އިން ބުނި ގޮތުގައި "މިސް މާވެލް" ބެލުންތެރިންނާ ހަމައަށް އަންނާނީ އަންނަ ޖޫން މަހުގެ 8 ވަނަ ދުވަހު ޑިޒްނީ ޕްލަސް އިންނެވެ. މީގެ ޓައިޓްލް ރޯލު މިސް މާވެލް ނުވަތަ ކަމާލާ ޚާންގެ ކެރެކްޓާ އިން ފެންނާނީ ކެނެޑާގެ ފުރާވަރުގެ ބަތަލާ އިމާން ވެލާނީ އެވެ. އޭނާ އަކީ ޕާކިސްތާން ދަރިކޮޅަށް ނިސްބަތްވާ ކުއްޖެކެވެ.މާވެލް ސްޓޫޑިއޯސްގެ ފުރަތަމަ މުސްލިމް ސުޕާހީރޯ ފެންނާނެ ސީރީޒް ކަމަށްވާ "މިސް މާވެލް" ގެ ފުރަތަމަ ޓްރެއިލާ ދައްކާލާފައިވަނީ މިދިޔަ މާޗްމަހުއެވެ.

މި ސީރީޒްގައި ދައްކާނީ އެމެރިކާގެ ޖާޒީ ސިޓީގައި ދިރިއުޅޭ ޕާކިސްތާނަށް ނިސްބަތްވާ ފުރާވަރުގެ ކުއްޖެއް ކަމަށްވާ ކަމަލާ ޚާނަށް އާދަޔާ ހިލާފު ބާރެއް ލިބުމުން ހިނގާ ކަންތައްތަކެކެވެ. އަދި އޭނާ އަކީ މާވެލްގެ އެންމެ ވަރުގަދަ އެއް ސުޕަހީރޯ ކަމަށްވާ ކެޕްޓަން މާވެލްގެ ބޮޑު ފޭނެކެވެ.

ގިނަ އަދަދެއްގެ މުސްލިމް އެކްޓަރުން ވެސް ފެންނާނެ "މިސް މާވެލް" ގެ ތަރިންގެތެރޭގައި އަރަމިސް ނައިޓް، ސާގަރް ޝައިހް، ރިޝް ޝާހު، ޒިނޯބިއާ ޝްރޮފް، މޯހަން ކަޕޫރް، މެޓް ލިންޓްޒް، ޔާސްމީން ފްލެޗާ، ލައިތު ނަކްލީ، އަޒްހަރު އުސްމާން، ޓްރާވިނާ ސްޕްރިންގާ އަދި ނިމްރާ ބުޗާ ވެސް ހިމެނެ އެވެ.

މި ސީރީޒް ޑައިރެކްޓު ކުރަނީ އާދިލް އެލް އަރްބީ، ބިލާލް ފަލާހު، މީރާ މެނޮން އަދި ޝަރްމީން އޮބައިދު ޗިނޯއީ އެވެ.
ފަރްހާން ދެން އެންމެ އަވަހަށް މަސައްކަތް ފަށާނީ އޭނާ ޑައިރެކްޓުކުރާ ފިލްމު "ޖީ ލޭ ޒަރާ" ގެ މަސައްކަތެވެ.