 
					
									
			މަޝްހޫރު ސްޕޯޓްސް ވެއަރ ބްރޭންޑް، އެޑިޑާސްއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ފައިދާ 38 އިންސައްތަ ދަށަށް ހިނގައްޖެއެވެ.
އެޑިޑާސްއިން އާއްމުކޮށްފައިވާ ފުރަތަަމަ ކުއާޓަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެކުންފުންޏަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 327 މިލިއަން ޑޮލަރެވެ. 
އެޑިޑާސްއަށް ފުރަތަަމަ ކުއާޓަރުގައި ފައިދާގެ ގޮތުގައި 327 މިލިއަން ޑޮލަރު ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު 38 އިންސައްތަ ދަށް އަދަދެކެވެ. އެޑިޑާސްއިން ބުނީ ފުރަތަމަ ކުއާޓަރުގައި ކުންފުނީގެ ފައިދާ ދަށަށް ދިޔައީ ޗައިނާގައި އެކުންފުނީގެ ވިޔަފާރި ދަށަށް ދިއުމުންކަމަށެވެ. އެގޮތުން ސަޕްލައި ޗެއިންތަކަށް އެރި ލޮޅުމުގެ ސަބަބުން ޗައިނާގައި ހިންގާ އެޑިޑާސްގެ ވިޔަފާރި 35 އިިންސައްތަ ދަށަށް ގޮސްފައިވާކަމަށް އެކުންފުނިން ބުނެއެވެ. 
އެޑިޑާސްއަށް މިދިޔަ އަހަރު ލިބުނު އާމްދަނީގެ 20 އިންސައްތައަކީ ޗައިނާގައި ހިންގާ ވިޔަފާރިތަކުން ލިބުނު އާމްދަނީއަށްވާއިރު، ކޯވިޑް ފެތުރޭތީ ޗައިނާގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މިއަހަރު އެކުންފުނިން ޗައިނާގައި ހިންގާ ވިޔަފާރިއަށް ވާނެގޮތެއް އޮތީ ނޭނގުމެއްގެ ތެރޭގައެވެ. 
މިފަހުން ޗައިނާގައި ކޯވިޑާއި ގުޅިގެން އެޅި ފިޔަވަޅުތަކާއެކު ގިނަ އަދަދެއްގެ ފިހާރަތައް ވަނީ ބަންދުކުރަންޖެހިފައެވެ. އެހެންކަމުން މިއަހަރު ޗައިނާގައި ހިންގާ ވިޔަފާރިތަކުން އެޑިޑާސްއަށް ލިބޭ އާމްދަނީ ވަރަށް ބޮޑަށް ދަށްވެގެންދާނެކަމަށް އެކުންފުނިން ލަފާކުރެއެވެ. 
ޗައިނާގައި ކުރާ ވިޔަފާރިން އެޑިޑާސްއަށް ލިބުނު ފައިދާ ދަށަށް ދިޔަނަމަވެސް، ޔޫރަޕްގައި އެ ކުންފުނިން ހިންގާ ވިޔަފާރިތަކުން ވަނީ ރަނގަޅު އާމްދަނީއެއް ހޯދާފައެވެ. 
އެޑިޑާސްގެ އިތުރުން މަޝްހޫރު ނައިކީ ކުންފުންޏަށްވެސް ޗައިނާގައި ކުރި ވިޔަފާރިން ލިބުނު އާމްދަނީ 5 އިންސައްތަ ވަނީ ދަށަށް ގޮސްފައެވެ. 
ކޯވިޑްގެ ކޭސްތަކެއް ފެނިގެން ޗައިނާގެ ވިޔަފާރީގެ މައި ހަބް، ޝަންގހާއީގައި ޗައިނާ ސަރުކާރުން ލޮކްޑައުނެއް އިއުލާންކުރީ މިދިޔަ މާޗުމަހުގެ ފަހުކޮޅުއެވެ. އަދި މިދިޔަ އޭޕްރީލްމަހުން ފެށިގެން ބައެއް ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް، އެ ސިޓީގެ 8 މިލިއަނެއްހާ މީހުން ތިބީ ލޮކްޑައުންގެ ސަބަބުން ސިޓީ ތެރޭގައެވެ. 
ޗައިނާގެ ވެރިރަށް ބެއިޖިންގައިވެސް ފިޔަވަޅުތައް ހަރުކަށި ކުރަމުންދާއިރު، މިކަމުގެ ސަބަބުން ބޮޑެތި ބްރޭންޑްތަކަށް އިތުރު ގެއްލުމާއި ކުރިމަތިލާންޖެހޭނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.